ފަރާ އެނބުރި އައިސް ފިލްމެއް ޑައިރެކްޓްކުރަނީ، އެކަމަކު ޝާހާ އެކު ނަމަ
ބޮލީވުޑްގެ ކުޅަދާނަ ފިލްމު ޑައިރެކްޓަރު އަދި ކޮރިއަގްރާފަރު ފަރާ ޚާން, އާ ފިލްމެއް އުފައްދާނަމަ އަނެއްކާ ވެސް ފިލްމެއް ގެނެސްދޭނީ އެކްޓަރު ޝާހްރުކް ޚާނާ އެކު ކަމަށް ބުނެފިއެވެ. ފަރާ އެންމެ ފުރަތަމަ ފިލްމު ޑައިރެކްޝަނަށް ނުކުތް ފިލްމު "މޭ ހޫނާ"ގެ އިތުރުން އިތުރު ދެ ފިލްމެއްގައި ޝާހު ވަނީ މަސައްކަތްކޮށްފައެވެ. އެ ތިން ފިލްމަކީ ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބި ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުތަކެކެވެ. އެއީ, އެންމެ ފަހުން ފަރާ ޑައިރެކްޓްކޮށް ގެނެސްދިން "ހެޕީ ނިއު އިޔާ" އަދި 2007 ވަނަ އަހަރު ބަތަލާ ދީޕިކާ ޕަދުކޯން ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ފިލްމު "އޯމް ޝާންތީ އޯމް"އެވެ. ފަރާ އާއި ޝާހު އެވޯޑު ޝޯއެއްގައި--ފޮޓޯ/ފިލްމުފެއަ ޓެލެވިޒަން އެކްޓަރު ނަކުލް މެހެތާއާ އެކު ފަރާގެ ޔޫޓިއުބް ޗެނަލްއިން ގެނެސްދިން އެޕިސޯޑެއްގައި ވާހަކަދައްކަމުން ހުނަރުވެރި ޑައިރެކްޓަރު ބުނީ، ވަރަށް ގިނަ ބަޔަކު އޭނާގެ ފިލްމަކަށް އިންތިޒާރުކުރަމުން އަންނަ ކަމަށާއި އެނބުރި ފިލްމު ޑައިރެކްޝަނަށް ފަރާ ނުކުންނާނެ ދުވަހަކަށް އުންމީދުކުރާ ކަމަށެވެ. އެހެންވެ، އެ ކަމާ ވަރަށް ފުންކޮށް ވިސްނަމުންދާ ކަމަށާއި މި އަހަރު ނިމެންވާއިރު ޑައިރެކްޓްކުރާ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާނެ ކަމަށް ފަރާ ވަނީ ބުނެފައެވެ. އެކަމަކު، އެ ފިލްމު ވެސް ގެނެސްދޭނީ ޝާހާ އެކު ކަމަށާއި އެކަން ފެއިލްވެއްޖެނަމަ އަނެއްކާ ވެސް ފަރާ މިހާރު ވެސް ކުރަމުން އަންނަ ޔޫޓިއުބް ޗެނަލް ހިންގުމުގެ މަސައްކަތައިގެން ކުރިއަށްދާނެ ކަމަށް ވަނީ ބުނެފައެވެ. ފިލްމީ މަސައްކަތަށް އެނބުރި ނުކުތް ނަމަވެސް ޔޫޓިއުބް މެދުވެރިކޮށް ކޮންޓެންޓް ގެނެސްދޭނެކަމުގެ ޔަގީންކަން ފަރާ ވަނީ ދީފައެވެ. ޔޫޓިއުބް ޗެނަލްއަކީ ފަރާއަށް މި ވަގުތު އެންމެ ބޮޑު އާމްދަނީއެއް ލިބޭ މަސައްކަތް ކަމަށް މީގެ ކުރިން ވެސް ފަރާ ވަނީ ބުނެފައެވެ. އެ މަސައްކަތަކީ އޭނާ ވަރަށް ކުރާހިތުން ކުރާ މަސައްކަތެއް ކަމަށާއި ޔޫޓިއުބް ޗެނަލް ހިންގުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ފަރާގެ ކުދިންގެ ކިޔެވުމަށް ޚަރަދުތައް ބެލެހެއްޓުން ކަމަށް ވަނީ ބުނެފައެވެ. ފަރާއަށް ލިބިފައިވާ އެއް މާބަނޑު ތިން ކުދިންގެ ތެރެއިން ދެ ކުދިން އަންނަނީ އިކޮނޮމިކްސްއާއި ޑާޓާ ސައިންސް އަދި އާޓިފިޝަލް އިންޓެލިޖެންސްއިން މަތީ ތައުލީމު ހޯދުމަށް އެމެރިކާއަށް ދިއުމަށް ތައްޔާރުވަމުންނެވެ. އާ ފިލްމެއްގެ މަސައްކަތް ފަށާނެކަމުގެ އިޝާރާތެއް ފަރާދީފައިވާއިރު 2019 ވަނަ އަހަރު ޑައިރެކްޓަރު ރޯހިތު ޝެޓީއާ ގުޅިގެން ފިލްމެއް ގެނެސްދޭނެކަން ފަރާ ވަނީ ކުރިން އިއުލާނުކޮށްފައެވެ. އޭރު މީޑިއާތަކުން ބުނެފައިވާ ގޮތުގައި ފަރާ އުފައްދަން އުޅުނީ 1982 ވަނަ އަހަރުގެ އެކްޝަން ކޮމެޑީ ފިލްމު "ސައްތޭ ޕެ ސައްތާ"އެވެ. ނަމަވެސް ފަހުން އެ ފިލްމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ