އިއްޔެ ހެނދުނު 8 އިން ފެށިގެން 5 ޖަހަންދެން ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ އިންތިޒާމުތަކާ މެދު އާންމުންގެ ފާޑުކިޔުންތައް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އަމާޒުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިއްޔެގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބުނު އިރު 588 ވޯޓު ފޮއްޓެއް ބެހެއްޓި އެވެ.
ތަފްސީލް - ވޯޓުގެ ކަންތައް ކުރިއަށް ދިޔައިރު އެންމެ ބޮޑަށް އާންމުންގެ ފަރާތުން އިވުނީ ވޯޓުގެ އިންތިޒާމުތަކުގެ ދޯހަޅިކަމުގެ ޝަކުވާ އެވެ. އެއް ފޮއްޓަކަށް ވޯޓުލާން ތިބި މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން ކިޔުގަައި އެތައް ގަޑިއިރަކު ތިބެންޖެހުމުގެ ޝަކުވާ އެވެ. ޓެންޓު ޖަހައިގެން ގާއިމްކޮށްފައި ހުރި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ހިރަފުސް ބޯވުމުގެ ސަބަބުން ދިމާވި އުނދަގޫތަކުގެ ޝަކުވާތަކާއި ތޮއްޖެހިގެން ގަދަ ހޫނުގައި އެތައް ގަޑިއިރެއް ވާންދެން ތިބެން ޖެހުމުގެ ޝަކުވާތަކެވެ.
އިންތިހާބުގައި ވޯޓުލާން އުފުލަން ޖެހުނު 'ތަކުލީފަކީ' އިލެކްޝަންސް ކޮމިޝަނުގެ ނާގާބިލުކަން ކަމަށް ބައެއް އާންމުން ބުނެފައިވެ އެވެ.
ހުޅުމާލެ ފޭސް 2ގައި ހުންނަ ކާމިލް ދީދީ ޕްރީ ސްކޫލުގައި ހުރި ބައެއް ފޮށިތަކަށް ވޯޓު ލުމަށް 4 ގަޑިއިރަށް ވުރެ ގިނަ ވަގުތު ބައެއް މީހުން ކިޔުގައި ތިބެން ޖެހުނެވެ.
"އިންތިޒާމުތައް މިއަށް ވުރެ ރަނގަޅުކޮށްލާ،" އިލެކްޝަންސް ކޮމިޝަނަށް ޓެގުކޮށް ސޯޝަލް މީޑިއާގައި ޝަކުވާ ބަންޑުންކޮށްލި ޒުވާނަކު ބުނެފައިވެ އެވެ.
"މިއޮށް ގަދަ ހޫނުގައި ކިޔޫގައި 4 ގަޑިއިރު ހޭދަވި. އަދިވެސް އިތުރަށް ވަގުތު ނަގާނެހެން ހީވޭ."
ހެންވޭރު ދަނޑަށް ވޯޓުލީ އެހެން މީހަކު ވެސް ވަނީ އެތަނުގެ އިންތިޒާމުތަކުގެ ދޯހަޅިކަމާއި ހިރަފުސް ބޯވުމުގެ ސަބަބުން ދިމާވި އުނދަގޫތަކުގެ ޝަކުވާ ބަންޑުންކޮށްލައިފަ އެވެ.
"އިންތިޒާމު ހަމަ ބޮޑުތަނުން ސުމެއް! އަހަރެމެން ވޯޓުލާން ދާންޖެހުނު ހެންވޭރު ދަނޑުގައި ހުރި ޓެންޓުގެ ހާލަތަކީ މިއީ! މުޅިތާ ހިރަފުސް! ރޯގާ ނުޖެހިއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅު!" ދިވެހި ތާރީހު ދިރާސާކުރައްވާ ނާޖިހު ދީދީ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.
މާލޭ ސިޓީ ހޯލުގައި ޖަހާފައި ހުރި ޓެންޓުގައި ވެސް ގިނަ ފޮށިތަކެއް ބަހައްޓާފައި ހުރިއިރު، ޖާގައިގެ ދަތިކަމާ ހުރެ ކިޔުތައް ދިގުވެ ދަތިތައް ކުރިމަތިވި އެވެ.
ނޫސްވެރިޔާ އަލީ ސުލައިމާން ވެސް ފާހަގަކުރި ގޮތުގައި ވޯޓުލާ މަރުކަޒުތަކުގައި އެންމެ ތަކުލީފު ބޮޑު އިންތިހާބަކީ އިއްޔެ ބޭއްވި އިންތިހާބެވެ.
"2003 ވަނަ އަހަރުން ފެށިގެން ބޭއްވި ހުރިހާ އިންތިހާބެއްގައި ވެސް މޮނީޓާ ނުވަތަ އޮބްޒާވަރަކަށް އުޅުނިން. ވޯޓުލުމުގެ އިންތިޒާމްތައް މިހާ ވިޔާނުދާކޮށް ދިޔަ ފަހަރެެެއް ނުދެކެން. އެކަމަކު ކުރީގެ އިންތިހާބުތަކަށް ވުރެ ވޯޓާސް ލިސްޓުގެ މައްސަލަތައް މަދު،" އޭނާ ބުނެފައިވެ އެވެ.
ތިން އިންތިހާބުގެ ވޯޓުނެގުން ކުރިއަށް ގެންދިޔައިރު ވޯޓު ފޮށިތައް ބިންމަތީ ބަހައްޓާފައި ހުރުމުން ފޮއްޓަށް ވޯޓު ކަރުދާސްކޮޅު ވައްޓާލަން އުމުރުން ދުވަސްވީ މީހުންނަށް އުނދަގޫވެގެން އުޅުނު ތަން ވެސް ފެނުނެވެ.
މީގެ ކުރީގެ އިންތިހާބުތަކުގެ އިންތިޒާމުތަކުގެ ފުރިހަމަކަން ފާހަގަކުރި ބައެއް މީހުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު އެ މަގާމުގައި ހުންނަވައިގެން އިންތިހާބުތައް އޮމާންކަމާއި ފުރިހަމަކަމާ އެކު ކުރިއަށް ގެންދިއުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކޮށްފަ އެވެ.
ގަދަ ހޫނުގައި ގިނައިރު ކިޔުތަކުގައި ތިބެގެން ވޯޓު ލިބުމުގެ ހައްގު ލިބިގެންވާ މީހުންގެ %60އަށް ވުރެ ގިނަ މީހުން އިއްޔެގެ އިންތިހާބުގައި ވޯޓުލި އެވެ. ވޯޓުގެ އިންތިޒާމުތައް ހުރި ދޯހަޅިކަމުގެ ޝަކުވާތައް މީގެ ކުރިން އެއްވެސް އިންތިހާބެއްގައި ނީވޭ ވަރަށް އިއްޔެގެ އިންތިހާބާ ގުޅިގެން އިވުނެވެ.
އިއްޔެގެ އިންތިހާބުން ފެނުނީ އިންތިޒާމުގެ ދޯހަޅިކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ