މިދިޔަ އަހަރަށްވުރެ 218 މިލިއަން ރުފިޔާ އިތުރަށް މުސާރައަށް ޚަރަދުކޮށްފި
ދައުލަތުގެ ބަޖެޓުން މިއަހަރުގެ މިހާތަނަށް މުސާރައަށް ކުރި ޚަރަދު، މިދިޔަ އަހަރަށްވުރެ އިތުރުވެއްޖެއެވެ. މިއަހަރުގެ ބަޖެޓުގައި މުސާރައާއި އިނާޔަތާއި ޕެންޝަންގެ ގޮތުގައި 15.7 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައެވެ. ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާއްމުކުރާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު'އިން ދައްކާ ގޮތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތާއި ޕެންޝަންގެ ގޮތުގައި 9.4 ބިލިއަން ވަނީ ޚަރަދުކޮށްފައެވެ. އޭގެ ތެރެއިން މުސާރައާއި އިނާޔަތުގެ ގޮތުގައި 4،214.2 މިލިއަން ރުފިޔާ ނުވަތަ 4.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއަހަރުގެ ބަޖެޓުގައި މުސާރައާއި އިނާޔަތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 7،746 މިލިއަން ރުފިޔާ ނުވަތަ 7.7 ބިލިއަން ރުފިޔާއެވެ. ބާކީ މުސާރައާއި އިނާޔަތުގެ ގޮތުގައި ހޭދަކުރުމަށް ބަޖެޓުގައި އިނީ 3.5 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުސާރައާއި އިނާޔަތުގެ ގޮތުގައި ޚަރަދުކުރީ 3،995.8 މިލިއަން ރުފިޔާ ނުވަތަ 3.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު މި މުއްދަތުގައި ވަނީ އިތުރަށް 218.4 މިލިއަން ރުފިޔާ މުސާރައަށް ޚަރަދުކޮށްފައެވެ. މުވައްޒަފުންނަށް ދޭ އެލަވަންސަށް ބަޖެޓުގައި 6.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އަހަރުގެ މިހާތަނަށް 3.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ މިދިޔަ އަހަރަށްވުރެ 155.1 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެހާތަނަށް 3.6 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. ހަމައެއާއެކު ޕެންޝަނަށް ކުރި ހޭދަ ވެސް އިތުރެވެ. އެގޮތުން: ޕެންޝަން: 1.4 ބިލިއަން ރުފިޔާ ބޭސިކް ޕެންޝަން: 974.4 މިލިއަން ރުފިޔާ ރިޓަޔާމަންޓް ބެނިފިޓްސް: 465 މިލިއަން ރުފިޔާ މުސާރައާއި އިނާޔަތަށް ކުރި ޚަރަދު އިތުރުވެފައިވާއިރު، މި ސަރުކާރުގެ އަމާޒަކީ ޚަރަދު ވީހާވެސް ކުޑަކުރުމެވެ. ނަމަވެސް ޚަރަދުތައް ކުޑަކުރެވޭ ތަނެއް ނުފެނެއެވެ. ކަން އެހެން އޮއްވައި، ސަރުކާރުގެ ސިޔާސީ މުވައްޒަފުން އިތުރުވެ އެކަމުގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް ސިޔާސީ މުވައްޒަފުންގެ އަދަދުތައް ހާމަކުރީ ސަރުކާރަށް ދޮޅު އަހަރުވެސް ވީ ފަހުންނެވެ. މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ރޭ ދަންވަރު ރައީސް އޮފީހުން ވަނީ ސަރުކާރުގައި ތިއްބެވީ 922 ސިޔާސީ މުވައްޒަފުން ކަމަށް ބުނެފައެވެ. އެއީ ވެސް ވައުދުފުޅަށް ވުރެ 222 މުވައްޒަފުން އިތުރު އަދަދެކެވެ. https://sun.mv/208664 ކެމްޕެއިން ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ އިތުރުނުކުރުމަށެވެ. މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 3،000އަށްވުރެ އިތުރުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި އަދަށް ވެސް ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކެއް މި ސަރުކާރަށް ތަންފީޒެއް ނުކުރެވެއެވެ. ރާއްޖޭގެ އިގްތިސޯދީ ހާލަތު ދަށްވެ، ބޭރުގެ އިދާރާތައް ކަމަށްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކް ދަފަ ތަންތަނުން ވަނީ އާސަންދައާއި، ސަބްސިޑީ ރިފޯމްކުރަން ގޮވާލައިފައެވެ. އެ ގޮތަށް ޕެންޝަން ހިމެނޭހެން ގިނަ ރިފޯމްތަކެއް މި އަހަރުގެ ބަޖެޓުގައި ހިމެނިއެވެ. އޭރު ސަރުކާރުގެ އިސްވެރިން ވެސް ވަނީ ޚަރަދު ކުޑަނުކޮށް އަޑިގަނޑުން އަރައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، އެ ފިޔަވަޅުތައް ތަންފީޒެއް ނުކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ