އީރާނު މީހުން އޮސްޓްރޭލިއާއަށް ދިއުން މަނާކޮށްފި
އީރާނު މީހުންއޮސްޓްރޭލިއާއަށް ދިއުން ވަގުތީ ގޮތުން މަނާކޮށްފިއެވެ. އެ ގައުމުން އެގޮތަށް ނިންމީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުންނެވެ. އެގޮތުން އޮސްޓްރޭލިއާގައި މިހާރު ތިބި އީރާނުގެ ޕާސްޕޯޓް ގެންގުޅޭ މީހުންގެ ކުރު މުއްދަތުގެ ވިޒިޓާ ވިސާ ހަމަވިޔަސް އެނބުރި ގައުމަށް ނުދެވޭ ގޮތަށް ވަނީ ނިންމާފައެވެ. އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ހޯމް އެފެއާޒުން ބުނީ އެ ގައުމަށް އީރާން މީހުން ޒިޔާރަތް ކުރުން ކުރިއަށް އޮތް ހަ މަސް ދުވަހަށް މަނާވާނެ ކަމަށެވެ. މިއީ މިހާރުގެ ހާލަތަށް ބަލައި ގައުމީ މަސްލަހަތަށް ވިސްނާފައި ނިންމި ނިންމުމެއް ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ. "އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ވަގުތީ ވިސާ ލިބިފައިވާ ބައެއް މީހުންނަށް ވިސާގެ މުއްދަތު ހަމަވުމުން އޮސްޓްރޭލިއާ ދޫކޮށް ނުދެވޭނެ ނުވަތަ ފުރުމުގެ ފުރުސަތު ކުޑަވެދާނެ," ހޯމް އެފެއާޒް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައިވެއެވެ. މި ނިންމުމުގެ ސަބަބުން މިވަގުތު އޮސްޓްރޭލިއާ އިން ބޭރުގައި ތިބި އީރާނުގެ ރައްޔިތުންނަށް ފަތުރުވެރިއެއްގެ ގޮތުން ނުވަތަ މަސައްކަތަށް އޮސްޓްރޭލިއާ ވިޒިޓާ ވިސާ އޮތް ނަމަވެސް އެ ގައުމަށް ނުދެވޭނެއެވެ. މި މަނާކުރުމުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި މިހާރުވެސް އޮސްޓްރޭލިއާގައި ތިބި އީރާނުގެ ރައްޔިތުންނާއި، މިހާރު އޮސްޓްރޭލިއާއަށް ޓްރާންސިޓް ކުރަމުންދާ މީހުންނާއި، އަނބިމީހާއާއި، ޑިފެކްޓޯ ޕާޓްނަރުން ނުވަތަ އޮސްޓްރޭލިއާގެ ރައްޔިތުންގެ ޑިޕެންޑެންޓް ދަރިންނާއި، ދާއިމީ ވިސާ ލިބިފައިވާ މީހުން ހިމެނެއެވެ. ހޯމް އެފެއާޒް މިނިސްޓަރު ޓޯނީ ބާކް ވިދާޅުވީ އޮސްޓްރޭލިއާގައި ދާއިމީ ގޮތެއްގައި ތިބެވޭނެ ފަރާތްތަކާ މެދު ގޮތެއް ނިންމަން ޖެހޭނީ ސަރުކާރުން ކަމަށެވެ. މި މަހުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކުއީންސްލޭންޑްގައި ކުޅޭ ވިމެންސް އޭޝިއަން ކަޕް 2026 މެޗެއްގެ ކުރިން ގައުމީ ލަވަ ނުކިޔާތީ އީރާނުގެ ކުޅުންތެރިންނަށް ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އޮސްޓްރޭލިއާގައި އީރާނުގެ އަންހެން ފުޓްބޯޅަ ޓީމަށް ހިމާޔަތް ދިނުމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް އަށް ގޮވާލައްވާފައެވެ. އެ ޓީމްގެ ފަސް މެމްބަރަކު އޮސްޓްރޭލިއާގެ ހިމާޔަތް ހޯދާފައިވާ ކަމަށްވެސް އަލްބަނީޒް ފަހުން ވަނީ ވިދާޅުވެފައެވެ. ޖުމްލަ ހަތް ކުޅުންތެރިންނާއި އޮފިޝަލަކަށް އޮސްޓްރޭލިއާގައި ހިމާޔަތް ލިބުނު ނަމަވެސް ފަހުން ޓީމުގެ ފަސް މެމްބަރަކު ވަނީ އޮސްޓްރޭލިއާގައި މަޑުކުރަން ނިންމި ނިންމުން އަނބުރާ ގެންގޮސް އެނބުރި ގައުމަށް ދިއުމަށް ބޭނުންވާ ކަމަށް ބުނެފައެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރުގެ ނިޔަލަށް އޮސްޓްރޭލިއާގައި 90،000 އަށް ވުރެ ގިނަ އީރާން މީހުން އުޅޭއިރު، ސިޑްނީ އާއި މެލްބަން ފަދަ ބޮޑެތި ސިޓީތަކުގައި އީރާން މީހުން ގިނައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ