އެއާލައިންތަކުގެ ސޭލްސް އެޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ދެނީ

އެއާލައިންތަކުގެ ސޭލްސް އެޖެންޓުކަމުގެ ހުއްދަ %100 ދިވެހި ކުންފުނިތަކަށް ދޭ ގޮތަށް ބަދަލުކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ބުނީ ކީކޭ؟ - އަމީން ރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)އިން ވަރަށް އަވަހަށް އެއާ ޓްރާންސްޕޯޓް ސޭލްސްއާ ގުޅޭ އާ ގަވާއިދެއް ގެޒެޓު ކުރާނެ ކަމަށެވެ.
"ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން ޖީއެސްއޭ (ޖެނެރަލް ސޭލްސް އެޖެންޓް)، ޕީއެސްއޭ (ޕެސެންޖާ ސޭލްސް އެޖެންޓް) ނުވަތަ ސީއެސްއޭ (ކާގޯ ސޭލްސް އެޖެންޓް)ގެ ގޮތުގައި އޮޕަރޭޓު ކުރަން ހުއްދަ ދެވޭނީ ހަމައެކަނި %100 ދިވެހި ކުންފުނިތަކަށް،" އަމީން ވިދާޅުވި އެވެ.
ތަފްސީލު - އަމީން ވިދާޅުވި ގޮތުގައި، މިއީ ދިވެހި ކުންފުނިތައް ބާރުވެރިކުރުވާނެ، އަދި ކުންފުނިތަކުން ގިނަ ދުވަސްތަކެއް ވަންދެން އެދެމުން އައި ބަދަލެކެވެ.
ނަމަވެސް އެ ގަވާއިދު ގެޒެޓުކުރާނެ ވަކި ދުވަހެއް އޭނާ ވިދާޅުނުވެ އެވެ.
އެނގުން މުހިންމު - ސީއޭއޭގެ ވެބްސައިޓުގައި އެއާ ޓްރާންސްޕޯޓް ސޭލްސް ވިޔަފާރިކުރާ 50އަށް ވުރެ ގިނަ ކުންފުނި ލިސްޓުކޮށްފައިވެ އެވެ.
ސީއޭއޭއިން އެ ގަވާއިދު ގެޒެޓުކުރާ ހިސާބުން ފެށިގެން ބޭރު ކުންފުނިތަކާއި ޖޮއިންޓް ވެންޗާތަކަށް ވެސް މި ވިޔަފާރި ނުކުރެވޭނެ އެވެ.
މި ބަދަލާ އެކު މި ވިޔަފާރިން ކުންފުނިތަކަށް ލިބޭ ފައިދާ ރާއްޖޭގެ އިގްތިސާދުގައި ހިފަހައްޓަން މަގުފަހިވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ