ސިޔާސީ މަންފާއަށް، މަރުވި ކުއްޖާގެ ފޮޓޯ ބޭނުންނުކުރުމަށް އޮމްބަޑްސްޕާސަންގެ އޮފީހުން އިލްތިމާސްކޮށްފި
ކެއުންބުއިމަށް ބޭނުންވާ މުހިންމު ހޮޅިކޮޅެއް ލިބުން ލަސްވެ ހަ އަހަރުގެ ކުއްޖާ ނިޔާވި މައްސަލައާއި ގުޅިގެން، ސިޔާސީ މަންފާއަށް ކުއްޖާގެ ޒާތީ މައުލޫމާތާއި ފޮޓޯ ބޭނުން ނުކުރުމަށް ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީހުން މިއަދު އިލްތިމާސްކޮށްފިއެވެ. ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، ސޯޝަލް މީޑީއާގައި އެ ކުއްޖާގެ ޒާތީ މައުލޫމާތާއި ފޮޓޯ ދައުރުކުރަމުންދާތީ، އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ބަޔާނުގައި ވަނީ، ކުޑަކުދީން ރައްކާތެރިކުރުމުގެ ގާނޫނުގެ 115 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ މައްސަލަ އެ އޮފީހުން ތަހުގީގުކުރަމުން ދާކަމަށް ބުނެފައެވެ. އެ ކުއްޖާ މަރުވި ޚަބަރާ ގުޅިގެން ބައެއް ފަރާތްތަކުން ކުއްްޖާގެ މައިންބަފައިންގެ ހުއްދައެއްނެތި އެ ކުއްޖާގެ ޒާތީ މައުލޫމާތާއި ފޮޓޯ ބޭނުންކޮށް، ތަފާތު ވާހަކަތައް ފަތުރަމުންދަނީ ސިޔާސީ މަންފާއަށްކަން އެ އޮފީހަށް ފާހަގަވެފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ގާނޫނުގެ ދަށުން ކުޑަކުދީންނަށް ރައްކާތެރިކަމާއި ހިމާޔަތް ލިބިދީފައިވާއިރު ކުއްޖާގެ ޒާތީ މައުލޫމާތު ނޭދެވޭ ގޮތުގައި ބޭނުންކުރުމަކީ، ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނޭ ކަމެއްކަން އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އެ އޮފީހުން ވަނީ މި މައްސަލައަކީ ކުޑަކުދީންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ މަގްސަދާއި ރޫޙާއި ޚިލާފު ކަމެއް ކަމަށާއި އެ ގާނޫނުން ކުޑަކުދީންގެ މަސްލަހަތު ހިމާޔަތްކުރުމަށް ފަހިކޮށްދީފައިވާ ފުރުސަތުތަކަށް ހުރަސްއެޅޭ ކަމެއް ކަމުގައި ދެކޭކަމަށް ބުނެފައެވެ. އެހެންކަމުން ކުއްޖާގެ އާއިލާއަށް ދިމާވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި، ކުއްޖާގެ ކަރާމާތަަށް އުނިކަން އަންނާނެފަދަ ޒާތީ މައުލޫމާތާއި ފޮޓޯ އާއިލާގެ ހުއްދަނެތި ސޯޝަލް މީޑީއާގެ މަންސަތަކުގައި ބޭނުންނުކުރުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ