ވެރިކަންކުރާ ޕީއެންސީއަށް ލޯކަލް ކައުންސިލްތަކުގެ މެޖޯރިޓީ ދީފި ނަމަ ދެން ކުރާނެ ކަމަކީ ލޯކަލް ކައުންސިލްތަކާއި ލާމަރުކަޒީ ނިޒާމު އުވާލުން ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްގަފޫރު މޫސާ ރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - މި ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބައެއް ކަންކަމަށް އިޝާރާތްކުރައްވަމުން ގަފޫރު ސަރުކާރަށް ފާޑުވިދާޅުވީ، ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާގަ އެވެ.
ތަފްސީލް - 'ހޭވައްލާ ތައްޔާރު' ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާގައި ގަފޫރު ވިދާޅުވީ ހެޔޮ ވެރިކަމާއި ޑިމޮކްރެސީ އަދި ލާމަރުކަޒީ ނިޒާމަކީ ޕީއެންސީގެ ފިކުރުގެ ވެރިން ގަބޫލުކުރާ ކަންކަމެއް ނޫން ކަމަށެވެ.
ސަރުކާރާ އެކު ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ރައްޔިތުން ދިނުމުން މިހާތަނަށް ކުރި ކަންކަމުން ވެސް އެކަން ފެނިފައިވާ ކަމަށް ގަފޫރު ވިދާޅުވި އެވެ. އެ ގޮތުން ގަފޫރު ފާހަގަކުރެއްވި ބައެއް ކަންކަމަކީ:
ކައުންސިލްތަކުގެ ފަހު އަހަރު އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ހެދުން
ކައުންސިލްތަކުން ވިޔަފާރި އާމްދަނީ ލިބޭނެ މަގުތައް ބަންދުކުރުން
އަތޮޅު ކައުންސިލްތައް އުވާލައި އަތޮޅުތަކުގެ ކަންކަން މިނިސްޓްރީއެއްގެ ދަށަށް ގެނައުން
އަންނަ 4 އޭޕްރީލްގައި ބާއްވާ ކައުންސިލް އިންތިހާބުގައި ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ދީފި ނަމަ ދެން ފެންނާނީ ކައުންސިލްތައް އުވާލައި އެ ބާރުތައް މުށުތެރެއަށް ލާ މަންޒަރު ކަމަށް ގަފޫރު ވިދާޅުވި އެވެ.
"ކައުންސިލްތައް މި ސަރުކާރަށް ދީފިއްޔާ އެ ބޭފުޅުން ބޭނުންކޮށްގެން ހުރިހާ ކައުންސިލެއް އުވާލާނީ. އެ ނޫން އެހެން ކަމެއް މި ބޭފުޅުން ނުކުރާނެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނީމައި، ލާމަރުކަޒީ ގާނޫނު ފުނޑާލީ. އެއީ މި ބޭފުޅުންނަކީ،" ގަފޫރު ވިދާޅުވި އެވެ.
ރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް ވެސް ޕީއެންސީގައި ތިބި ވެރިން ކުރި މަސައްކަތަކާއި ވީ ގުރުބާނީއެއް ވެސް ނެތް ކަމަށް ގަފޫރު ވިދާޅުވި އެވެ. ޑިމޮކްރެސީ އާއި ރަށްރަށަށް ބާރުދިނުމަކީ އެ ޕާޓީން ގަބޫލުކުރާ ފަލްސަފާއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރަށް އަޅުގަނޑުމެން ކައުންސިލްތައް ދީފިއްޔާ ދެން އަޅުގަނޑުމެން ލާ ވޯޓެއްގައި ލާ ފާހަގައެއް ދެން ނުފެންނާނެ. މިއީ އަޅުގަނޑުމެންނަށް ވޯޓުލާން ލިބޭ އެންމެ ފަހު ފާހަގައަށް ވެގެން މި ދާނީ. މި ފާހަގަ އަޅުގަނޑުމެން މި ސަރުކާރަށް އާނއެކޭ ބުނެފިއްޔާ ވަލްހަދުލިއްﷲ. މި ގައުމުން ވޯޓުލުމުގެ ހުރިހާ ކަމެއް އެ ދިޔައީ،" ގަފޫރު ވިދާޅުވި އެވެ.
ސަރުކާރަށް މެޖޯރިޓީ ދީފިއްޔާ ކައުންސިލްތައް އުވާލާނެ: ގަފޫރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ