އިސްރާއީލުން ޣައްޒާއަށް ހަމަލާދީ 41 މީހުން ޝަހީދުކޮށްލުމުން އެކަަމަށް ޓްރަމްޕް ތައުރީފްކޮށްފި
ޣައްޒާ (29 އޮކްޓޯބަރު 2025) : ޣައްޒާއާ ދެކޮޅަށް އިސްރާއީލު ކުރަމުންގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ގޮންޖެހުމަށްފަހު ރޭ އިސްރާއީލުން ވަރަށް ވަރުގަދަ ހަމަލާތަކެއް ޣައްޒާގެ މަދަނީ ތަންތަނަށްދީ އާންމުންގެ 41 އަށް ވުރެ ގިނަމީހުން ޝަހީދުކޮށްލައިފިއެވެ. ޣައްޒާގެ ސިއްހަތާބެހޭ އިދާރާއިން ބުނިގޮތުގައި އިސްރާއީލުން ރޭ ޣައްޒާގެ ރަފްހު، ޚާން ޔޫނުސް އަދި މަވާސީއަށް ވައިގެމަގުންނާއި ކަނޑުގެ މަގުން ގިނަ ހަމަލާތަކެއްދީ 41 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް 50 އަށް ވުރެގިނަމީހުން ޒަޚަމްކޮށްލާފައިވާ ކަމުގައެވެ. ޝަހީދުކޮށްލި މީހުންގެ ތެރޭގައި 17 ކުޑަކުދިން ހިމެނެއެވެ. ޣައްޒާގެ ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން މީގެކުރިންވެސް ގިނަ ހަމަލާތަކެއްދީ އާންމުން ޝަހީދު ކޮށްލާފައިވެއެވެ. ނަމަވެސް މިއީ އެއްވަގުތަކު މިހާ ވަރުގަދަ ހަމަލާތަކެއް ޣައްޒާއަށްދީ އިސްރާއީލުން އެއްބަސްވުމާ ޚިލާފުވި ފުރަތަމަ ފަހަރުކަމަށް ރިޕޯޓްތައް ބުނެއެވެ. މުރާސިލުން ބުނާގޮތުގައި މި ހަމަލާތައް ދީ އެއްބަސްވުމާ ޚިލާފުވުމުގައި އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫގެ މައިގަނޑު ބޭނުމަކީ މިހަމަލާތައް ދިނުމުން އެމެރިކާ އަމަލުކުރާ ގޮތެއްގެ އަޖުމަ ބަލާލުމެވެ. މި ހަމަލާތަކަށް އެމެރިކާ އަޅައިނުލައިފިނަމަ ނަތަންޔާހޫގެ ބޭނުމަކީ މިފަދަ ހަމަލާތައް ތަކުރާރުކޮށް ޣައްޒާގެ އާންމުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކު މެރުންކަމަށް ނަތަންޔާހޫގެ ސުލޫކާއި އޭނާގެ ސިޔާސަތު ދިރާސާ ކުރާފަރާތްތަކުން ބުނެއެވެ. އަނެއް ބޭނުމަކީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާއެކުވެސް އިސްރާއީލުގެ ގަދަބާރު ދައްކާލައި އެއްބަސްވުމެއް އޮތަސް އިސްރާއީލު ބޭނުންކަމެއް ކުރާނެކަން އިސްރާއީލަށް ހުރަސްއެޅޭނެ އެއްވެސް ފަރާތެއް ނޯންނާނެކަން ދުނިޔެއަށް ހާމަކުރުން ކަމަށްވެސް މިފަރާތްތައް ދެކެއެވެ. މި ހަމަލާތައް ދިނުމުގެ ކުރިން އިސްރާއީލުވަނީ ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ އަސީރުންގެ ތެރެއިން އިސްރާއީލުގެ ހަމަލާތަކުގައި މަރުވެފައިވާ އަސީރުންގެ ހަށިތައް ހަވާލުކުރުމުގައި ހަމާސްއިން އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ބުނެ ބަހަނާތަކެއް ދައްކާފައެވެ. އިސްރާއީލުގެ ހަމަލާތަކުގައި މަރުވެފައިވާ އަސީރުންގެ ހަށިތައް އިސްރާއީލާ ހަވާލުކުރުމުގެ ކަންތައް ހަމާސްއިން ލަސްކުރަމުންދާކަމަށް ބުނެ އިސްރާއީލުގެ މަސްއޫލުވެރިން ވާހަކަ ދައްކާފައިވެއެވެ. އަދި ހަވާލުކުރި އަސީރެއްގެ ހަށިގަނޑު އޭނާގެ ޑީއެންއޭ އާ ދިމާނުވާކަމަށްވެސް ބުނެ ހަމާސްއަށް އިންޒާރު ދީފައިވެއެވެ. ހަމާސް ބުނާގޮތުން އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި މަރާލާފައިވާ އިސްރާއީލުގެ އަސީރުންގެ ބައެއް ހަށިތައް ހަވާލުކުރުން ލަސްވަނީ އެހަށިތައް އިމާރާތްތަކާއި ބިންގަރާސްތަކުގެ ކޮންކްރީޓްތަކުގެ ދަށުގައި ވަޅުލެވިފައިވާތީ ކޮންކްރީޓްތައް ނަގާނެ އާލާތްތަކާއި ސާމާނު އެޖަމާއަތުގެ އަތުގައި ނެތުމުގެ ސަބަބުންނެވެ. ސާމާނު ފޯރުކޮށް ދެނިކޮށް މި ޕްރޮސެސް އަވަސްވާނެކަމަށްވެސް ހަމާސްގެ މަސްއޫލުވެރިއަކު ވިދާޅުވެފައިވެއެވެ. ޑީއެންއޭ އާ ދިމާނުވި ހަށިގަނޑުގެ މައްސަލަ ބަލާނެކަމަށްވެސް ހަމާސްއިން ބުނެފައިވެއެވެ. ހަމާސްއިން މިހާތަނަށްވަނީ އިސްރާއީލުން މަރާލާފައިވާ އިސްރާއީލުގެ އަސީރުންގެ އެތަށް ބައެއްގެ ހަށިތައް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ރެޑްކްރޮސް މެދުވެރިކޮށް އިސްރާއީލާ ހަވާލުކޮށްފައެވެ. ބާކީ ހަވާލުނުކުރެވި އޮތީ މަދު މީހެއްގެ ހަށިތަކެވެ. ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއް ބުނާގޮތުން ރޭގެ ހަމަލާތަކަކީ ނަތަންޔާހޫ ގެ ސީދާ އެންގުމަށް އިސްރާއީލު ސިފައިން ދިން ވަރަށް ވަރުގަދަ ހަމަލާތަކެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލުން ރޭ ޣައްޒާއަށް ދިން ހަމަލާތަކަށް ތައުރީފް ކުރައްވައި އެއީ ހައްގު ހަމަލާތަކެއްކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް އާ ހަވާލާދީ ރޮއިޓާސް ބުނިގޮތުގައި ހަމާސްގެ ސުލޫކު ހުރިގޮތުން ބަދަލު ހިފުމަކީ އިސްރާއީލުގެ ހައްގެކެވެ. އެހެންކަމުން އިސްރާއީލުން ހައްގުގެ ބޭނުން ކުރީއެވެ. މެދުއިރުމަތީގައި އެމެރިކާ ކުރަންއުޅޭ ކަންކަމަށް ބަލާއިރު އަދި ޣައްޒާގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ބަލާއިރު އިސްރާއީލަކީ ބޮޑުއަދި ބާރުގަދަފަޅި ކަމަށާ ހަމާސްއަކީ ކުޑަ އަދި ބަލިކަށިފަޅި ކަމަށްވެސް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ. އިސްރާއީލުގެ އުދުވާނީ ހަމަލާތަކަށްފަހު ދެއްވި ބަޔާނެއްގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޕްލޭންއާ އެއްގޮތަށް ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލާއި ހަމާސް އާ ދެމެދު ވެފައިވާ އެއްބަސްވުން އަދިވެސް ދެމި އޮންނާނެ ކަމަށެވެ. އެއްބަސްވުން ކުރިޔަށްދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ