ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ މޭޔަރުކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރުމަށްޓަކައި، މިހާރު ވެސް އައްޑޫގެ މޭޔަރަކަށް ހުންނެވި އަލީ ނިޒާރު ޝައުގުވެރިކަން ފާޅު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އަންނަ މާޗު ފަހުކޮޅު ބާއްވާ ކައުންސިލް އިންތިހާބުގެ ޕްރައިމަރީއަށް އެމްޑީޕީން އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް އެ ޕާޓީން މިދިޔަ އޮގަސްޓު މަހު ވަނީ ޕްރައިމަރީއަށް ހުޅުވާލުމުގެ ކުރިން ޝައުގުވެރިވާ މީހުން ބެލުމަށް އިއުލާނެއްކޮށްފަ އެވެ.
ތަފްސީލު - އެ އިއުލާންގެ މުއްދަތު މިހާރު ހަމަވެފައިވާއިރު، އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، އައްޑޫ މޭޔަރު ކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ނިޒާރު އެކަންޏެވެ.
އަށާރަ ވަނަ މަޖިލީހުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރުކަން ކުރެއްވި ނިޒާރު، އެ ސިޓީގެ މޭޔަރުކަމުގެ މަގުގެ އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމި ނިންމުމާ ގުޅޭ ގޮތުން އޭނާގެ ބަހެއް އަދި ނުލިބެ އެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި، ޕްރައިމަރީގައި ވާދަ ކުރެވޭނީ، އޮގަސްޓުގައި ކުރި އިއުލާންގެ ދަށުން ޝައުގުވެރިކަން ފާޅު ކުރާ ފަރާތްތަކަށް އެކަންޏެވެ.
ނަމަވެސް އެ އިއުލާންގެ މުއްދަތު ހަމަވި ފަހުން، އައްޑޫ ކައުންސިލް އެކުލެވިގެންވާ ގޮތަށް މިހާރު ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެއީ ހުޅުދޫ އާއި މީދޫ އެ ކައުންސިލުން ވަކިވުމަށް އެ ދެ ރަށުގައި ނެގި ފެންނަ ނުފެންނަ ވޯޓުން މިދިޔަ މަހު ނިންމާފައިވާތީ އެވެ.
އެހެންވެ، އައްޑޫ ކައުންސިލަށް ޝައުގުވެރިކަން ހުރި ފަރާތްތައް ބެލުމަށް އިތުރު ފުރުސަތެއް އެމްޑީޕީން ދޭނެ ކަމަށް ބެލެވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އައްޑޫ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓް ވާދަވެރިކަމެއް އަދި ނެތް އިރު، މާލޭ މޭޔަރު ކަމަށް އެ ޕާޓީގެ ޓިކެޓަށް ވާދަ ކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް އެވެ.
އައްޑޫ މޭޔަރު ކަމަށް އެމްޑީޕީން ޝައުގުވެރިވީ ނިޒާރު އެކަނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ