އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އަހަރެއް ނަގާނެ: ފެނަކަ

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އަދި އިތުރު އަހަރެއްހާ ދުވަސް ނަގާނެ ކަމަށް އެ ސިޓީއަށް ކަރަންޓު ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް މިއަދު ވިދާޅުވެއްޖެއެވެ. އައްޑުއަކީ މާލެ ނަގާފައި އެންމެ ބޮޑު ސިޓީއެވެ. އެކަމަކު، އެ ސިޓީއަށް ކަރަންޓުގެ މައްސަލަ ދިމާވެފައި އޮންނަތާ ކިތަންމެ ދުވަހެކެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ ފާއިތުވި އެއް އަހަރު ދުވަސް ތެރޭގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން 89 ދުވަހު ކަރަންޓު ކެނޑުނުކަން ފާހަގަކުރައްވާފައެވެ. އެހެންވެ، އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ކޮން ދުވަހަކުންތޯ އޭނާ ސުވާލުކުރެއްވިއެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ނަޖާހް ވިދާޅުވީ، އައްޑޫ ސިޓީއަށް ދިމާވެފައި އޮތް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ދެ ގޮތަކަށް އެކަން ހައްލުކުރެވެން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/208890 އެއް ގޮތަކީ އޭނާ ވިދާޅުވި ގޮތުގައި ހައި ސްޕީޑް ޖަނަރޭޓަރުތައް މީޑިއަމް ނުވަތަ ލޯ ސްޕީޑަށް ދަށްކުރުމެވެ. މީގެ އިތުރުން، އައްޑޫ ސިޓީއަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން ވެސް އެ މަސައްކަތް ބަޔަކާ ހަވާލުކުރި ނަމަވެސް އެއީ ސޮވެރިން ގެރެންޓީއެއް ނަގައިގެން ކުރިއަށްގެންދާ މަޝްރޫއަކަށް ވުމުން ފިނޭންސް މިނިސްޓްރީގެ ލަފަޔަކަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާމުން ބަޔަކާ ހަވާލުކުރެވިގެން މަސައްކަތް ފެށޭނެ، އައްޑު އަތޮޅަށް ޕާމަނަންޓް ސޮލޫޝަން ހޯދުމުގެ މަސައްކަތް،" ނަޖާހް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިދިޔަ ރޯދަ މަހު އައްޑޫގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ 12.6 މެގަވޯޓުގެ ކަރަންޓު ކަމަށެވެ. އަންދާޒާތަކަށް ބަލާއިރު މި އަހަރުގެ ރޯދަމަހު އެ އަދަދު އެއް މެގަވޯޓު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހަކަތަ މިހާރު އައްޑޫގައި ހުންނާނެއެވެ. https://sun.mv/201511 "ވަރަށް ޔަގީންކަން އެބައޮތް އެނގޭތޯ ކަރަންޓު ނުކެނޑި އަޅުގަނޑުމެންނަށް ދެވޭނެކަމަށް. ދެން ކަމެއް ދިމާނުވާނެއެކޭ ނޫން،" ނަޖާހް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މި އަހަރު ފެށޭނީ ކަމަށެވެ. އެކަމަކު، މަޝްރޫއު ނިންމަން އިތުރު އަހަރެއްހާ ދުވަސް ނަގާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އެހެންވެ، އެ މައްސަލައަށް ދާއިމީ ހައްލެއް ލިބެންދެން މިހާރު ގެންދާ ޖަނަރޭޓަރުތަކުން ކަރަންޓު ދެވޭތޯ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/202983 "މިނިމަމް އެއް އަހަރު ދުވަސް ނަގާނޭ މުޅި ސޮލޫޝަންއެއް ނެރެން. އެހެންވެ އަޅުގަނޑުމެން މިހާރު މި ގެންނަ ޖަނަރޭޓަރުތައް ގެނެސްގެން މި ބަލަނީ އެއް އަހަރު ދުވަސް ނޫނީ މި ޕްރޮޖެކްޓް ނިމެންދެން ޕަވާ ޖެނެރޭޓުކުރަން،" އޭނާ ވިދާޅުވިއެވެ. ނަޖާހް ވިދާޅުވީ، އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން ހަވާލުކުރާ ކުންފުންޏަކަށް ޝަރުތެއްގެ ގޮތުގައި މަސައްކަތް ނިމެންދެން މެދުނުކެނޑި ކަރަންޓު ދީފައި ބޭއްވުން ހިމަނާނެ ކަމަށެވެ. އެ ނޫން ގޮތަކަށް އެ މަޝްރޫއު ކުރިއަށް ނުގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭއިރު މިދިޔަ ރޯދަމަހު ކަރަންޓު ކެނޑުމުގެ މައްސަލަ ވަރަށް ބޮޑުވިއެވެ. މި ފަހުން ވެސް ކޭބަލްތަކެއް ވަގަށް ނެގުމުގެ ސަބަބުން އެ ސިޓީން ކަރަންޓު ކެނޑުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ