ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދޫކުރާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލުމަށް ނިންމައިފިއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް އެންމެ ފަހުން ހުޅުވާލަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް ގިނަ އަދަދެއްގެ ބަޔަކު އެޕްލައި ކުރާނެ ކަމަށް ލަފާކުރެވޭތީ އާއި ހަފުތާ ބަންދާ ދިމާކޮށް ހުޅުވާލުމުން އާންމުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދަތިތަކެއް ދިމާވެދާނެތީ މިނިސްޓްރީން ވަނީ އެ ތާރީހު މާދަމާއަށް ފަސްކޮށްފައެވެ.
އެހެންކަމުން މާދަމާ ހެނދުނު 9:00 ގައި ޕޯޓަލް އާންމުކޮށް ހުޅުވާނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެއެވެ.
ދިވެހި ކޮންމެ ދިވެހި ރައްޔިތަކީވެސް ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުވެފައިވާ ރައްޔިތަކަށް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. ”ބޯހިޔާވަހިކަން އެންމެންނަށް“ގެ ނަން ދީފައިވާ މި ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެ އިން ދޫކުރަން ހަމަޖެހިފައިވަނީ 7،900 ފްލެޓާއި 1،250 އަކަފޫޓުގެ 15,000 ގޯއްޗެވެ. ފްލެޓުތައް ދިނުމުގައި 15 ކެޓަގަރީއެއް ވަނީ ކަނޑައަޅައިފައެވެ.
އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ޒުވާނުންނާއި ޓެކްސީ ޑްރައިވަރުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެއެވެ. އަދި ހަމަ އެހެންމެ ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި މަސްވެރިންނާއި މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތަކަގެ އިތުރުން ވެށިފަހި، ހިޔާ މަޝްރޫއު ފްލެޓު ލިބޭނެކަމުގެ ލިޔުން ލިބި ފްލެޓު ހަވާލު ނުކުރި ފަރާތްތައް ވެސް ހިމެެނެއެވެ.
ގޯތި ސްކީމަށް ކުރިމަތިލެވޭނީ މާލެ ރަށްވެހިންނާއި މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށެވެ. އޭގެ ތެރެއިން މާލޭ ރަށްވެހިންނަށް ގޯތި ދޭން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދު އަދި ރަސްމާލެއިންނެވެ. އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޭން ނިންމާފައިވަނީ ރަސްމާލެއިންނެވެ.
މި 4،000 ފްލެޓުގެ ތެރެއިން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2،200 ފްލެޓު، ވިލިމާލޭގެ ގެއެއްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 300 ފްލެޓު މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1،000 ފްލެޓު އަދި ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 500 ފްލެޓު ވަނީ ކަނޑައަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ