އެމެރިކާގެ އަސްކަރިއްޔާއިން ސްރީ ލަންކާ ކައިރިން އީރާނުގެ އަސްކަރީ މަނަވަރެއް ފައްތާލާފައި ވަނިކޮށް، އިންސާނީ އެހީތެރިކަމުގެ ގޮތުން އީރާނުގެ އެހެން މަނަވަރަކަށް އިންޑިއާގެ ދެކުނުގެ ކޮޗިން ބަނދަރުން ފުރުސަތު ދީފައިވާ ކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު އިއްޔެ ވިދާޅުވެއްޖެ އެވެ.
އީރާނުގެ އައިއާރުއައިއެސް ލަވަން ނަމަކަށް ކިޔާ މި މަނަވަރު ކޮޗިންގައި ބަނދަރުކުރީ މެކޭނިކަލް މައްސަލަތަކެއް ދިމާވެގެން އީރާނުން ކުރި ކުއްލި އިލްތިމާސަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު އެވެ. މި މަނަވަރުގައި ތިބި 183 ފަޅުވެރިންނަށް މިހާރު ވަނީ އެ ސިޓީގައި ހުންނަ އިންޑިއާގެ ކަނޑުގެ ސިފައިންގެ މަރުކަޒުތަކުން ހުރުމުގެ އިންތިޒާމު ހަމަޖައްސައިދީފަ އެވެ.
ޖައިޝަންކަރު ވިދާޅުވި ގޮތުގައި، މި ނިންމުމަކީ އިންސާނިއްޔަތަށްޓަކައި ނިންމި ނިންމުމެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ހަނގުރާމަ ފެށުމުގެ ކުރިން އިންޑިއާއިން އިންތިޒާމުކުރި ފްލީޓް ރިވިއުއެއްގައި ބައިވެރިވުމަށް މި މަނަވަރާއި އީރާނުގެ އިތުރު ދެ މަނަވަރެއް ދަތުރުކުރަމުން ދިޔަ އެވެ.
"އެ މީހުން އައީ ފްލީޓް ރިވިއުއަކަށް. އެކަމަކު ކަންތައްތައް ހިނގައިދިޔަ ގޮތުން އެ މީހުން މިވަނީ ނުތަނަވަސް ހާލަތެއްގެ ތެރެއަށް ވެއްޓިފައި. އަޅުގަނޑުމެން މިކަމާ މެދު ވިސްނީ އިންސާނިއްޔަތުކަމުގެ ނަޒަރަކުން. އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންނަށް ކުރެވުނީ ރަނގަޅު ކަމެއް ކަމަށް،" ޖައިޝަންކަރު ވިދާޅުވި އެވެ.
އިންޑިއާއިން މި ހުއްދަ ދިން ދުވަހަކީ، ލަންކާގެ އިގްތިސާދީ ސަރަހައްދުގެ ތެރެއިން، އައްސޭރިއާ ގާތްގަނޑަކަށް 19 ނޯޓިކަލް މޭލު ބޭރުން، އެމެރިކާގެ ސަބްމެރީނަކުން އީރާނުގެ އައިއާރުއައިއެސް ދޭނާ ފައްތާލި ދުވަސް ވެސްމެ އެވެ. މި ހާދިސާގައި އީރާނުގެ މަދުވެގެން 87 ފަޅުވެރިން މަރުވި އެވެ.
ދޭނާ މަނަވަރަކީ ވެސް ބޭ އޮފް ބެންގޯލްގައި އިންޑިއާއިން ބޭއްވި އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުމަށް ފަހު އެނބުރި ދަތުރުކުރި މަނަވަރެކެވެ.
މީގެ އިތުރުން، އީރާނުގެ އެހެން މަނަވަރެއް ކަމަށްވާ އައިއާރުއައިއެސް ބޫޝެހްރު ލަންކާގެ އިރުމަތީ އައްސޭރީގެ ބަނދަރަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ގިނަ ފަޅުވެރިން ކޮލަމްބޯ ކައިރީގައި ހުންނަ ކަނޑުގެ ސިފައިންގެ ކޭމްޕަކަށް ބަދަލުކުރަމުންދާ ކަމަށް ލަންކާ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
އިންޑިއާއިން ވެސް އީރާނުގެ މަނަވަރަކަށް ހިމާޔަތްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ