ގާޒާގެ 'ބޯޑް އޮފް ޕީސް'ގައި އިޒްރޭލުގެ ނަތަންޔާހޫ ބައިވެރިވާނެ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލައްވާ ބޯޑް އޮފް ޕީސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިޒްރޭލު ސަރުކާރުން މިއަދު ބުނެފި އެވެ.
މީގެ ކުރިން ނަތަންޔާހޫގެ އޮފީހުން ވަނީ، މި ބޯޑުގެ އެގްޒެކެޓިވް ކޮމިޓީގައި އިޒްރޭލާ ވާދަވެރި ތުރުކީ ހިމެނޭތީ އެކަމަށް ފާޑުކިޔާފަ އެވެ.
ނަތަންޔާހޫގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓްރަމްޕް ދެއްވި ދައުވަތު އޭނާ މިހާރު ގަބޫލުކުރައްވާފައިވާ ކަމަށެވެ.
ޓްރަމްޕް އިސްވެ ހުންނަވައިގެން އުފައްދާ މި ބޯޑަކީ، ގާޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް ބަލަހައްޓާ ދުނިޔޭގެ ލީޑަރުންގެ ކުޑަ ގްރޫޕެއްގެ ގޮތުގައި އުފެއްދުމަށް ނިންމި ބޯޑެކެވެ.
ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން މިހާރު ވަނީ މި ބޯޑުގެ މަގްސަދުތައް ފުޅާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ މައްސަލަތައް ހައްލުކުރާ، އދ.ގެ ސަލާމަތީ މަޖިލީހާ އެއްފަދަ ބާރުގަދަ އިދާރާއަކަށް ހެދުމަށް އަމާޒު ހިފާފަ އެވެ. މި މަސައްކަތުގެ ދަށުން ޓްރަމްޕް ވަނީ ގާތްގަނޑަކަށް 10 ގައުމަކަށް މިހާރު ދައުވަތު ފޮނުއްވާފަ އެވެ.
މި ބޯޑުގެ ގަވާއިދުތައް އަދި ރަސްމީކޮށް އާންމުކޮށްފައި ނުވި ނަމަވެސް، އޭޕީއަށް ލިބިފައިވާ ޑްރާފްޓް ލިޔުމަކުން އެނގޭ ގޮތުގައި، ބޯޑުގެ އެންމެހާ ބާރުތައް އޮންނާނީ ސީދާ ޓްރަމްޕްގެ އަތްޕުޅުގަ އެވެ. އަދި މި ބޯޑުގެ ދާއިމީ މެންބަރަކަށް ވުމަށްޓަކައި 1 ބިލިއަން ޑޮލަރުގެ މާލީ އެހީއެއް ދޭންޖެހޭނެ ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެ އެވެ.
މިހާތަނަށް އަށް ގައުމަކުން ވަނީ މި ބޯޑުގައި ބައިވެރިވުމަށް އެއްބަސްވެފަ އެވެ. އެއީ އިޒްރޭލު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، މޮރޮކޯ، ވިއެޓްނާމް، ކަޒަކިސްތާން، ހަންގޭރީ، އާޖެންޓީނާ އަދި ބެލަރޫސް އެވެ.
ޓްރަމްޕް ވަނީ ޕެރަގުއޭގެ ލީޑަރު ސަންޓިއާގޯ ޕެންޔާ، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ، މިސްރުގެ ރައީސް އަބްދުލްފައްތާހް އަލް ސިސީ އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާނަށް ވެސް ދައުވަތު ފޮނުއްވާފަ އެވެ. މީގެ އިތުރުން ރަޝިޔާ، އިންޑިއާ، ސްލޮވީނިއާ، ތައިލެންޑް އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އަށް ވެސް ދައުވަތު ލިބިފައިވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
ރަޝިއާގެ ރައީސްގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، ރަޝިޔާ އިން މިހާރު ދަނީ މިކަމުގެ ތަފްސީލުތައް ދިރާސާ ކުރަމުން ކަމަށާއި، އެމެރިކާއާ ވާހަކަދައްކައިގެން ކަންކަން ސާފުކުރާނެ ކަމަށެވެ. ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް ދައުވަތު ދެއްވިކަން ޓްރަމްޕް ވެސް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
މި ބޯޑުގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނެނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޮފް، ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ، އެޕޯލޯ ގްލޯބަލް މެނޭޖްމަންޓްގެ ސީއީއޯ މާކް ރޯވަން، ވޯލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ އަދި ޓްރަމްޕްގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ރޮބަޓް ގޭބްރިއަލް އެވެ.
އެއާ އެކު، ގާޒާ އެގްޒެކެޓިވް ބޯޑުގެ ނަމުގައި އެހެން ބޯޑެއްގެ މެންބަރުން ވެސް ވައިޓް ހައުސް އިން ވަނީ އިއުލާންކޮށްފަ އެވެ.
މި ބޯޑަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، އެންމެ އުނދަގޫ ދެވަނަ މަރުހަލާ ތަންފީޒު ކުރުމުގެ ޒިންމާ އުފުލާނެ ފަރާތެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ ސަލާމަތީ ބާރެއް ގާޒާގައި ގާއިމުކުރުމާއި ހަމާސްގެ ހަތިޔާރު އަތުލުމާއި ހަނގުރާމައިގައި ސުންނާފަތިވެފައިވާ ގާޒާ އަލުން އާބާދުކުރުން ހިމެނެ އެވެ.
މި ބޯޑުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ބަލަހައްޓާނީ ބަލްގޭރިއާގެ ކުރީގެ ސިޔާސީ ބޭފުޅެއް އަދި އދ. އިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނެވި މަންދޫބު ނިކޮލާއި މިލަޑީނޯވް އެވެ.
މި ބޯޑުގެ އެހެން މެންބަރުންގެ ތެރޭގައި ސްޓީވް ވިޓްކޮފް، ޖެރެޑް ކުޝްނާ، ޓޯނީ ބްލެއާ، މާކް ރޯވަން، ތުރުކީގެ ހާރިޖީ ވަޒީރު ހަކާން ފިދާން، ގަތަރުގެ ޑިޕްލޮމެޓް އަލީ އައްސަވާދީ، މިސްރުގެ އިންޓެލިޖެންސް އިދާރާގެ ވެރިޔާ ހަސަން ރަޝާދު، ޔޫއޭއީގެ މިނިސްޓަރު ރީމް އަލް ހާޝިމީ، އިޒްރޭލުގެ ވިޔަފާރިވެރިޔާ ޔާކިރު ގަބާއި އަދި ނެދަލޭންޑްސްގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު ސިގްރިޑް ކާގް ހިމެނެ އެވެ.
މީގެ އިތުރުން، ގާޒާގެ ކަންކަން ދުވަހުން ދުވަހަށް ހިންގުމަށް އަލަށް އައްޔަންކުރާ ފަލަސްތީނުގެ ފަންނީ މާހިރުންގެ ކޮމިޓީއެއްގެ މަސައްކަތްތައް ވެސް ސުޕަވައިޒް ކުރާނީ މި ބޯޑުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ