ކެރިކް ހަވާލުވެ ޔުނައިޓެޑުން ސިޓީ ބަލިކޮށްފި ކެރިކް ހަވާލުވެ ޔުނައިޓެޑުން ސިޓީ ބަލިކޮށްފި

މެންޗެސްޓާ (ޖެނުއަރީ 17) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން 2-0 އިން ވާދަވެރި މެންޗެސްޓާ ސިޓީ އަތުން މޮޅުވެއްޖެ އެވެ.
މައިކަލް ކެރިކް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ފުރަތަަމަ މެޗު ފަށައިގެން ދެ ވަަނަ މިނިޓްގައި ކުރި އެޓޭކުގައި ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، ހެރީ މެގުއާ ކޯނަރެއްގައި ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެެވެ.
ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފަ އެވެ. އެކަމަކު، ސިޓީގެ ކީޕަރު ޖިއަންލުއީޖީ ޑޮނަރުންމާ ކައިރިން ނައްޓާފައި، ޔުނައިޓެޑްގެ އަމަދު ޑިއާލޯ އާއި ބްރޫނޯ ފެނާންޑޭސް ޖެހި ގޯލުތައް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އޮފްސައިޑް ކަމަށެވެ. ދެ ވަނަ ހާފު ފަށައިގެން، ޔުނައިޓެޑުން ކުރި ފުރަތަމަ ރަނގަޅު އެޓޭކެއްގައި އަމަދު ޖެހި ޝޮޓަކުން އޭރިއާތެރެއިން ރީބައުންސް ބޯޅައެއް ލިބި، ކަސެމީރޯ ފޮނުވާލި ހަމަލާ ކީޕަރު ޑޮނަރުންމާ ވަނީ ހުއްޓުވައިފަ އެވެ
ޔުނައިޓެެޑްގެ ކޯޗު ކެރިކް: މިއީ، 2022 ގެ ފަހުން އޭނާ އެ ޓީމަށް ކޯޗުކޮށްދިން ފުރަަތަމަ މެޗު.
. .
މެޗުގައި ޔުނައިޓެޑުން ލީޑުނެގީ 65 ވަނަ މިނިޓްގައި ބްރަޔާން އެމްބެއުމޯ ޖެހި ގޯލުންނެވެ. މިއީ، ފެނާންޑޭސް ދިން ބޯޅައަކުން ހަމަޖެހިލައިފައި ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އެމްބެއުމޯ ޖެހި ލަނޑެކެވެ. މިއީ، އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކެމަރޫނަށް ކުޅެން ދިއުމަށް ފަހު އެނބުރި އައިސް އެމްބެއުމޯގެ ފުރަތަމަ މެޗެެވެ.
ޔުނައިޓެޑުން ތިން ޕޮއިންޓް ކަށަވަރުކުރި ގޯލު 76 ވަނަ މިނިޓްގައި ޖެހީ ޕެޓްރިކް ޑޯގޫ އެވެ. މިއީ، ޔުނައިޓެޑްގެ މަޓެއުސް ކޫންޏާ ގޯލު ކުރިމައްޗަށް ނެގި ހުރަހަަކަށް އަރައި ޑޯގޫ ޖެހި ގޯލެކެވެ.
ސިޓީ ބަލިވުމުން އާސެނަލަށް ލީގުގެ އެއް ވަަނައިގައި ނުވަ ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ. ސިޓީ އަށް 22 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލަށް 21 މެޗުން 49 ޕޮއިންޓް ވަނީ ލިބިފަ އެެވެ. ޔުނައިޓެޑުން މި ހޯދި މޮޅާ އެކު، 22 މެޗުން 35 ޕޮއިންޓް ވަނީ ހޯދައިފަ އެވެ.
ޔުނައިޓެޑުން ކެރިކާ އެކު މޮޅަކުން ނިންމާލިއިރު، ސިޓީ އަށް ލީގުގައި ޖެހިޖެހިގެން މޮޅެއް ނުލިބި ނިންމާލަން ޖެހިފައި މި ވަނީ ހަތަރު މެޗެވެ. މި މެޗުގެ ކުރިން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ސިޓީ ވަނީ އެއްވަރުވެފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ