މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، މަޖިލިސް އިންތިހާބު ރިޔާސީ އިންތިހާބާ އެކު ބާއްވަން ނަގާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން އިދިކޮޅު އެމްޑީޕީން ސިވިލް ކޯޓަށް ހުށެހެޅި ދުސްތޫރީ މައްސަލަ ފަސްވަނަ ފަހަރަށް އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ، އަންނަ މަހުގެ 4ގައި ދެ އިންތިހާބު އެއްކޮށްލުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކީ ގާނޫނީ ހައިސިއްޔަތެއް ނެތް، ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ ގަރާރަށް ގޮތެއް ނިންމުމުގެ ކުރިން އެ ވޯޓުގެ ކަންކަން ހުއްޓުވުމަށް ވަގުތީ އަމުރަކަށް ވެސް އެދިފައިވެ އެވެ.
މައްސަލާގައިވާ ގޮތުން އެ މައްސަލަ ހުށަހަޅާފައިވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ނެރޭ ގަރާރެއްގައި އޭގެ ބޭނުމާއި ހުއްޖަތް އެނގޭ މައުލޫމާތު ކަރުދާހެއް ހިމަނަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް ރައީސްގެ އެ ގަރާރުގައި އެ ކަރުދާސް ހިމަނާފައިނުވާތީ އެވެ.
ތަފްސީލް - އެ ދައުވާ ފޯމު ބަލައިނުގަތުމަށް ނިންމާ ސިވިލް ކޯޓުގެ ރަޖިސްޓްރާ އަބްދުއްސަލާމް އަލީ މިިދިޔަ ބުދަ ދުވަހު ނިންމަވާފައިވާ ނިންމުމުގައިވާ ގޮތުން، ދައުވާ ހުށަހެޅުމުގެ ކުރިން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައިވާކަން އެނގެންޖެހޭނެ އެވެ.
ނިންމުމުގައިވާ ގޮތުން:
އެ މައްސަލަ ހައްލުކުރުމަށް ހުށަހަޅާފައިވާ އެއްވެސް ޝަކުވާއެއް ނުވަތަ އެ ޝަކުވާއަކާ ގުޅިގެން ނިންމުމެއް ނިންމާފައިވާކަން އެނގޭނެ އެއްވެސް ލިޔެކިއުމެއް އެމްޑީޕީން ހުށަހެޅި ފޯމާ އެކު ހުށަހަޅާފައެއްނުވޭ
އެހެންވެ، އެ ފޯމު ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެވޭކަށް ނެތް
މި މައްސަލަ ހުށަހެޅުމުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ވަކީލު އަހުމަދު މައުރޫފް އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގަރާރު ބާތިލުކުރުމަށް އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފޯމު ބަލައިގަނެވެން ނެތް ކަމަށް އެންގީ 5 ވަނަ ފަހަރަށް އިސްލާހުކޮށްފައި ފޮނުވި ފަހުން ކަމަށެވެ.
މައުރޫފް ވިދާޅުވި ގޮތުން:
މިއީ މީގެ ކުރިން ހަތަރު ފަހަރު ފޯމު އިސްލާހުކުރަން އެންގިއިރު ވެސް ކޯޓުން ނުދައްކާ ބަހަނާއެއް
ރައީސްގެ ގަރާރެއް ނެރުނީމާ، އޭގެ ޝަކުވާ ހިފައިގެން ދާނެ އެއްވެސް މުއައްސަސާއެއް ނުވަތަ އެކަން ހައްލުކުރަން މަސައްކަތްކުރާނެ އެއްވެސް ގާނޫނީ ފުރުސަތެއް ނޯވޭ
އެކަމުގެ ސައްހަކަން ކަނޑައަޅަން ދާން ޖެހެނީ ކޯޓަށް
ކޯޓަށް ހުށަހެޅުމުން ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލަން
އެނގުން މުހިންމު - މި ވޯޓާ ގުޅޭ ދުސްތޫރީ ދެ މައްސަަލައެއް ސުޕްރީމް ކޯޓަށް ވެސް އޮތީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ދެ އިންތިހާބު އެއްކޮށްލުމުގެ ބިލު 15 ދުވަސް ތެރޭ ތަސްދީގުކޮށްފައިނުވާތީ، މިހާރު އެ ބިލަކީ ބާތިލު އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ވެސް ވަނީ ބޭރުކޮށްލާފަ އެވެ.
އަނެއް މައްސަލަ ސުޕްރީމް ކޯޓުގައި މިއަދު ފެށިއިރު، އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފަ އެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، އެއާ ގުޅިގެން ނަގާ ވޯޓު ހުއްޓުވައިދިނުމަށް އެދި އެވެ.
2 އިންތިހާބު އެއްކޮށްލުމުގެ ވޯޓު: އެމްޑީޕީން ހުށަހެޅި މައްސަލަ 5 ވަނަ ފަހަރަށް ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ