އިގުތިސާދީ ގުޅުން ހަރުދަނާކުރަން އަޒަރްބައިޖާނުގެ ރައީސާ އެކު މަޝްވަރާކޮށްފި

ޗައިނާގެ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ މިއަދު ބައްދަލުކުރައްވައިފިއެވެ. އެސްސީއޯ ސަމިޓުގެ ހަވާސާގައި ޓިއާންޖިން މެއިޖިއާން ކޮންވެންޝަން ސެންޓަރުގައި ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އަޒަރްބައިޖާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ޚާއްޞަކޮށް އިގުތިސާދީ ގޮތުން ދެ ގައުމުގެ ގުޅުން ފުޅާކުރެއްވުމަށް ވަނީ މަޝްވަރާކުރައްވާފައި ކަމަށް ރާއީސް އޮފީހުން ބުންޏެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އަޒަރްބައިޖާނާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި ވެސް މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ އެކު، އިގުތިސާދީ ގޮތުން ދެ ގައުމުގެ ގުޅުން ފުޅާކުރެއްވުމަށް ވަނީ އިސްކަންދެއްވާފަ ކަމަށް ރާއީސް އޮފީހުން ހިއްސާކުރައްވާފަވެއެވެ. އެސްސީއޯ ސަމިޓުގެ ހަވާސާގައި ޓިއާންޖިން މެއިޖިއާން ކޮންވެންޝަން ސެންޓަރުގައި ކުރިއަށް ގެންދެވި ބައްދަލުކުރެއްވުން -- ފޮޓޯ/ ރާއީސް އޮފީސް މީގެ އިތުރުން، މިދިޔަ އަހަރު ބޭއްވި ކޮޕް29 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އަޒަރްބައިޖާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުން ރައީސަށް ދެއްވި މެހުމާންދާރީއަށްޓަކައި، އެ މަނިކުފާނު ވަނީ ރައީސް އިލްހާމް އަލިޔޭވްއަށް ޝުކުރު އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ދެ ބޭފުޅުންގެ ވާހަކަފުޅުގައި އިސްކަންދެއްވި ކަންކަމުގެ ތެރޭގައި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމާއި، އިގުތިސާދީ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ދެ ގައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރުކުރުމަށް މަޝްވަރާކުރެވިފައިވެއެވެ. މި ބައްދަލުކުރެއްވުން ނިންމާލައްވަމުން ދެ ބޭފުޅުން ވެސް ވަނީ ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ އެކު، ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރައީސް އިއްޔެ ވަނީ ނޭޕާލްގެ ބޮޑުވަޒީރާ ވެސް ބައްދަލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ