ކަންތައްބޮޑުވެ ހަދާނެގޮތް ހުސްވީމާ

އިންސާނެއްގެ ކުޅަދާނަކަމުން ކަންކަން ނެއްޓިގޮސް ހަދާނެގޮތް ހުސްވީމާ، ދެން ވެސް އޮތީ މާތް ﷲއަށް ވަކީލުކުރުމެވެ. އެއީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ކަންބޮޑުވެ ގޮތްހުސްވާނީ އަޅުގަނޑުމެން އިންސާނުންނެވެ. ތިބާއާއި މި އަޅާ ތަޙައްމަލުކުރަމުން އަންނަ ހުރިހާ ވޭނަކާއި ތުރާލެއް މަމެންނަށްވުރެ ބޮޑަށް ދެނެވޮޑިގެންވަނީ މަތިވެރި ﷲއެވެ. އެއިލާހަކީ މޭތަކުގައިވާ ހިތްތައް ދެނެވޮޑިގެންވާ އިލާހެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿إِنَّ اللَّهَ عَلِيمٌ بِذَاتِ الصُّدُورِ﴾ ‎(آل عمران: ١١٩)‏ މާނައީ: "ﷲއީ، ހިތްތަކުގައިވާހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." އަޅުގަނޑުމެންގެ ހިތްތަކަށް ކުރާ ވޭނާއި ހިތްދަތި އަސަރުތައް ﷲއަށް ދަންނަވާނެ ގޮތެއް ނޭނގިފައި ދުޢާއަށް އަތް ނަގައިގެން ތިބެވޭ ނޫންހެއްޔެވެ؟ ﷲގެ އަޅާ މި ހާލަތުގައި ވާ ހިނދު ވެސް އޭނާ ނުބުނެވިގެން އުޅޭ ވާހަކަ އޭނާއަށްވުރެ މޮޅަށް، ﷲ ދެނެވޮޑިގެން ވެއެވެ. އެހެންކަމުން ކަންތައްބޮޑުވެ ހަދާނެގޮތް ހުސްވީމައި ވެސް ﷲ ހަނދުމަކުރުން އާދަކުރާށެވެ. ﷲ ހަނދުމަކުރުމަކީ ހިތްތަކަށް ހިތްހަމަޖެހުން ލިބޭ ކަމެކެވެ. ﴿الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ﴾ ‎(الرعد: ٢٨) ‏މާނައީ: "އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟" ކަންބޮޑުވެ އުދާސްވާ ވަގުތުތަކުގައި ވަރަށް ގިނަ ފަހަރު ވާ ގޮތަކީ އަމިއްލަ ބުއްދި ފަސްކުރެވި، ވިސްނުމެއް ޚިޔާލެއް ނެތި ވާހަކަ ގިނަ ކުރެވޭ ގޮތް ވަނީއެވެ. ނުވަތަ އަހަންނުޖެހޭ އަޑުތައް އެހުމުގައި މަޝްޣޫލުވެވެނީއެވެ. ނޫނީ މީސްމީޑިއާގެ މަންސަތަކުގައި ވީޑިއޯއާއި ރީލް ބެލުމުގައި ވަގުތުތައް ނަގައިލަނީއެވެ. އެ ގޮތަށް އެކަން ކުރުމަށްވުރެ ﷲ ހަނދުމަކުރުމުގައި ގިނަ ވަގުތު ހޭދަކުރުން މުހިންމެވެ. އަޅުގަނޑުމެންގެ ފެނުމާއި އިވުމާއި ބުއްދިއަކީ އެއާމެދު ސުވާލުވެވޭނޭ ހިއްސުތަކެކެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَـٰئِكَ كَانَ عَنْهُ مَسْئُولًا﴾ ‎)الإسراء: ٣٦(‏ މާނައީ: "އަދި ތިބާޔަށް އެ ކަމަކާ މެދު އެނގުމެއް ނުވާ ކަމަކަށް، ތިބާ ތަބާނުވާށެވެ! ހަމަކަށަވަރުން، އިވުމާއި ފެނުމާއި ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާ މެދު ސުވާލުކުރައްވާނޭ ކަމެއް ކަމުގައި ވިއެވެ." ކަންތައްބޮޑުވެ ހަދާނެގޮތް ހުސްވީމާ، އަތުން ފައިން ގޯސް ހަދާ މީހުން ވެސް އުޅެއެވެ. އެފަދަ މީހަކު ކަމުގައި ތިބާ ނުވާށެވެ! މުސީބާތަކީ އަބަދަށް ދެމިއޮންނާނޭ އެއްޗެއް ނޫނެވެ. ވަރަށް އަވަހަށް ހާލަތު ބަދަލުވެދާނެއެވެ. ކަންކަން ރަނގަޅު ވެދާނެއެވެ. އަދި ކަމެއް ރަނގަޅު ނުވިއެއް ކަމަކު، ދެމިއޮތް މުސީބާތަށް ކެތްކުރުމަކީ އެ މީހަކަށް ވަރަށް ބޮޑު އަޖުރަކާއި ދަރުމައެއް ލިބޭނޭ ކަމެކެވެ. ކަންތައްބޮޑުވެ ހަދާނެގޮތް ހުސްވީމާ ތިމާއާ އެންމެ ދޯޅުވާނީ ޝައިޠާނާއެވެ. އޭނާ ބޭނުންވާނީ އެ ވަގުތުގެ ބޭނުން ހިފައިގެން، މާތް ﷲއަށް އުރެދުމުގެ ޢަމަލެއް ތިބާ ލައްވައި ކުރުވޭތޯ ބަލާށެވެ. އެފަދަ ކަންކަމުން ސަލާމަތްވުން އެދި ﷲގެ ޙަޟްރަތުން ރައްކާތެރިކަން އެދުން އާދަކުރާށެވެ! ﷲ تَعَالى ވަޙީކުރެއްވިއެވެ. ﴿وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ ۖ إِنَّهُ هُوَ السَّمِيعُ الْعَلِيمُ﴾ (فُصِّلَت: ٣٦) މާނައީ: "އަދި ހަމަކަށަވަރުން ޝައިޠާނާގެ ފަރާތުން ވަސްވާސްތެރިކަމެއް އަތުވެއްޖެ ނަމަ، ކަލޭގެފާނު ﷲގެ ރައްކާތެރިކަމަށް އެދޭށެވެ. ހަމަކަށަވަރުން އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ އިލާހެވެ." ކަންތައްބޮޑުވެ ހަދާނެގޮތް ހުސްވީމާ އަމިއްލަ ނަފުސު ގޮވާ ގޮތްތަކަށް ދީލައި ނުލާ ﷲ ޙަދުމަކުރުންމަތީ ތިބުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާންދޭވެ! آمين.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ