ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީންގެ މައްސަލައިގެ މައުލޫމާތުތައް ހިމެނޭ ހުރިހާ ފައިލްތަކެއް އާންމުކުރުމަށް ކޮންގްރެސްގައި ނަގާ ވޯޓުގައި އެ ވޯޓާ އެއްކޮޅަށް ވޯޓު ދިނުމަށް އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންފި އެވެ.
އެ ފައިލްތަކުގައި ނަން އޮތް ކަމަށް އެ ގައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުން ޓްރަމްޕަށް އަންގާފައިވާ ކަމަށް ވެސް "ވޯލްސްޓްރީޓް ޖާނަލް" އިން ރިޕޯޓު ކޮށްފައިވެ އެވެ. އެޕްސްޓީން އާއި ޓްރަމްޕަކީ މީގެ ކުރިން ވަރަށް ގާތް އެކުވެރިންނެވެ. ނަމަވެސް 2004 ގެ ފަހުން އެޕްސްޓީނާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށް ޓްރަމަޕް ވިދާޅުވެ އެވެ.
އެ ފައިލްތަކުގައި ޓްރަމްޕްގެ ނަން އޮތް ކަމަށް ތުހުމަތުކޮށް އެތައް ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ. އެ ތުހުމަތުތައް ހުއްޓޭނީ މި ފައިލްތައް އާންމުކޮށްގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާ މައިކް ޖޯންސަން ވަނީ ވިދާޅުވެފަ އެވެ.
"އެޕްސްޓީންގެ ފައިލްތައް އާންމުކުރަން ރިޕަބްލިކަން މެންބަރުން ވޯޓު ދޭން ޖެހޭ، އެއީ އެއްވެސް ކަމެއް ފޮރުވަން ޖެހިފައި ނެތަތީ،" ޓްރަމްޕް ލިޔުއްވި އެވެ.
މިދިޔަ ހަފްތާގައި ކޮންގްރެސްގެ ހައުސް އިންސައިޓް ކޮމިޓީން 20،000 ފައިލެއް ވަނީ އާންމުކޮށްފަ އެވެ. އޭގައި ހުރި ބައެއް އީމެއިލްތަކުގައި ޓްރަމްޕާއި އެޕްސްޓީންއާ ދެމެދު ހާއްސަ ގުޅުންތަކެއް އޮތްކަން ވަނީ ހާމަވެފަ އެވެ.
މިއީ ޑިމޮކްރަޓިކް ޕާޓީއިން ހިންގާ ސްމިއާ ކެމްޕޭނެއް ނުވަތަ އަގު ވައްޓާލުމަށް ކުރާ ކަމެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަކުރައްވާފަ އެވެ. އަދި އެޕްސްޓީންއާ ގުޅުން އޮތް ކަމަށް ބެލެވޭ ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ބެލުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް ޓްރަމްޕް ވަނީ އިރުޝާދު ދެއްވާފަ އެވެ.
މި މައްސަލާގައި ހިމެނޭ ހުރިހާ ފައިލްތަކެއް ހާމަކުރުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް، އެ ވައުދު ފުއްދުމުގެ މަސައްކަތަކަށް ސީދާ ޓްރަމްޕް ވެސް ގެންދަވަނީ ހުރަސް އަޅުއްވަމުންނެވެ. ޓްރަމްޕަށް އެންމެ ވަފާތެރި ސަޕޯޓަރުން ވެސް މިހާރު ދެކޭ ގޮތުގައި އެ ފައިލްތައް ހާމަނުކުރަނީ އޭގެއިން ޓްރަމްޕާ އޮތް ނޭދެވޭ ގުޅުން ހާމަވެދާނެތީ އެވެ.
އެޕްސްޓީންގެ ހަތް ފްލޯގެ މެންޝަނެއް އެމެރިކާގެ ނިއު ޔޯކްގައި ހުއްޓެވެ. އެ މެންޝަނަކީ އެޕްސްޓީން ސެކްސް ޓްރެފިކިން އޮޕަރޭޝަނެއް ހިންގި ތަނެކެވެ.
ކުޑަކުދިންނާއި އަދި އެތަކެއް ޒުވާން އަންހެނުން އެ މެންޝަންގެ ތެރޭގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވީކަން ތަހުގީގުތަކުން އޮތީ ހާމަވެފަ އެވެ. ބިރު ދައްކައި ރިޝްވަތު ހުށަހަޅައިގެން އެފަދަ ކުދިންގެ އަޑު ކަނޑުވާލުމަށް އެޕްސްޓީން މަސައްކަތް ކުރިކަން ވެސް އޮތީ ހާމަވެފަ އެވެ.
އެޕްސްޓީން މެންޝަނަކީ ދުނިޔޭގެ ލީޑަރުންނާއި، ފިލްމީ ތަރިންނާއި، ނުފޫޒުގަދަ ވިޔަފާރިވެރިންނާއި، މަޝްހޫރު އެތައް ބަޔަކު ޒިޔާރަތްކުރި ތަނެކެވެ. އެ މެންޝަނަށް ދިޔަ މީހުން ކުރި ކުށްތައް ސިއްރު ކެމެރާތަކުން ރެކޯޑް ކޮށް ބްލެކްމެއިލް ކޮށްގެން އެޕްސްޓީން މަންފާ ހޯދި އެވެ.
އެޕްސްޓީން ފައިލްތައް އާންމުކުރަން ވޯޓު ދިނުމަށް ޓްރަމްޕް އެދިއްޖެ އެޕްސްޓީން ފައިލްތައް އާންމުކުރަން ވޯޓު ދިނުމަށް ޓްރަމްޕް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ