ނޭޕާލް ބަލިކޮށް ޓީ20 ވޯލްޑް ކަޕްގައި އިޓަލީ އަށް ތާރީހީ މޮޅެއް ނޭޕާލް ބަލިކޮށް ޓީ20 ވޯލްޑް ކަޕްގައި އިޓަލީ އަށް ތާރީހީ މޮޅެއް

މުމްބައި, އިންޑިއާ (ފެބްރުއަރީ 13) - އިންޑިއާ އާއި ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި 10 ވިކެޓުން ނޭޕާލް ބަލިކޮށް އިޓަލީން މުބާރާތުގެ ތާރީހުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
މުޅިން އަލަށް ޓީ20 ވޯލްޑް ކަޕެއްގައި ވާދަކުރާ އިޓަލީ ހިމެނެނީ، ވެސްޓް އިންޑީސް، ސްކޮޓްލެންޑް، އިންގްލެންޑް އަދި ނޭޕާލާ އެކު ގްރޫޕް ސީގަ އެވެ. އިންޑިއާގައި މި ގްރޫޕްގެ މެޗުތައް ކުޅޭއިރު، ބަންގްލަދޭޝްގެ ބަދަލުގައި، މި ފަހަރުގެ މުބާރާތުން ފަހު ވަގުތު ފުރުސަތު ދިން ސްކޮޓްލެންޑް އަތުން އިޓަލީ ވަނީ ފުރަތަމަ މެޗުގައި 73 ލަނޑުން ބަލިވެފަ އެވެ.
ދެ ވަނަ މެޗުގައި، ވަންކެޑޭ ސްޓޭޑިއަމްގައި، އިޓަލީން ވަނީ ނޭޕާލާ ދެކޮޅަށް ކުޅެ ތާރީހީ ކާމިޔާބެއް ހޯދައިފަ އެވެ. މަޝްހޫރު ވަންކެޑޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޓޮސް ދިމާވުމުން އިޓަލީން ނިންމީ ހޮވާށެވެ. ނޭޕާލުން ކުޅެން އަރައި، 19.3 އޯވަރުގެ ތެރޭގައި، ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދީ 123 ލަނޑެވެ. މި އޯވަރުގައި އިޓަލީ އަށް ކުޅޭ ދެކުނު އޭޝިއާ ދަރިކޮޅަށް ނިސްބަތްވާ ކްރިޝަން ކަލުމަގާގޭ ވަނީ ތިން ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، އިޓަލީ މޮޅުވީ، 12.4 އޯވަރުގެ ތެރޭގައި، އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ، 124 ލަނޑު ހަަމަކޮށްގެންނެވެ. އިޓަލީން ފުރަތަމަ ކުޅެން އެރި ބެޓްސްމަނުންގެ ޕާޓްނަޝިޕުން ވަނީ މެޗުން މޮޅުކޮށްދީފަ އެވެ. އެއީ، އެންތަނީ މޮސްކާ އާއި ޖަސްޓިން މޮސްކާގެ ޕާޓްނާޝިޕުންނެވެ. އެ ގޮތުން، އެންތަނީ 62 ލަނޑު ހެދިއިރު، ޖަސްޓިން ވަނީ 60 ލަނޑު ހަދައިފަ އެވެ.
ގްރޫޕް އޭގައި އިއްޔެ، އިންޑިއާ އިން 93 ލަނޑުން ނަމީބިއާ ބަލިކޮށް ދެ ވަނަ މޮޅު ހޯދިއިރު، ގްރޫޕް ބީގައި އިއްޔެ ކުުޅުނު މެޗުން ލަންކާ އިން ވަނީ 105 ލަނޑުން އޮމާން ބަލިކޮށް ދެ ވަނަ މޮޅު ހާސިލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ