ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުންގެ ތެރެއިން އެންމެ ނުފޫޒުގަދަ ބޭފުޅާ ކަމަށްވާ ސައިފުލް އިސްލާމް ގައްޒާފީ އަވަހާރަކޮށްލާފައިވާ ކަމަށް، ލީބިޔާގެ މީޑިއާތަކާއި އާއިލާއާ ގާތް ފަރާތްތަކުން ބުނެފި އެވެ.
ލީބިޔާގެ އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނި ގޮތުގައި، ތަހުގީގު ކުރާ ފަރާތްތަކާއި ފޮރެންސިކް ޑޮކްޓަރުން ސައިފުލް އިސްލާމްގެ ހަށިގަނޑު ތަހުގީގު ކުރުމަށް ފަހު، އޭނާ އަވަހާރަވެފައިވަނީ ބަޑީގެ ހަމަލާތަކެއްގެ ސަބަބުންކަން ވަނީ ކަށަވަރުވެފަ އެވެ.
"މިކަމުގައި ތުހުމަތު ކުރެވޭ ފަރާތްތައް ދެނެގަތުމަށާއި ޖިނާއީ ދައުވާ އުފުލުމަށް ބޭނުންވާ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" އެ އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.
ބައްޕާފުޅުގެ ވެރިކަމުގައި އިސްލާހީ ބަދަލުތަކެއް ގެންނަވާނެ ބޭފުޅެއްގެ ގޮތުގައި ފެނިގެންދިޔަ ސައިފުލް އިސްލާމަކީ، 2011 ވަނަ އަހަރު ގައްޒާފީގެ 40 އަހަރަށް ވުރެ ދިގު ވެރިކަން ނިމުމަކަށް ގެނައި އިންގިލާބުގެ ކުރިން، އެ ގައުމުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ނަމަވެސް، ލީބިޔާގައި އުފެދުނު ދާހިލީ ހަމަނުޖެހުންތަކާ ގުޅިގެން ފަހުގެ އަހަރުތަކުގައި އޭނާގެ ސިޔާސީ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
ލީބިޔާގެ ކޯޓަކުން 2015 ވަނަ އަހަރު ވަނީ، އިންގިލާބުގެ ތެރޭގައި ހިންގި ސުލްހަވެރި މުޒާހަރާތައް ހުއްޓުވުމަށް މަސައްކަތް ކުރެއްވި ކަމުގެ ކުށުގައި، އޭނާގެ ގައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވާފަ އެވެ.
މީގެ އިތުރުން، އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައިސީސީ)ން ވެސް އޭނާގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. އެ މައްސަލަ ބާތިލު ކުރުމަށް އޭނާގެ ވަކީލުން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ވަނީ ނުވެފަ އެވެ.
ގާނޫނީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، 2021 ވަނަ އަހަރު ބޭއްވުމަށް ކަނޑައެޅި ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ސައިފުލް އިސްލާމް ރަޖިސްޓްރީ ކުރެއްވި އެވެ. ނަމަވެސް، ސިޔާސީ ގޮތުން އުފެދުނު ދެބަސްވުންތަކާއި މައްސަލަތަކާ ގުޅިގެން އެ އިންތިހާބު ވަނީ ވަކި ތާރީހެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަވަހާރަކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ