އިންޑޮނޭޝިއާގެ މަތިންދާބޯޓެއް ގެއްލިގެން ހޯދަނީ

އިންޑޮނޭޝިއާ އެއާ ޓްރާންސްޕޯޓުން ދުއްވާ އޭޓީއާރު 42-500 މަރުކާގެ ބޯޓެއް، ޔޮގްޔަކާޓާއިން މަކައްސަރަށް ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުންދާކަމަށް ރިޕޯޓުކޮށްފިއެވެ. 
ޖުމްލަ 11 މީހުންނާއެކު ދަތުރުކުރި މި ބޯޓުގައި ތިބީ އަށް ފަޅުވެރިންނާއި ތިން ފަސިންޖަރުންނެވެ. ބޯޓުގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި، ދެކުނު ސުލަވޭސީގެ ފަރުބަދަގަދަ ސަރަހައްދެއް ކަމަށްވާ މާރޮސް ރީޖެންސީގެ މަތިން އުދުހެމުން ދަނިކޮށެވެ.
ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ބޯޓު ހޯދުމުގެ ފުޅާ އޮޕަރޭޝަނެއް ފަށާފައެވެ. މިގޮތުން، އެއްގަމު މަގުން ހަރަކާތްތެރިވާ ޓީމުތަކާއި، ޑްރޯން އަދި އުޅަނދުފަހަރު ބޯޓާ ގުޅުން ކެނޑުނު ސަރަހައްދަށް ވަނީ ފޮނުވާފައެވެ. ބޯޓު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ނަމަވެސް، އަދި މިހާތަނަށް ބޯޓުގެ އެއްވެސް ނިޝާނެއް ނުވަތަ ސަލާމަތްވި މީހެއްގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
މި ބޯޓު ގެއްލެން މެދުވެރިވި ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ތަހުގީގު ކުރާ ފަރާތްތަކުން ބުނަމުންދަނީ މިކަން ދިމާވެފައިވަނީ އެ ސަރަހައްދުގެ މޫސުމީ ހާލަތުގެ ސަބަބުންކަމަށެވެ.
މިހާދިސާއާއި ގުޅިގެން އެ ގައުމުގެ ސަރުކާރުގެ އިދާރާތަކުން ވަނީ މިކަމާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށާއި، އިތުރު ތަފްސީލު ލިބެންދެން ކެތްތެރިވުމަށް އާންމުންގެ ކިބައިން އެދިފައެވެ.
އިންޑޮނީޝިއާގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީ އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ރެސްކިއު ޓީމުތަކުން ދަނީ ދަތި އުނދަގޫ ސަރަހައްދުތަކުގައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދަނީ އެ ސަރަހައްދުގެ ލޯކަލް އިދާރާތަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ