ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން ކުޅޭ ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕްގެ ފައިނަލުގެ ދެ ވަނަ ޖާގަ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ހޯދައިފި އެވެ.
މި މުބާރާތުގައި ހަތަރު ޓީމު ވާދަކުރާއިރު، ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ސީއެޗްއެސްއީ މާލޭން ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ސީއެޗްއެސްއީ މާލޭން ކުޅުނު ފަހު މެޗުގައި، އަހުމަދިއްޔާ އަތުން ވަނީ 3-0 އިން މޮޅުވެފަ އެވެ. އަދި، އިއްޔެ ހަވީރު ކުޅުނު މެޗުން ވިލާ އިންޓަނޭޝަނަލް ހައި އިން ވަނީ 4-1 އިން ސީއެޗްއެސްއީ ހުޅުމާލެ ބަލިކޮށްފަ އެވެ.
ޕޮއިންޓު ތާވަލަށް ބަލާއިރު، ސީއެޗްއެސްއީ މާލެ އަށް ނުވަ ޕޮއިންޓް ވަނީ ލިބިފަ އެވެ. ދެ ވަނަ ހޯދި އަހުމަދިއްޔާ އާއި ތިން ވަނަ ލިބުނު ވިލާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އަހުމަދިއްޔާގެ ފައިދާ ލަނޑު އެއް ގޯލު އިތުރެވެ. ތާވަލުގެ ފަހަތުން ނިންމި، ސީއެޗްއެސްއީ ހުޅުމާލެ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ގަލޮޅު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި، އިއްޔެ ހަވީރު ވިލާގެ ލަނޑުތައް ޖެހީ މުހައްމަދު ޒީކް އަހުމަދު، ކާއިން އަބްދުﷲ ފާއިޒް، އަހުމަދު ލައިތު އައްބާސް އަދި ލޫތު އިޒް އާން ބިން އަހުމަދު އެވެ. އަދި، ސީއެޗްއެސްއީ ހުޅުމާލޭން ޖެހި ލަނޑަކީ ވިލާގެ މުހައްމަދު ލާމިހު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އަހުމަދިއްޔާ ކޮޅަށް ސީއެޗްއެސްއީ މާލޭގެ ލަނޑުތައް ޖެހީ މުހައްމަދު އަޔާން ޝާޒް، އައިދަން އަހުމަދު މޫސާ އަދި އިބްރާހިމް އަވްސަމް އަބްދުﷲ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު ހަވީރު އެވެ.
ގަލޮޅު ދަނޑުގައި ކުޅޭ މި މުބާރާތަކީ، ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ސްކޮޑު އެކުލަވާލުމުގައި ވެސް މުހިންމު މުބާރާތެކެވެ. ޓީމުގެ ކޯޗަކީ، ގައުމީ ސީނިއާ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްޓަވާން އުރްބާނީ އެވެ.
ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ މުބާރާތް: ފައިނަލުގެ ފަހު ޖާގަ އަހުމަދިއްޔާ އަށް ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ މުބާރާތް: ފައިނަލުގެ ފަހު ޖާގަ އަހުމަދިއްޔާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ