ރެކޯޑު ފީއަކަށް ނިއުކާސަލްގެ އިސާކް ލިވަޕޫލަށް
ނިއުކާސަލްގައި ވިދާލި ސްވިޑަންގެ ފޯވާޑް އެލެގެޒެންޑާ އިސާކް 130 މިލިއަން ޕައުންޑުގެ ބޮޑު ފީއަކަށް ލިވަޕޫލަށް ބަދަލުވެއްޖެއެވެ. މީގެކުރިންވެސް އިސާކް ގަންނަން ލިވަޕޫލުން މަސައްކަތްކުރި އެވެ. އެގޮތުން މިމަހުގެ ކުރީކޮޅު 110 މިލިއަން ޕައުންޑު ލިވަޕޫލުން ހުށައެޅިއެވެ. ނަމަވެސް ނިއުކާސަލްއިން ބުނީ އެ އަގު ބޮޑުކުރުމަށެވެ. ނަތީޖާއެއްގެ ގޮތުން ނިއުކާސަލް ވަނީ ފަހުން ހުށައެޅި 130 މިލިއަން ޕައުންޑަށް އެއްބަސްވެފައެވެ. އެއީ އިސާކް ބޮޑާހާކާ ވަރުންނެވެ. އެގޮތުން ޕްރެކްޓިހަށް މަކަރުހަދާ ކަންކަން ކުރުމުން ކުލަބުން އޭނާ ގަދަކަމުން ބަހައްޓަން ބޭނުންނުވީ ކަމަށް އޮފިޝަލުން ބުނެއެވެ. ޓްރާންސްފާ މާކެޓް ބަންދުވުމުގެ ވަގުތު ކުޑަތަންވެފައިވަނިކޮށް ދެ ކުލަބުން މިކަމަށް އެއްބަސްވީ އިނގިރޭސި ރެކޯޑް ފީއަކާ އެކުގައެވެ. އިސާކް މިހާރު ވަނީ ލިވަޕޫލްގެ މެޑިކަލްވެސް ފުރިހަމަކޮށްފައެވެ. އިސާކް ބުނީ އޭނާއަށް ނިއުކާސަލްގެ ޖާޒީގައި ކުޅެވޭނެ ގޮތެއް ނެތް ކަމަށާއި ވައުދު އުވާލައި، އިތުބާރު ގެއްލިއްޖެނަމަ ދެން ކުރިއަށް ނުދެވޭނެ ކަމަށެވެ. އަދި ލިވަޕޫލާ ގުޅުނީ ޗެމްޕިއަނުންނާއެކު ކާމިޔާބީ ހޯދުމުގެ ބޭނުމުގައި ކަމަށާއި އުންމީދަކީ ރަނގަޅު ކާމިޔާބީތަކެއް ލިވަޕޫލުގައި ހޯދުން ކަމަށެވެ. ހުސްވި ސީޒަނުގައި 23 ގޯލު ޖަހައި ޕްރިމިއަރ ލީގުގެ ގަދަ އެގާރަ ކުޅުންތެރިންގެ ތެރޭގައި ވެސް އިސާކް ހިމެނުނެވެ. އެއާއެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގެ އެންމެ ވަރުގަދަ ކުޅުންތެރިންގެ ތެރޭގައެވެ. ލިވަޕޫލަކީ ޕްރިމިއާ ލީގުގެ ތަށި ދިފާއުކުރުމަށް މި ސީޒަނުގައި އެންމެ ބޮޑަށް ވަރުގަދަކުރި ޓީމެވެ. މިގޮތުން އެ ޓީމުން ވަނީ ބޮޑު އަގުގައި ހަތަރު ކުޅުންތެރިއަކު ގެނެސްފައެވެ. ނަމަވެސް އުފެދޭ ސުވާލަކީ މި ކުޅުންތެރިންނާއެކު ލިވަޕޫލުގެ ޓާގެޓަށް ވާސިލުވެދާނެ ބާވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ