ރައީސް މުހައްމަދު މުއިއްޒުގެ އާ ކެބިނެޓަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓްގައި، ވަޒީރުންނަށް ރުހުން ދޭން އެމްޑީޕީގެ ބައެއް މެންބަރުން ވޯޓު ދިން މައްސަލަ ހޫނުވެ، އާންމުންގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން އޭގެ ތެރެއިން ބައެއް ބޭފުޅުން މިއަދު މާފަށް އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް - މި މައްސަލަ މިހާ ބޮޑަށް ހޫނުވީ އެމްޑީޕީގެ އެތެރޭގައި މިހާރު އުފެދިފައިވާ ޗެއާޕާސަން އިންތިހާބުގެ ވާދަވެރިކަމުގެ ތެރެއިންނެވެ. އެގޮތުން:
ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ތާއީދުކޮށްފައި ވަނިކޮށް، މީކާއީލަށް ތާއީދުކުރައްވާ ބައެއް މެންބަރުން ވަޒީރުންނަށް ރުހުން ދޭން ވޯޓު ދިނުމުން، ރައީސް މުހައްމަދު ނަސީދު ޗެއާޕާސަން ކަމަށް ގެންނަން ތާއީދުކުރާ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި މައްސަލަ ހޫނުކޮށްލާފައި
ތަފްސީލް - މި ފާޑުކިޔުންތަކާ ގުޅިގެން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ:
ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވޯޓު ދިނުމުގައި ވަރަށް ބޮޑު ގޯހެއް ހެދިފައިވާކަން ގަބޫލުކުރައްވާ ކަމަށް
އެއީ ތާއީދުކުރާތީ ދިން ވޯޓެއް ނޫން ކަމަށާއި، އެ ވަގުތު އެކަމާމެދު އެންމެ ފުންކޮށް ނުވިސްނައި އަމަލުކުރެވުނީތީ އިހުލާސްތެރިކަމާއެކު މާފަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި
"މިއީ ބަލައިގަންނަން އުނދަގޫ ކަމެއްކަން ވެސް އަޅުގަނޑު ދަންނަމެވެ. ކުރިޔަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ނުވާނޭގޮތަށް އަޅުގަނޑުގެ އަމަލުތައް ބަހައްޓާނޭ ކަމުގެ ޔަޤީންކަން އަރުވަމެވެ،" އޭނާ އެކްސްގައި ލިޔުއްވި އެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވެސް ވަނީ އިހުސާނާއި އިތުރު މަދު ވަޒީރުންތަކަކަށް ވޯޓު ދެވުނީ އޮޅުމަކުން ކަމަށް ވިދާޅުވެ އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވައި މާފަށް އެދިވަޑައިގެންފަ އެވެ.
ފާހަގަކޮށްލެވޭ - އެހެން ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ ލ. މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ވިދާޅުވީ، ސަރުކާރުގެ ހަލާކަށް ވާނެހާ ބަޔަކު ކެބިނެޓުގައި ތިބުމަކީ 2028 ގެ ކާމިޔާބީއާ ޕާޓީ ގާތްކޮށްދޭނެ ކަމެއް ކަމަށެވެ. އަދި މިއީ އަބަދުވެސް ޕާޓީން ގެންގުޅެފައި އޮތް ސިޔާސަތެއް ކަމަށް ވިދާޅުވި އެވެ.
"ވިސްނުންތެރިންނަށް އިޝާރާތަކުން ފުދޭނެ،" ޝާކިރު އެކްސްގައި ލިޔުއްވި އެވެ.
މި މައްސަލައާ ގުޅިގެން، މީކާއީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިސްޓަރު އިހުސާނަށް ރުހުން ދޭން އޭނާ ވޯޓު ދެއްވާފައި ނުވާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ ޑީއެންއާރުގައި ހުރި އާންމުންގެ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް ވަގު ފޯމް ފުރި މައްސަލަ އާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ފަދަ ކަންކަމުގައި މިނިސްޓަރަށް ތުހުމަތު ކުރެވޭތީ އެވެ.
މީކާއީލް އިތުރަށް ވިދާޅުވީ:
ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ތާއީދުކުރާ އެމްޑީޕީގެ މަޖިލީހުގެ މެންބަރުން ވެސް ފްރީ ވިޕެއްގެ ދަށުން ވަޒީރުންނަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވި ކަމަށް
"މިއީ އެތެރޭގެ އިންތިހާބާ ގުޅުމެއް އޮތް ވޯޓެއް ނޫން،" މީކާއީލް ޓްވީޓް ކުރެއްވި އެވެ.
ހުރިހާ ވަޒީރުންނަށް ވެސް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓް ދެއްވީ އޭނާގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކަމަށް ވެސް މީކާއީލް ފާހަގަކުރެއްވި އެވެ.
އޭނާގެ ޗެއާޕާސަން ކަމެއްގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ވަޒީރުންނަށް ރުހުން ދިނުން ފަދަ ބޮޑެތި މައްސަލަތަކުގައި ގައުމީ މަޖިލީހުގެ ދައުރު ފުޅާކުރައްވާނެ ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ.
ވަޒީރުންނަށް ރުހުން ދޭން ވޯޓު ދިން މުހައްމަދު އިބްރާހިމް އާއި ޝަމްހީދު މާފަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ