އުމުރުން 6 އަހަރުގެ ކުއްޖަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްއެއް ލިބުން ލަސްވެ، އެ ކުއްޖާ މަރުވި މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - ސްޕެސްޓިކް ކްވޮޑްރުޕްލީޖިކް ސެރަބަލް ޕަލްސީއަށް ފަރުވާ ހޯދަމުން ދިޔަ އަޒާން ސުހައިލް އިއްޔެ މަރުވީ ކާން ދިނުމަށް ބޭނުންކުރާ ޕީއީޖީ ޓިއުބު ބަދަލު ކުރަން ޖެހި، އެ ޓިއުބް ނުލިބި ލަސްވެގެންނެވެ.
ތަފްސީލް - އަޒާން މަރުވީ އިދާރާތަކުގެ އިހުމާލުންް ދިމާވި ކަމެއް ކަމަށް ބުނެ، އާންމުން އަންނަނީ ފާޑުކިޔަމުންނެވެ.
އަޒާންގެ މަންމަ މީގެ ކުރިން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުން، ޕީއީޖީ ޓިއުބު ހޯދުމަށް އެސްޓީއޯ މެދުވެރިކޮށް އޯޑަރު ދިނީ މިދިޔަ އޮގަސްޓު މަހު އެވެ.
ނަމަވެސް 8 މަސްވީއިރު ވެސް އެސްޓީއޯގެ ފަރާތުން އެއްވެސް ހަބަރެއް ނުވާ ކަމަށް އަޒާންގެ މަންމަ ލިޔެފައިވެ އެވެ. އެތައް ދުވަހެއް ވަންދެން އެސްޓީއޯ ހުޅުމާލެ ފާމަސީއަށް ވެސް ދިޔަ ކަމަށާއި 8 މަސް ފަހުން އެސްޓީއޯ ފާމަސީން ގުޅާ، އެ ޓިއުބަށް އޯޑަރު ދިނުމަށް އެންސްޕާގެ އެޕްރޫވަލް ނުލިބި އޮތް ކަމަށް ބުނި ކަމަށް އަޒާންގެ މަންމަ ލިޔެފައިވެ އެވެ.
އަޒާންއަށް ކާން ދިނުމަށް ބޭނުންވާ ޓިއުބް، ހެޔޮއެދޭ ފަރާތަކުން ޕްރައިވެޓް ޕާޓީއެއް މެދުވެރިކޮށް ގެނެސްދިން ނަމަވެސް އޭރު އެ ކުއްޖާގެ ހާލު އޮތީ ޓިއުބް ބަދަލުކުރެވޭ ވަރަށް ވުރެ ދަށްވެފަ އެވެ.
ކުއްލިއަކަށް ޓިއުބް ބަދަލު ކުރަންޖެހި، ސްޕެއާ ޓިއުބެއް ނެތި އެތައް ދުވަހެއްވުމުގެ ސަބަބުން ކުއްޖާގެ ހާލު ދަށްވަމުންގޮސް މަރުވީ އިއްޔެ އެވެ.
އެ ހާދިސާއާ ގުޅިގެން އެންސްޕާ އާއި އެސްޓީއޯއިން ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި އެކަމުގެ ޒިންމާ އިދާރާތަކުން އުފުލަން ޖެހޭނެ ކަމަށް ބުނެ އާންމުން އަންނަނީ ފާޑުކިޔަމުންނެވެ. އެ ފާޑުކިޔުންތަކުގެ އަޑު ގަދަވެފައިވަނިކޮށް ހެލްތު މިނިސްޓްރީން މިއަދު ބުނީ އެ ހާދިސާ، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އެސްޓީއޯ އާއި އެންސްޕާއަށް ކުރެވޭ ތުހުމަތުތަކާއި މެޑިކަލް ކޮންސިއުމަބަލްސް ގެނެސްދިޔުމުގެ ޕްރޮސެސް އޮންނަ ގޮތް ސާފުކުރުމަށް ސުވާލުކުރި ނަމަވެސް އެންސްޕާގެ ބަހެއް ނުލިވެ އެވެ. އެ އިދާރާގެ ސީއީއޯ ހީނާ ވަލީދަށް ގުޅާ، މެސެޖު ކުރި ނަމަވެސް ޖަވާބެއް ނުދެއްވަ އެވެ. އެސްޓީއޯއިން ބުނީ އެ މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ފަހުން ގުޅާނެ ކަމަށެވެ.
އިދާރާތަކުގެ އިހުމާލުން ކުއްޖަކު މަރުވިކަމުގެ ތުހުމަތުކުރެވޭ މައްސަލަ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ