އެމްޑީޕީ ތެރޭގައި ދެބަސްވުން އޮތަސް ހިޔާލު ތަފާތުވުމެއް ނެތް: ގަފޫރު

އެމްޑީޕީގެ ތެރޭގައި ބައެއްފަހަރު ދެބަސްވުންތައް އޮތަސް، ހިޔާލު ތަފާތުވުމެއް ނެތް ކަމަށާއި ނާކާމިޔާބީ ކުރިމަތިވިޔަސް، އެކަން ހިތުގައި ލައިގެން ޕާޓީއާ ދުރުގައި އެއްވެސް މީހަކު ނުހުންނާނެ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މުސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ.
ތަފްސީލް - ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނެރޭ ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީން އިއްޔެ ޕްރައިމަރީއަށް ފަހު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަފޫރު ވިދާޅުވީ، އިންތިހާބުގެ ކުރިން ކިތަންމެ ވާދަވެެރިކޮށް ކެމްޕޭންތައް ކުރިއަށް ގެންދިޔަޔަސް އިންތިހާބު ނިންމާލީީ ހުރިހާ ކެންޑިޑޭޓުން ވެސް ވަރަށް އެކުވެރިކޮށް ކަމަށެވެ. އަދި، ވޯޓު ހިނގާދިޔަ ގޮތާމެދު އެއްވެސް މީހެއްގެ ޝަކުވާއެއް ހުށަހެޅިފައެއް ނެތް ކަމަށާއި  މިއީ މިހާތަނަށް އެމްޑީޕީގެ ޕްރައިމަރީއެއްގައި ބޭއްވުނު އެންމެ ސުލުހަވެރި، އެކުވެރި އަދި އެއްބައިވަންތަކަމާ އެކު ކުރިއަށް ދިޔަ އިންތިހާބު ކަމަށް ވިދާޅުވި އެވެ.
ގަފޫރު އިތުރަށް ވިދާޅުވީ:
އެމްޑީޕީއަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމުގައި ނަމޫނާ ދައްކާ ޕާޓީއެއް؛ އިއްޔެގެ އިންތިހާބުން ފެނުނީ އެ ނަމޫނާ
ސްކޫލު ބަންދާ ދިމާކޮށް ވަރަށް ގިނަ މީހުން ރާއްޖެއިން ބޭރުގައި ވެސް ޗުއްޓީ ހޭދަކުރަމުންދަނިކޮށް އިއްޔެ ބޭއްވި އިންތިހާބުގެ ވޯޓަށް ގިނަ ބައެއްގެ ތާއީދު ލިބުނު 
އެތެރޭގެ އިންތިހާބެއް ވެސް އަދި ބޭރުގެ އިންތިހާބެއްގެ ވެސް އިންތިހާބުގެ ފޯރި ހުންނަންޖެހޭނެ؛ އެކަން މިދިޔަ އިންތިހާބުތަކުގައި ވެސް ފެނިގެން އެދިޔައީ
އެމްޑީޕީގެ އެއްވެސް ބޭފުޅަކު ޕާޓީއާ ދުރަކު ނުހުންނާނެ މިއަންނަ ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން؛ ހުރިހާ ބޭފުޅުން ވެސް ތިބޭނީ އެއްކޮށް
"އަޅުގަނޑުމެންނަކީ ބަލިވެ ބަލި ގަބޫލުކުރަން އެނގޭ. މޮޅުވެ، މޮޅުވާން އެނގޭ ޕާޓީއެއް މި ޕާޓީއަކީ. އެހެންވީމާ [އިންތިހާބުތަކުން] ބަލިވީމާ އެބޭފުޅުންނަށް އެނގޭނެ މިފަހަރު މިވީ ބަލިކަން. އެކަމުގައެއް އެބޭފުޅުންނެއް ނުތިބޭނެ. ހަމަ ގަދަކޮށް ޕާޓީއާއެކު މަސައްކަތްކުރާނީ،" ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގަފޫރު ވިދާޅުވި އެވެ.
" އަޅުގަނޑުމެންގެ ތެރޭގައި ބައެއްފަހަރު ދެބަސްވުން އޮތް ކަމުގައި ވިޔަސް، ހިޔާލު ތަފާތުވުމެއް ނެތް. އެންމެން އެއްކޮށް އިރާދަކުރެއްވިއްޔާ މި އިންތިހާބު ކާމިޔާބު ކުރާނަން،"
އިއްޔެ އޮތް ކައުންސިލް ޕްރައިމަރީގައި ޖުމްލަ 66 ވޯޓުފޮށި ބެހެއްޓި އެވެ. އެއީ މާލޭގައި 31 ވޯޓު ފޮށި އަދި އެހެނިހެން ރަށްރަށުގައި 34 ވޯޓު ފޮއްޓެވެ. މި އިންތިހާބުގައި 123 ކެންޑިޑޭޓުން ވާދަކުރި އެވެ.
އެނގުން މުހިންމު - 2018ގައި އެމްޑީޕީން ވެރިކަމަށް އައުމަށް ފަހު އުފެދެން ފެށި ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިގެންދިޔަފަހުން، އެ ޕާޓީގެ އެތެރޭގެ ޒުވާބުތަކަށް އަދިވެސް ދާއިމީ ހައްލެއް ނުލިބެ އެވެ. އޭގެފަހުން އައި މުހިންމު އިންތިހާބުތަކަކުން އެމްޑީޕީއަށް ނާކާމިޔާބު ލިބުނީވެސް މި ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.
އެގޮތުން:
މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ކަނޑައަޅަން ބޭއްވި އެތެރޭގެ ޕްރައިމަރީގައި ނަޝީދު ނާކާމިޔާބުވެވަޑައިގަތުމާ އެކު ސޯލިހުގެ ސަރުކާރާ ދެކޮޅަށް ނަޝީދާއި އެ މަނިކުފާނުގެ ވަފާތެރިން މަސައްކަތްކުރައްވަމުން ގެންދެވި 
އެ ކޯޅުމުގެ ތެރެއިން އަލީ އާޒިމް ވަކިކުރަން ވެސް އެމްޑީޕީން ނިންމި؛ އެ ގޮތަށް ޕާޓީން ނިންމުމާ އެކު އަލީ އާޒިމް ހިމެނޭހެން ނަޝީދުގެ ވަފާތެރިން 'ޑިމޮކްރެޓްސް'ގެ ނަމުގައި ޕާޓީއެއް ހަދައިގެން، އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރުނު
ސިޔާސީ މަސައްކަތުގައި ނުހަނު އަނިޔާ އާއި ހިތާމަވެރިކަމާއި އެކަނިވެރިކަން ލިިބިފައިވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ، 2023ގެ ޑިސްމްބަރު މަސްތެރޭ ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގެންފައި
 ނަމަވެސް މިދިޔަ ޖޫން މަސްތެެރޭ ނަޝީދު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައި؛ އިންތިހާބުތަކުގައި މާބޮޑު ކާމިޔާބީއެއް ނުލިބި، ޑިމޮކްރެޓްސްގެ މުޅި ލީޑާޝިޕާއި ގިނަ މެންބަރުން ވެސް އެމްޑީޕީއާ މިހާރު ވަނީ އަލުން ގުޅިވަޑައިގަތްފައި
މިދިޔަ ނޮވެމްބަރު މަސްތެރޭ އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވީ ވެސް ޕާޓީގެ ތެރޭގައި ދެބަސްވުންތަކާއި ހިޔާލު ތަފާތުވުންތައް ގިނަކަން ފާހަގަކޮށް، އެކަން ހައްލުކުރަން ކުރި މަސައްކަތް ކާމިޔާބުނުވިކަމަށް ވިދާޅުވެ އެވެ. ފައްޔާޒުގެ އިސްތިއުފާއަށް ފަހު ވެސް ސޯލިހާއި ނަޝީދާ ދެމެދު ބަހުގެ ހަމަލާތަކެއް ރައްދުކުރެވިގެންދިޔައިރު، އެމްޑީޕީގެ އެތެރޭގައި އަދިވެސް ނަޝީދާއި ސޯލިހުގެ ފެކްޝަން އޮތްކަން ސާފުކޮށް ފެނެ އެވެ. އެކަމަކު ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް، މިދެބޭފުޅުން މިދިޔަ މަހު ބޭއްވި ހިޔާލު އެއްގޮތް ކުރުމުގެ މަޝްވަރާ ބައްދަލުވުންތަކަށް ފަހު ވިދާޅުވީ، ކައިރިނުވެވޭ ވަރަށް ދުރުނުވަން' ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ