އެމެރިކާއާ އެކު މިދިޔަ ޖުލައި މަހު އެކުލަވާލި ވިޔަފާރީގެ އެއްބަސްވުން ތަސްދީގުކުރުން ފަސްކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގާނޫނު ހަދާ މަޖިލީހުން ތައްޔާރުވެއްޖެ އެވެ.
އީޔޫގެ ގާނޫނު ހަދާ މަޖިލީހުގެ މަސްދަރުތަކުން ބުނާ ގޮތުގައި، މި އެއްބަސްވުން މެދުކަނޑާލިކަން މިއަދު ރަސްމީކޮށް އިއުލާންކުރާނެ އެވެ.
މި ނިންމުން ނިންމާފައިވަނީ މިދިޔަ ހަފުތާ ބަންދުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑާ ގުޅޭ ގޮތުން ދެއްވި އިންޒާރުތަކާ ގުޅިގެން، ދެ ފަރާތުގެ ދެމެދުގައި ވިޔަފާރީގެ ބޮޑު ކުރިމަތިލުމެއް ހިނގައިފާނެ ކަމުގެ ބިރުވެރިކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
މި ނުތަނަވަސްކަމުގެ ސަބަބުން މާލީ ބާޒާރުތަކަށް ވަނީ ބޮޑު ލޮޅުމެއް އަރާފަ އެވެ. ޔޫރަޕްގެ ހިއްސާގެ ބާޒާރުތައް ވިދިވިދިގެން ދެވަނަ ދުވަހަކަށް ދަށަށް ގޮސްފައިވާއިރު، އެމެރިކާގެ ޑޯ ޖޯންސް އިންޑެކްސް %1.7، އެސްއެންޑްޕީ 500 އިންޑެކްސް %2 އަދި ނަސްޑެކް %2.4 ދަށަށް ދިޔަ އެވެ.
ސްކޮޓްލޭންޑްގައި ހުންނަ ޓްރަމްޕްގެ ޓާންބެރީ ގޯލްފް ކޯހުގައި މިދިޔަ ޖުލައި މަހު ވީ އެއްބަސްވުމުގެ ދަށުން، ޔޫރަޕްގެ މުދަލުން އެމެރިކާއިން ނަގާ ޓެރިފް %30 އިން %15އަށް ކުޑަކުރުމަށް ވަނީ ނިންމާފަ އެވެ. އޭގެ ބަދަލުގައި، އީޔޫން އެމެރިކާގައި އިންވެސްޓްކުރުމަށާއި އެމެރިކާގެ މުދާ އެކްސްޕޯޓްކުރުން އިތުރުކުރުމަށް އެހީތެރިވުމަށް ވަނީ އެއްބަސްވެފަ އެވެ.
ނަމަވެސް މި އެއްބަސްވުމަށް އަމަލުކުރަން ފެށޭނީ އީޔޫގެ ޕާލަމަންޓުން އެ ތަސްދީގުކުރުމުންނެވެ.
ނަމަވެސް، އީޔޫގެ އިސް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވިދާޅުވާ ގޮތުގައި، މިހާރު އޮތް ހާލަތުގައި މި އެއްބަސްވުން ފާސްކުރެވޭކަށް ނެތެވެ.
ޖަރުމަނުގެ މެންބަރެއް ކަމަށްވާ މެންފްރެޑް ވެބާ ވިދާޅުވީ އެމެރިކާއިން ދެމުންދާ އިންޒާރުތަކާ އެކު މި މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ވިޔަފާރީގެ ކޮމިޓީގެ މުގައްރިރު ބާންޑް ލަންގޭ ވިދާޅުވީ، ޔޫރަޕްގެ މެންބަރު ގައުމެއްގެ ސިޔާދަތީ ކަމެއްގައި ޕްރެޝަރު ކުރުމަށް ޓެރިފް ބޭނުންކުރާ ނަމަ، އެއްބަސްވުމުގެ މަސައްކަތް މެދުކަނޑާލުން ނޫން އިތުރު ގޮތެއް ނެތް ކަމަށެވެ.
މި ނިންމުމާ ގުޅިގެން އީޔޫން ރައްދުގައި ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑެވެ. އެމެރިކާގެ 93 ބިލިއަން ޔޫރޯގެ މުދަލުން ޓެރިފް ނެގުން ފަސްކޮށްފައި އޮތް މުއްދަތު އަންނަ މަހު 6އަށް ހަމަވާނެ އެވެ. އެހެންކަމުން، އެ މުއްދަތު އިތުރު ނުކޮށްފިނަމަ ނުވަތަ އެއްބަސްވުން ފާސް ނުވެއްޖެ ނަމަ، ޖެހިގެން އަންނަ ދުވަހުން ފެށިގެން މުދަލުން ޓެރިފް ނަގަން ފަށާނެ އެވެ.
ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯން ވަނީ އީޔޫން އަޅާނެ ރައްދު ފިޔަވަޅުތަކާ މެދު ވިސްނުމަށް ގޮވާލައްވާފަ އެވެ.
އެމެރިކާގެ އޮފިޝަލުން ވަނީ އީޔޫން އަޅާފާނެ ރައްދު ފިޔަވަޅުތަކާ މެދު އިންޒާރު ދެއްވާފަ އެވެ.
ޑާވޯސްގައި ވާހަކަ ދައްކަވަމުން ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ ޓެރިފްގެ ބަދަލުގައި ޓެރިފް ނުނެގުމަށް ޔޫރަޕްގެ ލީޑަރުންނަށް ގޮވާލައްވާފަ އެވެ. ނަމަވެސް، ކޮމާސް ސެކްރެޓަރީ ހޮވާޑް ލަޓްނިކް އަދި ޓްރޭޑް ރެޕްރެޒެންޓެޓިވް ޖޭމިސަން ގްރީއާ ވިދާޅުވީ، ޔޫރަޕުން އަޅާ ކޮންމެ ފިޔަވަޅަކަށް އެމެރިކާއިން އެކަށީގެންވާ ރައްދެއް ދޭނެ ކަމަށެވެ.
އެމެރިކާ އަދި އީޔޫއަކީ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިންނެވެ. އެގޮތުން، 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދެ ފަރާތުގެ ދެމެދުގައި 1.6 ޓްރިލިއަން ޔޫރޯގެ މުދަލާއި ހިދުމަތް ބަދަލުކުރެވިފައިވެ އެވެ.
އެމެރިކާގެ ވިޔަފާރީގެ އެއްބަސްވުން މަޑުޖައްސާލަން އީޔޫން ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ