އާސެނަލްއަށް ފޫހި ރެއެއް، ސިޓީއަށް ބޮޑު ހިތްހަމަޖެހުމެއް

މެންޗެސްޓަ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރޭ، ގޭގައި އިނދެ ހަމަޖެހިލައިގެން މެޗު ބަލާނެ ކަމާ މެދު ޝައްކެއް ނެތެވެ. ބްރެންޓްފޯޑް އަތުން އާސެނަލްއަށް މޮޅުނުވެވުމުން ތާވަލްގެ ކުރީގައި އާސެނަލް އަތުލަން މިހާރު އޮތީ އެންމެ ހަތަރު ޕޮއިންޓެވެ.
ރޭ ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މެޗުގެ ދެވަނަ ހާފުގައި އާސެނަލް ކުރި އަތުލި އެވެ. ނަމަވެސް 71 ވަނަ މިނިޓްގައި ޖެހި ލަނޑަށް ބްރެންޓްފޯޑުން 71 ވަނަ މިނިޓްގައި ރައްދު ދީ 1-1އަށް ނަތީޖާ ބަދަލުކޮށްލި އެވެ.
އިއްޔެ ރޭ ކުޅުނު މެޗުން ފުލަމްގެ މައްޗަށް ސިޓީން ހޯދި 3-0ގެ ކާމިޔާބީއާ އެކު ތާވަލްގެ ދެވަނައަށް، 53 ޕޮއިންޓާ އެކު، ސިޓީ އޮތީ އަރައިފަ އެވެ. އެހެންކަމުން ސިޓީގެ ދުއާއަކަށް ވެފައި އޮތީ ރޭ ބްރެންޓްފޯޑް އަތުން އާސެނަލް ބަލިވުން ނުވަތަ އެންމެ ބޮޑުވެގެން ވެސް މެޗު އެއްވަރުވެ، ދެ ޕޮއިންޓް ނަގާލުމެވެ.
ޖުމްލަ 40 ޕޮއިންޓާ އެކު ތާވަލްގެ ހަތް ވަނާގައި އޮތް ބްރެންޓްފޯޑްގެ ކުޅުމާއި ހިތްވަރު ވެސް ރޭ ވަރުގަދަ އެވެ. އާސެނަލްއަށް މާ ގިނަ ފުރުސަތު އުފައްދާކަށް ޖާގައެއް ނުދިނެވެ. އޭގެ ބަދަލުގައި ބްރެންޓްފޯޑުން ގިނަ ހަމަލާތައް އުފައްދައި، ނުރައްކާކުރި އެވެ.
ރޭގެ ނަތީޖާއާ އެކު އާސެނަލް ކުރިން ދަމަހައްޓަމުން އައި ޕޮއިންޓްގެ ފަރަގު މިހާރު އެވަނީ ކުޑަވެފަ އެވެ. މިއީ ސިޓީއަށް ވަރަށް ބޮޑު އިތުބާރަކާއި ހިތްވަރެކެވެ. އަދި ޕްރިމިއަ ލީގުގެ ފޯރި ވެސް އެހާމެ ގަދަވާނެ ސަބަބެކެވެ.
އާސެނަލް، ކުޅުނު 26، ޕޮއިންޓް 57
މެންޗެސްޓަ ސިޓީ، ކުޅުނު 26، ޕޮއިންޓް 53
އެސްޓަން ވިލާ، ކުޅުނު 26، ޕޮއިންޓް 50
މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 26، ޕޮއިންޓް 45
ޗެލްސީ، ކުޅުނު 26، ޕޮއިންޓް 44
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ