ވާހަކަދެއްކުމުގެ 38 ވަނަ ގައުމީ މުބާރާތަށް ބޮޑު ތަރުހީބެއް
ދިވެހިބަހާއި ސަގާފަތް ދިރުވައި އާލާކުރުމަށް ދިވެހިބަހުގެ އެކެޑަމީން އިސްނަގައިގެން ކުރިއަށް ގެންދާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 38 ވަނަ ގައުމީ މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ދިވެހި ބަހުގެ އެކެޑަމީން ބުނެފިއެވެ. މިދިޔަ ހަފުތާގެ ބުދަ ދުވަހު ފެށި މި މުބާރާތަކީ ދިވެހިރާއްޖޭގެ ހުރިހާ އިސްކޫލު މަދަރުސާތަކާއި، މަތީ ތައުލީމުދޭ ކޮލެޖު ޔުނިވާސިޓީތަކާއި، އަމިއްލަ ފަރާތްތަކަށް ހުޅުވައިލައިގެން ބާއްވާ މުބާރާތެކެވެ. ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 239 މީހުންނާއި ކުދިން ބައިވެރިވެފައިވާކަމަށް ދިވެހިބަހުގެ އެކެޑަމީން ވަނީ ބުނެފައެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ދަށު ސާނަވީ އުމުރުފުރައިގެ ދަރިވަރުންގެ ވާހަކަދެއްކުމުގެ ބުރެވެ. މިހާތަނަށް 96 ދަރިވަރަކު ވާހަކަދައްކާފައިވާއިރު، މި ގިންތީގެ ވާހަކަދެއްކުން މިއަދު ނިމޭނެކަމަށް އެކަޑަމީން ބުނެފައިވެއެވެ. މުބާރާތުގެ އިސްކޫލުތަކުގެ ބައި ކުރިއަށް ގެންދަނީ 'ފައްސިޔަ' ބުރާއި 'އަރުތަ' ބުރޭ ކިޔުނު ދެ ބުރަކަށް ބަހައިލައިގެންނެވެ. ފައްސިޔަ ބުރުގައި ގުރުއަތުން ނެގޭ މައުޟޫއަށް ތައްޔާރުވުމަށް ތިން މިނެޓުގެ ވަގުތު ދެވި، ދަށު ސާނަވީ ދަރިވަރުން ފަސް މިނެޓަށް އަދި ސާނަވީއާއި މަތީ ސާނަވީ ދަރިވަރުން ހަތް މިނެޓަށް ވާހަކަދައްކާނެއެވެ. ވާހަކަދެއްކުމުގެ 38 ވަނަ ޤައުމީ މުބާރާތުގައި ދަރިވަރަކު ވާހަކަދައްކަނީ -- ފޮޓޯ/ ދިވެހިބަހުގެ އެކެޑަމީ ފައްސިޔަ ބުރުން އެންމެ މަތީ މާކުސް ހޯދައިގެން ކޮންމެ ގިންތިއަކުން އެންމެ މޮޅު 10 ދަރިވަރުން ވާދަކުރާނީ އަރުތަ ބުރުގައެވެ. އަރުތަ ބުރުގައި ހުރިހާ ބައިވެރިންނަށް ވެސް ވާހަކަދައްކަން ދެނީ އެއް މައުޟޫއެކެވެ. މި ބުރުގައި ދަރިވަރުން ވާހަކަދައްކަނީ ޕޯޑިއަމަކާ ނުލައި، ޕްރެޒެންޓޭޝަން ހުށަހަޅާ އުސްލޫބަށެވެ. ދަށު ސާނަވީ ދަރިވަރުންގެ އަރުތަބުރު އަންނަ ހޮނިހިރު ދުވަހު ކުރިއަށް ދާނެއެވެ. މުބާރާތުގެ އަރުތަ ބުރުން ކޮންމެ ގިންތިއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ދަރިވަރު ހޮވާނެއެވެ. މީގެ އިތުރުން ކޮންމެ ގިންތިއަކުން އެންމެ މޮޅު 10 ދަރިވަރުން ވެސް ހޮވާނެއެވެ. ދިވެހިބަހުގެ އެކެޑަމީން ބުނި ގޮތުގައި، 60 އިންސައްތައިން މަތިން މާކްސް ހާސިލުކުރާ ދަރިވަރުންގެ ވާހަކަދެއްކުން އެސްއެސްޓީވީއާއި، ޕީއެސްއެމް އަދި ވީޓީވީން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. https://sun.mv/210490 މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ފާހަގަކޮށްލެވޭ އަދި ވާހަކަދެއްކުމުގެ ފަންނުގައި ތަޖުރިބާކާރު ބޭފުޅުންނެވެ. ދިވެހިބަހުގެ އެކެޑަމީގެ ރައީސް، ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވީ، މުބާރާތަށް އިސްކޫލުތަކާއި ބެލެނިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. އެގޮތުން ކުރިއަށް ހުރި ދަންފަޅިތަކުގައި ވީހާ ވެސް ގިނަ ބެލެނިވެރިންނާއި ދަރިވަރުން، މި މުބާރާތް ބައްލަވައިލެއްވުމަށް ވަޑައިގެންދެއްވުމަކީ އެކެޑަމީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އަޝްރަފް ވިދާޅުވިއެވެ. މި މުބާރާތަކީ ދިވެހިބަހުން ވާހަކަދެއްކުމުގެ ހުނަރު ތަރައްގީކޮށް، ދަރިވަރުންނާއި އާންމުންގެ މެދުގައި ބަހުގެ ރީތިކަން ފެތުރުމަށް އެކެޑަމީން ކުރާ ބުރަ މަސައްކަތުގެ މުހިންމު ބައެކެވެ. ވާހަކަދެއްކުމުގެ ގައުމީ މުބާރާތަކީ ވަރަށް ގިނަ ސްކޫލުތަކަކުން އިންތިޒާރުކުރާ ވާދަވެރި މުބާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ