ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ދެ ހަފުތާއިން ބަޖެޓު ދިރާސާކޮށް ނިންމަނީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަމަށް އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް، އަދި ނައިބު މުގައްރިރުކަމަށް ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު އައްޔަންކޮށްފިއެވެ. މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމާއި، އިގްތިސޯދީ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ފަޒާދު އައްޔަންކުރަން ބަޖެޓު ކޮމިޓީން ނިންމީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ދެ ބޭފުޅުންގެ ނަންތައް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ޔޫނުސްއެވެ. ތާއީދުކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ. ސަލީމާއި ފަޒާދު ފިޔަވައި އިތުރު ބޭފުޅެއްގެ ނަމެއް ކޮމިޓީގެ މުގައްރިރުކަމަށްވެސް އަދި ނައިބު ކަމަށްވެސް ހުށައެއްނާޅައެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ނިންމީ މިހާރުވެސް އަމަލުކުރަމުންދާ އުސޫލުން ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންގޮސް، މި މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ކޮމިޓީގެ މަސައްކަތްތައް ނިންމާލުމަށެވެ. ބަޖެޓު ދިރާސާކުރާ ކޮމިޓީ ބައްދަލުވުން --- ފޮޓޯ/ މަޖިލިސް ގަވައިދުގައިވާ ގޮތުން ބަޖެޓު ދިރާސާކުރާ ކޮމިޓީން ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓާ ޖެނެރަލްގެ ލަފާ ހޯދަން ޖެހޭނެއެވެ. ކޮމިޓީގެ އިދާރީ މޭޒުން ބުނީ ބަޖެޓަށް ލަފާ ހޯދުމަށްޓަކައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރަށާއި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. "އެމްއެމްއޭއިން ވިދާޅުވަނީ އެމްއެމްއޭ ގަވަރުނަރު ރާއްޖޭގައި ހުންނަވާނީ 15ގައި އެކަނި ކަމަށް، ވިދާޅުވީ 15ވަނަ ދުވަހުގެ މެންދުރުފަސް އޯކޭ ކަމަށް، ދެން އޮޑިޓަރު ޖެނެރަލް ވިދާޅުވީ އާދީއްތަ ދުވަހު (ނުވަވަނަ ދުވަހު) މާލޭގައި އުޅުއްވާނެ ކަމަށް، 10އިން 16އަށް ރަސްމީ ދަތުރުފުޅެއްގައި ރަށުން ބޭރުގައި އުޅުއްވާނެ ކަމަށް،" އިދާރީ މޭޒުން ބުންޏެވެ. https://sun.mv/213459 ކޮމިޓީ ބައްދަލުވުމުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ ބަޖެޓާ ގުޅޭގޮތުން މުނައްވަރާއި ނިޔާޒީގެ ބަހެއް ބަޖެޓު ބަހުސްގެ ކުރިން ބޭނުންވާ ކަމަށެވެ. އަދި ބަޖެޓާ ގުޅޭގޮތުން ބައްދަލުކުރަން ޖެހޭ ފަރާތްތަކާ ކޮމިޓީން ބައްދަލުކުރުމުގެ ކުރިން ވީ އެންމެ އަވަހަށް އެ ދެބޭފުޅުންގެ ބަސް ބޭނުންވާ ކަމަށް ނާޒިލް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ، މުނައްވަރާއި ނިޔާޒީގެ ބަހެއް އާދީއްތަ ދުވަހުގެ މެންދުރު 12 ޖަހާއިރު ލިބޭނެ ކަމަށާއި، ވީ އެންމެ އަވަހަށް އެ ދެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމުގެ މަސައްކަތްކުރައްވާނެ ކަމަށެވެ. ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. މިއީ މި އަހަރު ތަންފީޒުކުރަމުން އަންނަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 7.6 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ. https://sun.mv/213322 އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެހާ ބޮޑަށް ބޮޑުވީ އަންނަ އަހަރު ރިކޯޑު މިންވަރެއް ދަރަނި ދައްކަން ހޭދަކުރަންޖެހޭތީއެވެ. އެގޮތުން، އަންނަ އަހަރު އެކަނި ޖުމުލަ 1.1 ބިލިއަން ޑޮލަރު ދަރަނި ދައްކަން ހޭދަކުރަންޖެހެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ތާރީޚީ ބިޔަ ބަޖެޓެއް ހުށަހަޅާއިރު މި އަހަރު ހުށަހެޅި ބަޖެޓުގައި ހުރި ގިނަ ކަންކަން ވެސް ތަންފީޒުކޮށްފައެއް ނުވެއެވެ. އެގޮތުން، މާލީ އިސްލާހީ ފިޔަވަޅުތަކުން 7.7 ބިލިއަން ރުފިޔާ ސަލާމަތްކުރަން ބަޖެޓުގައި ހިމެނިއެވެ. އެކަމަކު، އެއިން އެއްވެސް ކަމެއް ސަރުކާރުން ތަންފީޒެއް ނުކުރެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްހީ ދާއިރާއަށް ކަމަށް ވިދާޅުވެފައެވެ. މި އަހަރުގެ ބަޖެޓުން އެންމެ އިސްކަމެއް ދިނީ ބޯހިޔާވަހިކަމަށެވެ. ބަޖެޓަށް ނަން ދިނީ ވެސް ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައެވެ. އެކަމަކު، ހިސާބުތަކުން އެނގޭ ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖެހި 1.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ޚަރަދުކުރީ އެންމެ ނުވަ އިންސައްތައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ