ވެލާނާ އެއާޕޯޓުގެ ގިނަ ފްލައިޓްތަކެއް މިއަދު ވެސް ކެންސަލް

މެދުއިރުމަތީ ސަރަހައްދުގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް މިއަދު އަންނަން އޮތް 14 ފްލައިޓެއް ކެންސަލް ވާނެ ކަމަށް އެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއްޖެ އެވެ.ކެންސަލްކުރި ފްލައިޓްތަކުގެ ތެރޭގައި ހިމެނެނީ މެދު އިރުމަތީގެ ގައުމުތަކުގެ ސިޓީތަކުން މާލެ އަންނަ އެމިރޭޓްސް، ފްލައި ދުބާއީ، ގަލްފް އެއާ، އެއާ އަރަބިއާ، އެތިހާދު އަދި ގަތަރު އެއާވޭސްގެ ފްލައިޓްތަކެވެ. އިއްޔެ ވެސް ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވެ، 1،400 ޓޫރިސްޓުން އެއާޕޯޓުގައި ވަނީ ތާށިވެފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ކަމަށްވާ އިނާ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤް ލިޔުއްވާފައިވާ ގޮތުގައި، ވީއައިއޭއަށް މިއަދު އަންނަން ހަމަޖެހިފައި އޮތް 14 ފުލައިޓެއް ކެންސަލްވުން އެކަށީގެންވެއެވެ.ފިރާޤްގެ ޕޯސްޓުގައި ވަނީ، މިކަމުން ދައްކައިދެނީ މެދުއިރުމަތީގެ ހާލަތު ނާޒުކު ކަމާއި، ރާއްޖޭން ބޭރުގައި ހިނގާ އެކި ކަންކަމުގެ ސަބަބުން އެކި ގޮތްގޮތަށް އަސަރުކުރާ ކަން ކަމަށެވެ.ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ރޭ ވިދާޅުވީ ފަސިންޖަރުން ތިބުމަށް ކުރީގެ ޑޮމެސްޓިކް ޓާމިނަލްގެ ޑިޕާޗާ ހޯލް މަމަޖައްސައި، ވައިފައި ލިބޭނެ އިންތިޒާމު ވެސް އެމްއޭސީއެލް އިން ހަމަޖައްސާފައިވާ ކަމަށެވެ."ފަތުރުވެރިންނަށް ތިބެވޭނެ ގޮތަށް، ގޮނޑި އާއި ވައިފައި ވެސް ފަތުރުވެރިންނަށް ލިބޭ ގޮތަށް ހަމަޖައްސައިދެއްވާ، ފަތުރުވެރިން މިތަނަށް ބަދަލު ކުރަމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.މީގެ އިތުރުން، ކުރީގެ ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ހުންނަ ރެސްޓޯރެންޓުތަކުގެ ތިރީ ބައި ވެސް ފަސިންޖަރުންނަށް ތިބެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ތޯރިގު ވިދާޅުވި އެވެ.އެއާޕޯޓުގައި ނުފުރި ފަތުރުވެރިންނަށް ނިދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެމްއޭސީއެލް އިން ވަނީ ރަޖަ އާއި ބާލީސް ވެސް ފޯރުކޮށްދީފަ އެވެ.އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ހޫނުވެ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރައިފައެވެ. އެގޮތުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. މީގެ ސަބަބުން ސަޢޫދީ ހިމެނޭހެން އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުތަކަށް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ