އިންޑިއާގެ ޖައްވީ އުޅަނދެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ކުނަހަންދޫ ފަޅުތެރެއިން ފެނިއްޖެ

އިންޑިއާގެ ސްޕޭސް އެންޑް ރިސާޗް އޯގަނައިޒޭޝަންސް (އައިއެސްއާރުއޯ) ގެ ޖައްވީ އުޅަނދެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހި ތަކެއް, ލ. ކުނަހަންދޫއިން ފެނިއްޖެއެވެ. ކުނަހަންދޫން "ސަން" އަށް މައުލޫމާތު ދިން މީހުން ބުނާގޮތުގައި އެ ތަކެތި އިއްޔެ ފެނިފައިވަނީ އެ ރަށު ފަޅުތެރޭގައި ޑިންގީއެއްގައި މަސްވެރިކަން ކުރަން އުޅުނު މީހަކަށެވެ. އަދި ރޭ އެ އެއްޗެހިތައް ވަނީ އެ ރަށަށް އަރުވާފައި ކަމަށް އޭނާ ބުންޏެވެ. ބެލެވޭގޮތުގައި އެއީ ޖައްވީ އުޅަނދެއްގެ ބޭރު ކަވަރުގެ ބައިތަކެކެވެ. އޭގެން އެއް ބައިގައި އައިއެސްއާރުއޯގެ ލޯގޯ ޖަހާފައިވެއެވެ. ކުނަހަންދޫ ފަޅުތެރެއިން ފެނުނު, އައިއެސްއާރުއޯގެ އުޅަނދެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް-- ސަން ފޮޓޯ: ކިޔުންތެރިއެއް ފެނުނު ތަކެތި އެ ރަށު ގޮނޑުދޮށް ކައިރި ބަހައްޓާފައި އެބަހުރި ކަމަށާއި ކަމާ ބެހޭ އިދާރާއަކުން އަދި އެކަމަށް އެޓެންޑް ނުވާ ކަމަށް ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ. މިކަމާ ގުޅޭގޮތުން ސިފައިންގެ ބަހެއް ހޯދާލުމަށް "ސަން" އިން ވެސް މަސައްކަތް ކުރީމެވެ. ނަމަވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އަދި ފޯނަށް ޖަވާބެއް ނުދެއްވައެވެ. އެކި ބޭނުންތަކަށް ޖައްވަށް ފޮނުވާ ބައެއް އުޅަނދު ފަހަރުގެ ބައިތައް އަނބުރާ ދުނިޔެއަށް ވެއްޓުމަކީ އާއްމު ކަމެކެވެ. އަދި އެގޮތަށް އެ ވެއްޓޭ އެއްޗެއްސަކީ ނުރައްކާތެރި އެއްޗެއްސެއް ވެސް ނޫނެވެ. ރާއްޖެއާ އެންމެ ކައިރީގައި އޮތް އިންޑިއާގެ ޖައްވީ އިދާރާއަކީ ދުނިޔޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތައް ހޯދާފައިވާ ތަނެކެވެ. ހަނދަށާއި ޖައްވަށް އެކި އުޅަނދުތައް ފޮނުވުމުގެ މަސައްކަތް އައިއެސްއާރުއޯއިން ކުރާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު ގިނަ ކާމިޔާބީތަކެއް ވެސް ވަނީ ހޯދައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ