އިހުތިރާމު ނުކުރުމާއި ފައިސާގެ ތުހުމަތާއެކު ޝަހީދު ލެގަސީ 2އޮފްއަސްއިން ވަކިވެއްޖެ، "އެއީ ވަން މޭން ޝޯއެއް"
ދެފުށް ފެންނަ ގޮތަކަށް ފައިސާގެ ކަންކަން ނުބެލެހެއްޓުމުގެ އިތުރަށް މިއުޒިކީ ދާއިރާގައި ހޭދަކުރި 25 އަހަރުތެރޭ ހޯދާފައިވާ ތަޖުރިބާއާ ހުނަރަށް އެއްވެސް ގަދަރެއް ވެސް ނުކުރާ ކަމުގެ ތުހުމަތާއެކު، މަޝްހޫރު ބޭންޑް "ޓޫއޮފްއަސް"ގެ ގިޓަރިސްޓު އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެ ބޭންޑުން ވަކިވެއްޖެއެވެ. ޝަހީދު ނެރުނު ބަޔާނުގައި ބުނީ އެ ނިންމުމަކީ ވަރަށް ބޮޑަށް ވިސްނުމަށްފަހު، ޓޫއޮފްއަސް ދޫކޮށްލަން ނިންމި އުނދަގޫ ނިންމުމެއް ކަމަށެވެ. ނަމަވެސް އެފަދަ ނިންމުމެއް ނިންމާއިރު ވަކިން ޚާއްސަކޮށް މިއުޒިކް ކޮމިއުނިޓީގައި ހުރި މައްސަލަތައް ސަޕޯޓަރުންނާއި ފޭނުންނަށް އެނގެން ޖެހޭ ކަމަށް ޝަހީދު ބުނެފައިވެއެވެ. ޝަހީދުގެ ބަޔާނުގައި ބުނެފައި ވަނީ އޭނާ އެ ބޭންޑުން ވަކިވީ އިތުރު އެހެން ގޮތެއް ނެތިގެން ކަމަށެވެ. ޓޫއޮފްއަސް އިން އޭނާ ވަކިވާން ނިންމި މައިގަނޑު ސަބަބެއްގެ ގޮތުގައި ޝަހީދު ފާހަގަކުރީ މާލީ ގޮތުން ދެފުށް ފެންނަ ގޮތަކަށް ފައިސާގެ ކަންކަން ބެލެހެއްޓުން ނެތުމުގެ ސަބަބުންނެވެ. އަދި އެއްބަސްވެފައިވާ ގޮތަށް އުޖޫރަ ނުލިބުމުގެ ސަބަބުން ބޭންޑުން ވަކިވީ ކަމަށް ވެސް އޭނާ ބުންޏެވެ. ޝަހީދު ބުނީ އުންމީދާއެކު ފެށި އެ ދަތުރު، ހިތްދަތި ތަޖުރިބާއަކަށް ބަދަލުވެގެން ދިޔައީ ކަމަށެވެ. އަދި އެ ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ނަމަވެސް، ދުވަސްތައް ފާއިތުވަމުން ދިޔައިރު އެކަން ކުރަން ޖެހުނީ އަޅާނުލައި ދޫކޮށްނުލެވޭ ހިސާބަށް ކަންކަން ދިޔުމުން ކަމަށް ޝަހީދު ބުންޏެވެ. ހަމައެއާއެކު ބޭންޑާއެކު ކުރިއަށް ދާނަމަ ފަންނީގޮތުންނާއި ޕްރޮފެޝަނަލް ގޮތުން ކުރިއަށްދާނެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ޝަހީދު ބުންޏެވެ. ޓޫ އޮފް އަސްގެ ހުށަހެޅުމެއްގެ ތެރެއިން -- ފޮޓޯ/ ޓޫ އޮފް އަސް ބޭންޑުގެ މިސްރާބު ހުރި ގޮތުން އޭނާގެ މިއުޒިކްގެ ހުނަރާއި، ސްޓައިލާ ދުރަށް ދާންޖެހޭ ކަމަށާއި، އިތުރު އާ އުފެއްދުންތަކެއް ނެތުމުން ބޭންޑާއެކު އިތުރަށް ކުރިއަށްދާން އުނދަގޫ ކަމަށް އޭނާ ބުންޏެވެ. އަދި ބޭންޑުގެ މިސްރާބު މިހާރު އޮތީ، އެންމެން ގުޅިގެން ކުރިއަށް ދިޔުމުގެ ބަދަލުގައި އެކަކުގެ ބާރުގައި 'ވަން މޭން ޝޯ' އެއްގެ ގޮތުގައި ކަމަށް ޝަހީދު ބުންޏެވެ. ވަކިން ޚާއްސަކޮށް އޭނާ މިއުޒިކީ ދާއިރާގައި ހޭދަކުރި 25 އަހަރުތެރޭ އޭނާ ހޯދާފައިވާ ތަޖުރިބާއާ ހުނަރަށް އެއްވެސް ގަދަރެއް ނުކުރީތީ ހިތާމަކުރާ ކަމަށް ޝަހީދު ބުންޏެވެ. ނަމަވެސް އެ ބޭންޑާއެކު ހޭދަކުރި މުއްދަތުގައި، އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގައި ބައިވެރިވުމަށް ފުރުސަތު ލިބުނީތީ އޭނާ ވަނީ ޝުކުރުވެރިވެފައެވެ. އެ ކާމިޔާބީ ހާސިލްކުރުމަށް އަހަރެން ވަރަށް ބުރަކޮށް މަސައްކަތް ކުރިން. އެ ތަޖުރިބާ އަހަރެން އަބަދުވެސް ހަނދާން ހުންނާނެ. [ބޭންޑުގައި} ދެން ތިބި މެންބަރުންނަށް މުސްތަގުބަލުގައި ހެޔޮ އެދުންތައް އަރިސްކުރަން. އާޓިސްޓެއްގެ ހައިސިއްޔަތުން އަހަރެންނަކީ ކާކުކަން ދައްކުވައިދޭ މިއުޒިކަށް އަހަރެން ވަރަށް ބޮޑަށް ފޯކަސް ކުރާނަން،ޝަހީދު ލެގަސީ ޝަހީދު އެ ބޭންޑުން ވަކިވިއިރު، އެ ބޭންޑުގެ ވޯކަލިސްޓެއްގެ ގޮތުގައި ކުރިން އުޅުނު މުހައްމަދު ނަސޫހު ބިން ނަސުރުއްދީން ވެސް ވަނީ މިދިޔަ އަހަރު އެ ބޭންޑުން ވަކިވެފައެވެ. ނަމަވެސް އޭނާ އެ ބޭންޑުން ވަކިވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ޓޫއޮފްއަސް މަޝްހޫރުވީ، މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްކަން ހޯދުމާއެކުއެވެ. އެ ކާމިޔާބީއަކީ ދިވެހިރާއްޖޭގެ ލައިވް މިއުޒިކްގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ. އޭރު އެ ބޭންޑުގައި ޖުމުލަ ފަސް މެންބަރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ