ސަރުކާރުގެ ވަޒީފާއަށް އެކަނި ބަރޯސާކޮށްގެން ރައްޔިތުން ނިކަމެތިކޮށްލައިފި: ޝާހިދު ސަރުކާރުގެ ވަޒީފާއަށް އެކަނި ބަރޯސާކޮށްގެން ރައްޔިތުން ނިކަމެތިކޮށްލައިފި: ޝާހިދު

ސަރުކާރުގެ ކުންފުނިތަކުން އޮބިނޯންނަވަރަށް ރައްޔިތުންނަށް ވަޒީފާތައް ދީ، އެ ވަޒީފާއަށް ބަރޯސާކޮށްގެން ރައްޔިތުން ނިކަމެތިކޮށްލައިފި ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ސިޓީތަކާއި ރަށްރަށުގައި ހިތްވަރާއެކު މަަސައްކަތްކުރަމުންދިޔަ ރައްޔިތުންނަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާދީ ރައްޔިތުން ނިކަމެތިކޮށްލައި، ފުނޑުފުނޑުކޮށްލާފައިވާ ކަމަށެވެ.
"ސަރުކާރުގެ ކުންފުނިތަކުން އޮބިނޯންނަހާ ގިނަ ވަޒީފާ މީހުންނަށް ދެއްވާ. ސިޓީތަކުގައި، ރަށްރަށުގައި ހިތްވަރާއެކު މަސައްކަތްކުރަމުން ގެންދިޔަ މީހުންގެ މަސައްކަތްތައް މުޅި އިގްތިސޯދު ހަރާބުކޮށްލައި ހަލާކުކޮށްލާފައި މުޅިން ސަރުކާރުގެ ވަޒީފާގެ މުސާރައަށް އެކަނި ބަރޯސާކޮށްގެން މީހާ، އިންސާނާ، ދިވެހި ރައްޔިތު މީހާ ނިކަމެތިކޮށްލަނީ. ފުނޑުފުނޑުކޮށްލަނީ،" ޝާހިދު ވިދާޅުވި އެވެ.
ސަރުކާރުގެ ވަޒީފާގައި ފިތިފައި ތިބި މީހުންގެ ޝުއޫރު ހިތްވަރާއެކު ފާޅުކުރުމުގެ ފުރުސަތު ނުލިބުމުން، މަޑުމަޑުން އެތެރެއިން އެމީހަކު ފުނޑުފުނޑުވެގެން ދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މިއަދުގެ ޒުވާނުންނަށް ވަޒީފާއަށްވުރެ ވެސް ބޮޑަށް ބޭނުންވަނީ ޝުއޫރުފާޅުކޮށް ބަސް ބުނުމުގެ މިނިވަންކަން ކަމަށާއި ގާނޫނުއަސާސީ އުފެއްދުމުގައި ވަކާލާތު ކުރަމުންދިޔަ ހިސާބަށް މިއަދު ސޮއްސާލާފައިވާ ކަމަށެވެ.
މީގެ އިތުރުން ރަށްރަށުގައި އަމިއްލަ ވިޔަފާރިއެއް ކުރުމުގެ ފުރުސަތުތައް ވެސް ސަރުކާރުން ފުނޑުފުނޑުކޮށްލާފައިވާކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ރަށްރަށުގައި މަސައްކަތްތައް މިހާރު ކުރަމުންދަނީ ކޮރަޕްޝަންގެ ހާއްޔަކަށްވެފައިވާ ސަރުކާރުގެ ކުންފުނިތަކުން ކަމަށެވެ.
"މިއަދުގެ ސަރުކާރުން ކަންކުރަމުން އެގެންދަނީ މި ރަށުގައި މަސައްކަތެއް ކުރުމުގެ އަމިއްލަ އެއްވެސް ވިޔަފާރިއެއް ކުރުމުގެ ހުރިހާ ފުރުސަތެއް ފުނޑުފުނޑުކޮށްލުން. އަޅުގަނޑުމެންގެ އެމްޑީޕީގެ ވިސްނުމުގައި އަދި ސަރުކާރު ހިންގުމުގައި އަޅުގަނޑުމެން ސިޓީތަކަށް ކައުންސިލްތަކަށް ބާރު ދިނީ ތިން މިލިއަން ރުފިޔާއަށްވުރެ ކުދި ޕްރޮޖެކްޓްތައް ކައުންސިލްތަކުން ބީލަމަށް ލައިގެން ރަށުގެ މަސައްކަތްކުރާ މީހުންނަށް އެ ޕްރޮޖެކްޓްތައް ދޫކޮށްގެން ވިޔަފާރި ރަށުގައި އުފައްދާށޭ،" ޝާހިދު ވިދާޅުވި އެވެ.
"މިއަދު ސަރުކާރުން ނިންމެވީ ނޫނެކޭ ތިމަންނާމެންނަށް މާ މޮޅު ގޮތެއް އެބައޮތޭ ފެންނަން. އެ މާލޭގައި ހުރި އެސްއޯއީތައް ސަރުކާރު ބައިވެރިވާ ކޮރަޕްޝަނުގެ ހާލިތައް ކަމުގައިވާ ކުންފުނިތަކުން އެކި މަސައްކަތްތައް ހަވާލުކޮށްގެން އެމީހުން ލައްވައޭ ތިމަންނަމެން ކުރާނީ."
ޝާހިދު މިހެން ވިދާޅުވިއިރު، ޕެންޝަން އޮފީހުގެ އެންމެ ފަހުގެ މައުލޫމާތުން ދައްކާ ގޮތުގައި ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުން ހިމަނައިގެން ވަޒީފާގައި ތިބި މީހުންގެ އަދަދު 77،000 އަށް ވުރެ އިތުރެވެ. މިއީ ގާތްގަނޑަކަށް ވަޒީފާ އަދާކުރާ ދިވެހިންގެ 58 ޕަސެންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ