ބަނޑުގެ ދުޅަހެޔޮކަމާއި ނަފްސާނީ އުނދަގޫތަކާ ދެމެދު ބޮޑު ގުޅުމެއް ބަނޑުގެ ދުޅަހެޔޮކަމާއި ނަފްސާނީ އުނދަގޫތަކާ ދެމެދު ބޮޑު ގުޅުމެއް

ހާސްވުމާއި ކަންބޮޑުވުމުގެ ތެރޭގައި ދިގު މުއްދަތަކަށް ހުންނަން ޖެހުމަކީ (Chronic stress) ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިކުރުވާ ކަމެކެވެ. އޭގެ ތެރެއިން އެއް ކަމަކީ ހަޖަމުކުރުމުގެ ނިޒާމުގެ ބަތާނަފުށް ހިމާޔަތްކޮށްދޭ ފަށަލަ ތުނިވުމެވެ. އެކަމުގެ ސަބަބުން އެތެރެހަށީގައި ދުޅައެއް އުފެދި އެކަމުގެ އުނދަގޫ ތަހައްމަލު ކުރަންޖެހުމުން، އިންތިހާއަށް ދެރަވުމުގެ (depression) ހާލަތު ކުރިމަތިވެއެވެ.
ދާދި ފަހުން ސައެންސްވެރިން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި މީހާ ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައި ތާށިވެފައި ހުރުމަކީ، ހަޖަމުކުރުމުގެ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ ޕްރޮޓީނެއް ކަމަށްވާ (Reelin) ހަށިގަނޑުގައި އެކުލެވޭ މިންވަރު ދަށްކޮށްދޭ ކަމެކެވެ. މިއީ ހަޖަމުކުރުމުގެ ނިޒާމުގެ ގުނަވަންތަކަށް ލިބޭ ގެއްލުންތައް މަރާމާތުކޮށްދިނުމުގެ އިތުރުން ސިކުނޑީގެ ދުޅަހެޔޮކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ޕްރޮޓީންއެކެވެ.
މި ދިރާސާގެ ތެރެއިން ފާހަގަކުރެވުނު ކަމަކީ، އެންމެ އިންޖެކްޝަނަކުން ވެސް މި ޕްރޮޓީން ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށް އިތުރުކޮށްދޭ ކަމެވެ. އަދި މި ޕްރޮޓީންގެ މިންވަރު އިތުރުވުމާއެކު، ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ ހާލަތްތަކަށް ފަރުވާކުރާ ބޭސްތަކުން ހަށިގަނޑަށް އަންނަ ފަދަ ބަދަލުތަކެއް އަންނަކަން ވެސް ފާހަގަކުރެވުނެވެ.
އަޖުމަ ބެލުމުގެ ގޮތުން ލެބޯޓެރީގައި ކުރި ތަހުލީލުތަކުގެ ނަތީޖާއަށް ބަލާއިރު، ޑިޕްރެޝަންގެ މައްސަލައަށް ކުރާ ފަރުވާގެ މިސްރާބު، ހަޖަމުކުރުމުގެ ނިޒާމާއި ސިކުނޑީގެ ދުޅަހެޔޮކަމާ ދެމެދުގައިވާ ގުޅުމަށް ބިނާކޮށް ބަދަލުކުރުމަކީ އެކަށީގެންވާ ކަމެކެވެ. މި ދިރާސާއިން ސައެންސްވެރިންނަށް ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، ދާއިމީ ހާސްކަމާއި ކަންބޮޑުވުމާއި، ހަޖަމުކުރުމުގެ ނިޒާމުގެ ދުޅަހެޔޮކަމާއި ޑިޕްރެޝަންގެ ހާލަތާ ދެމެދު ހަޔަވީ (biological) ގުޅުމެއް އޮންނަ ކަމެވެ. އަދި މި ތިން ކަންތައް ގުޅުވައިދޭ މަރުކަޒަކީ ރީލިން ޕްރޮޓީންކަން ވެސް ފާހަގަ ކުރެވުނެވެ.
އެހެންކަމުން، އިންޖެކްޝަނެއްގެ ޒަރީއާއިން ހަށިގަނޑުގެ ތެރެއަށް މި ޕްރޮޓީން ފޮނުވައިލެވޭ ގޮތް ވާ ދުވަހަކުން، އެންމެ އިންޖެކްޝަނަކުން މި ތިން މައްސަލައަށް ފަރުވާ ކުރެވިދާނެއެވެ. އަހަރެމެން ކައިބޮއި އުޅޭ ކާނާގެ ތެރެއިން، ހަށިގަނޑަށް ބޭނުންވާ ކާނާގެ މާއްދާތައް (nutrients) ލޭގެ ނިޒާމުގެ ތެރެއަށް ފޮނުވައިދިނުމާއި ފޮނުވައިދޭނެ ބާވަތްތަކާއި މިންވަރު ކަނޑައެޅުމުގެ މަސައްކަތް ހިނގަނީ، ހަޖަމުކުރުމުގެ ނިޒާމުގެ (މައިދާ، ގޮހޮރު އަދި ފުރަގަސްފަރާތް) ގުނަވަންތަކުންނެވެ.
ނަމަވެސް، މީހާގެ ނަފްސުގައި ހާސްކަމެއް ނުވަތަ ކަންބޮޑުވުމާއި ފިކުރުބޮޑުވުމުގެ މައްސަލަ ދިގުމުއްދަތަކަށް ހުންނަ ނަމަ، ހަށިގަނޑަށް ބޭނުންވާ ކާނާގެ މާއްދާތައް ލޭގެ ނިޒާމުގެ ތެރެއަށް ފޮނުވައިދިނުމަށް ހުރަސްއެޅެއެވެ. މިބައިތައް ލޭގެ ތެރެއަށް އަންނަ މިންވަރު މަދުވުމުން ދެން ކުރިމަތިވާ މައްސަލައަކީ ހަޖަމުކުރުމުގެ ނިޒާމުގެ ގުނަވަންތަކުގެ ބަތާނައިގެ އެތެރެފަރާތު ދުލިފަށް ތުނިވުމެވެ. މިހެންވުމުން ހަޖަމުކުރުމުގެ ނިޒާމުގެ ތެރޭގައި ހުންނަ ދިޔަ، ހަށިގަނޑުގެ ތެރެއަށް ފޭދޭގޮތް މެދުވެރިވެއެވެ.
މި ހާލަތު މެދުވެރިވުމުން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ނުރައްކާކުރާ ޒާތުގެ ބެކްޓިރިއާތަކާއި ވިހަތައް، ލޭގެ ނިޒާމުގެ ތެރޭގައި ދައުރުވާގޮތް މެދުވެރިވެއެވެ. އެއާއެކު، ހަށިގަނޑުގެ ދިފާއީ ނިޒާމުން މިކަމާ ދެކޮޅަށް މަސައްކަތް ފެށުމުން، އެތެރެ ހަށީގައި ދުޅަ އުފެދޭ ގޮތް މެދުވެރިވެ، ޑިޕްރެޝަންގެ އުނދަގޫ ތަހައްމަލުކުރަން ޖެހެއެވެ. މި ކަންކަމުގެ ދެމެދުގައިވާ ގުޅުމަށް ބަލާއިރު، ސައެންސްވެރިން ދެކޭ ގޮތުގައި، ހަޖަމުކުރުމުގެ ނިޒާމުގެ ބަތާނައިގެ އެތެރެ ފަށް ވަރުގަދަ ކުރެވޭނެ ފަރުވާއެއް އީޖާދުކުރެވިއްޖެ ނަމަ، ޑިޕްރެޝަން އާއި ސްޓްރެސް ފަދަ ނަފްސާނީ ދުޅަހެޔޮކަމާ ގުޅިފައިވާ މައްސަލަތަކަށް ވެސް ހައްލެއް ހޯދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ