ވާދަވެރިން އުޅެނީ އިޖުތިމާއީ ފޭރާން ވީދާލަން: ނައިބު ރައީސް

ވާދަވެރިން އުޅެނީ ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ ތެރެއިން އިޖުތިމާއީ ފޭރާން ވީދާލަން ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ މެދު ހެންވޭރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިއީ ކުޑަކުޑަ އާބާދީއެއް ކަމަށާއި މި އާބާދީ ތެރޭގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދައިގެން ލިބޭނެ އެއްވެސް މަންފާއެއް ނެތް ކަމަށެވެ.
"ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ ތެރެއިން އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން ވީދާލަން މަސައްކަތް އެކުރަނީ. އެހެންނަމަވެސް އަޅުގަނޑު ކުރިން ދެންނެވިހެން އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ފެއްޓެވި ވަރަށް ބިޔަބޮޑު މަޝްރޫއެއް އެއީ މި ގައުމުގައި އިޖުތިމާއީ ފޭރާން ރަނގަޅުކުރައްވަން ފެއްޓެވި މަސައްކަތްޕުޅު. އޭގެ ސަބަބުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލަށް ހެޔޮ ބޮޑު ބަދަލުތަކެއް އަންނާނެކަން ޔަގީން،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ޖަވާބުދާރީ ކުރުވަން ދައްކާ ވާހަކަތައް މުޖުތަމައު ތެރެއަށް ދޫކޮށްލަން ޖެހޭނީ ވަރަށް ބޮޑު ޒިންމާއެއް އޮތްކަން އެނގިގެން ކަމަށާއި އެހެންނޫން ނަމަ، އޭގެ ސަބަބުން މުޖުތަމައު ތެރޭގައި އިޖުތިމާއީ ހަމަނުޖެހުމަަށް ޖާގަ އުފެދި، ނަފުރަތާއި ރުޅިވެރިކަން އުފެދި، ޒާތީ ހަސަދަ އާއިލާތަކުގެ ތެރޭގައި އުފެދޭ ކަމަށެވެ.
"ވެރިން ޖަވާބުދާރީކުރުވަން ދައްކާނެ ވާހަކަތައް ހުންނާނެ. ރައްޔިތުން ގަބޫލުކުރާ ފެންވަރުގެ ވާހަކަތައް ހުންނާނެ. އެހެންނަމަވެސް އަޅުގަނޑު މި ދެންނެވި އޭގެ ރީތި ގޮތުގައި އެކަން ކޮށްދެއްވާށޭ. އަޅުގަނޑުމެންގެ ރައީސަކީ ޖަވާބުދާރީވާން ކެރޭނެ ވެރިއެއް. އަޅުގަނޑުމެންގެ ކައުންސިލަރުން ވާނީ އިރާދަކުރެއްވިއްޔާ ޖަވާބުދާރީވާން ކެރޭނެ ބަޔަކަށް،" ނައިބު ރައީސް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ