ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ލިބޭނެކަން ވަރަށް ސާފު

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެކަން ވަރަށް ބޮޑަށް ސާފު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ މެދު ހެންވޭރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރައީސް މުއިއްޒަށް ފާޑު ވިދާޅުވާން އެކި ތަންތަނުގައި އެކި ބޭފުޅުން ދައްކާ ވާހަކަތަކަކީ ރައްޔިތުން މިއަދު އަޑުއަހާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި މިހާ ޝައުގުވެރިކަމާއި ފަރުވާތެރިކަމާއެކު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކާ ރައީސް މުއިއްޒު ފިޔަވައި އެހެން ރައީސަކު މަސައްކަތް ކުރެއްވިތަން ފެނިފައި ނުވާ ކަމަށާއި އެމަނިކުފާނާއެކު އެއް ވިސްނުމެއްގައި މަސައްކަތް ކުރާނެ މޭޔަރަކާއި ކައުންސިލެއް އަތުވެއްޖެނަމަ ޝައްކެއް ނެތް މިންވަރަށް ކަންކަން ފުރިހަމަވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންނާއި ރައްޔިތުން އަދި މުޅި ޓީމު އެކީ ކުރާ މަސައްކަތުން ފަސް އަހަރު ނިމޭއިރު އެއްކަމެއް އޮންނާނީ ކަށަވަރުވެފައި ކަމަށެވެ.
"އިންޝާﷲ ދެވަނަ ދައުރު ވެސް މި ޕާޓީ، ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ކާމިޔާބުކުރާނެ. އެކަން ސާފު މާބޮޑަށް ވެސް،" ސައީދު ވިދާޅުވި އެވެ.
ސައީދު ވަނީ ގައުމު ވައްޓާލާފައި އޮތް ހިސާބާއި ގައުމުގެ އެކިއެކި އިޖުތިމާއީ ބޮޑެތި މައްސަލަތަކާއި، އިގްތިސާދީ ގޮތުން އައިސްފައި އޮތް ކުރިއެރުންތަކަށް ބަލާލުމުން ވެސް އެކަން ސާފުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ