އަލިފާން ނިއްވާ އިތުރު ލޮރީއެއް ފޮނުވައި، ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަން ފަށަން މަސައްކަތްކުރަނީ
އެކަހެރިކޮށް އޮންނަ ފުވައްމުލައް ސިޓީ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކްގެ ހޮޅިއެއް ފަޅައިގެން ގޮސް ވަގުތީ ގޮތުން އެ އެއާޕޯޓު މިއަދު ބަންދުކުރުމުން، އިތުރު ފަޔާ ޓްރަކެއް ފޮނުވައި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. "ފޭސްބުކް"ގައި މުހައްމަދު ހާމްގެ ނަމުގައިވާ އެކައުންޓަކުން އަލިފާން ނިއްވާ ލޮރީގެ ފޮޓޮއެއް ހިއްސާކޮށް ކުރި ޕޯސްޓެއްގައި ބުނީ، އެ ލޮރީ މިވަގުތު އޮތީ ލޭންޑިން ކްރާފްޓެއްގެ މަތީގައި ކަމަށާއި، އެ ލޭންޑިން ކްރާފްޓްގެ މިސްރާބު ހުރީ ފުވައްމުލަކަށް ކަމަށެވެ. އެ ޕޯސްޓުގައި ލަފާކޮށްފައިވާ ގޮތުން މިރޭ 9:30 ހާއިރު އެ އަލިފާން ނިއްވާ ލޮރީ ފުވައްމުލަކުގެ އެއާޕޯޓަށް ގެންދެވި، މިރޭ ނޫނީ މާދަމާ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފެށޭވަރުވާނެއެވެ. ލޭންޑިން ކްރާފްޓް ފުވައްމުލަކަށް ގެންނަނީ އައްޑޫ ކޮޅުންނެވެ. މިކަމާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން، އެމްއޭސީއެލުން ބުނީ، ފުވައްމުލަކުގެ އެއާޕޯޓުގައި ބޭނުންކުރާ އަލިފާން ނިއްވާ ލޮރީގެ ހޮޅި ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މައްސަލަ ފާހަގަވުމާއެކު ރޭ ދަންވަރުގެ ވަގުތެއްގައި އިންޖީނެއްވެސް ގެންގޮސްފައިވާނެ ކަމަށެވެ. "ފަޔާ ލޮރީއަކީ ފްލައިޓް ލޭންޑްކުރާއިރު އޭގެ ސޭފްޓީއަށް ހަދާފަ އޮންނަ ކޯ ކޮމްޕޯނެންޓެއް. އެހެންވީމަ ފަޔާ ލޮރީ ވޯކިން ކޮންޑިޝަނެއްގަ ނެތިއްޔާ ލޭންޑެއް ނުކުރެވޭނެ. އެއީ އަޔާޓާ [އިންޓަނޭޝަނަލް އެއާޕޯޓްސް ޓްރާންސްޕޯޓް އެސޯސިއޭޝަން]ގެ މިންގަނޑެއް ހަދާފަ އޮންނަ،" އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މައްސަލަ ހައްލުވިހާ އަވަހަށް މިރޭ ނޫނީ މާދަމާ، ނުވަތަ އެއަށްވުރެ އަވަހަށް އެއާޕޯޓު އޮޕަރޭޝަނަށް ގެނެވޭ ވަރު ވާނެއެވެ. ފުވައްމުލަކު ސިޓީ -- ފޮޓޯ/ ފުވައްމުލައް އެއާޕޯޓު؛ ފޭސްބުކް އެކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ އެއާޕޯޓު ބަންދުކުރަން ޖެހުމުން ގިނަ ފްލައިޓްތަކެއް ކެންސަލްވެ، ވަރަށް ގިނަ ދަތުރުވެރިންނަށް ފުވައްމުލަކަށް ނާދެވި އަދި ފުވައްމުލަކުން ނުދެވިފައިވާ ކަމަށެވެ. ޚާއްސަކޮށް ގިނަ ފަތުރުވެރިންގެ ދަތުރުތަކަށް ބުރޫ އެރުމުގެ ކަންބޮޑުވުން މޭޔަރު ފާހަގަކުރެއްވިއެވެ. މޭޔަރު ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް ފަޔާ ޓްރަކްގެ ހޮޅިއެއް ފަޅައިގެން ގޮސް، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫ އެރުމުގެ ހާދިސާ ހިނގާފައި އެބަހުއްޓެވެ. "ވަރަށް މުހިންމު ކަމެއް އެއީ ކުރިއަށް އޮތް ތަނުގައި އެފަދަ މައްސަލައެއް ތަކުރާރުނުވާ ގޮތަށް މައްސަލަ ހައްލުކުރުން. މިރޭ 00:00 ހާއިރު ހީވަނީ ފަޔާ ޓްރަކް އަންނާނެހެން އައްޑޫއިން،" މޭޔަރު ވިދާޅުވިއެވެ. ފުވައްމުލަކު އެއާޕޯޓުގެ އަލިފާން ނިއްވާ ލޮރީގެ ހޮޅި ފަޅައިގެން ދިއުމާ ގުޅިގެން، މޯލްޑިވިއަންގެ ދަތުރުތައް ވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލައިފައެވެ. https://sun.mv/210763 އެ އެއާލައިނުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ފުވައްމުލައް އެއާޕޯޓު ވަގުތީ ގޮތުން ބަންދުކުރަން ޖެހުމުގެ ސަބަބުން ދަތުރުތަކަށް ބުރޫ އަރާފައިވާ ކަމަށެވެ. މޯލްޑިވިއަންއިން ބުނީ، އޭގެ ސަބަބުން އަސަރު ކުރާނެ ފަސިންޖަރުންނަށް ގުޅާ، އެހީތެރިކަމާއި އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. މޯލްޑިވިއަންއިން ވަނީ ފުވައްމުލައް އެއާޕޯޓު ބަންދުވުމުން ފަސިންޖަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ. އެހީތެރިކަމަކަށް ބޭނުންވެއްޖެ ނަމަ މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމަށް އެ އެއާލައިނުން ވަނީ އެދިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ފުވައްމުލަކަކީ ލޯކަލް ޓޫރިޒަމް ވެސް ކުރިއަރަމުން އަންނަ ރަށެކެވެ. އެ ގޮތުން، ޑައިވްކުރަން ރާއްޖެ އަންނަ ފަތުރުވެރިންގެ މެދުގައި އެ ރަށް ވަރަށް މަގުބޫލެވެ. ދަތުރުފަތުރު އަގު ބޮޑުވުމަކީ އެ ރަށުގައި ލޯކަލް ޓޫރިޒަމް ހިންގާ ފަރާތްތަކުގެ ވެސް ކަންބޮޑުވުމެކެވެ. ވަގުތީ ގޮތުން އެއާޕޯޓު ބަންދުކުރަން ޖެހުމުން އެ ކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ