ޗާގޯސް ޖަޒީރާގައި ހުރި އިނގިރޭސިވިލާތާއި އެމެރިކާގެ ގުޅިފައިވާ އަސްކަރީ މަރުކަޒަކީ ނުހަނު މުހިންމު ތަނެއްކަން ފާހަގަކޮށް، އެ މަރުކަޒުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އިނގިރޭސި ބޮޑުވަޒީރު ކިއަރު ސްޓާމާ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެވަޑައިގެންފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން އިއްޔެ ބުނެފި އެވެ.
ދެ ބޭފުޅުން ފޯނުން ގުޅުއްވައި އިއްޔެ ކުރެއްވި މަޝްވަރާތަކުގައި، އެ މަރުކަޒުގެ މުސްތަގުބަލު ކަށަވަރު ކުރުމަށް ދެ ގައުމުގެ ސަރުކާރުން ގާތުން މަސައްކަތް ކުރުމަށާ އަދި ވަރަށް އަވަހަށް ދެ ސަރުކާރުން މި ކަމަށް އަލުން ވާހަކަދެއްކުމަށް ވަނީ ނިންމާފަ އެވެ.
މި މަޝްވަރާތައް ކުރައްވާފައި މިވަނީ، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން 2025 ވަނަ އަހަރު ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ޓްރަމްޕް އެ ނިންމުން ސިފަކުރައްވާފައިވަނީ އެއީ "ވަރަށް މޮޔަ" ނިންމުމެއްގެ ގޮތުގަ އެވެ.
އެ އެއްބަސްވުމުގެ ދަށުން، ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ބަދަލުކުރި ނަމަވެސް، ޑިއޭގޯ ގާސިއާގައި ހުރި އަސްކަރީ މަރުކަޒުގެ ފުރިހަމަ ކޮންޓްރޯލް 99 އަހަރުގެ މުއްދަތަކަށް އިނގިރޭސިވިލާތަށް ލިބިގެންވެ އެވެ. މީގެ ކުރިން އެމެރިކާގެ ސަރުކާރުން މި ނިންމުމަށް ތާއީދުކޮށްފައިވީ ނަމަވެސް، އިއްޔެގެ ބަޔާނާ ގުޅޭ ގޮތުން ވައިޓް ހައުސްއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރާއްޖޭގެ ދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި، އެފްރިކާ އާއި އިންޑޮނީޝިއާގެ މެދުތެރޭގައި އޮންނަ ޗާގޯސް ޖަޒީރާގައި ގާތްގަނޑަކަށް 4,000އެއްހާ އަސްކަރީ މުވައްޒަފުން ހަރަކާތްތެރިވެ އެވެ.
ޑިއޭގޯ ގާސިއާގައި 1960 އަދި 1970ގެ އަހަރުތަކުގައި މި މަރުކަޒު ގާއިމުކުރުމަށްޓަކައި، އިނގިރޭސިވިލާތުން ވަނީ އެ ތަނުގައި ދިރިއުޅެމުންދިޔަ 2,000އެއްހާ ވަޒަންވެރިން ނުވަތަ ޗާގޯސިއަނުން ގަދަކަމުން އެ ތަނުން ބޭރުކޮށްފަ އެވެ.
މި މަރުކަޒަކީ ފަހުގެ އަސްކަރީ ހަރަކާތްތަކުގައި ވަރަށް އިސް ދައުރެއް އަދާކުރަމުންދާ ތަނެކެވެ. އެގޮތުން، 2024 އާއި 2025 ވަނަ އަހަރު ޔަމަނުގެ ހޫތީންނަށް އަމާޒުކޮށްދިން ހަމަލާތަކުގަ އާއި ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައި މި މަރުކަޒު ބޭނުންކޮށްފައިވެ އެވެ.
'ޗާގޯސްގެ އަސްކަރީ މަރުކަޒު މުހިންމު'؛ އެމެރިކާ އާއި އިނގިރޭސިވިލާތް އަލުން މަޝްެވަރާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ