ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ފުޅާ ދާއިރާއެއްގަ ގެދޮރުވެރިކަމަށް ޓަކައި މަގުފަހިކޮށްދޭނެ ބަޖެޓުގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ސިފަކުރެއްވި މިދިޔަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ހިމެނި ޖުމްލަ އަދަދުން އަހަރު ނިމުނުއިރު ހަރަދުކުރީ އެންމެ 11 ޕަސެންޓުކަން ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ އަހަރު ދައުލަތުން ކުރި ހަރަދުތަކާއި ލިބުނު އާމްދަނީގެ ޖުމްލަ ހިސާބުތައް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އާންމުކޮށްފަ އެވެ.
އެ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ޕީއެސްއައިޕީ ބަޖެޓުން ހާއްސަކުރި 1.8 ބިލިއަން ރުފިޔާގެ ތެރެއިން ހަރަދުކޮށްފައިވަނީ އެންމެ 204 މިލިއަން ރުފިޔާ އެވެ. މިއީ ޖުމްލަ އަދަދުގެ 11 ޕަސެންޓެވެ.
އަހަރުން އަހަރަށް ބަލާއިރު ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރި ހަރަދު މިދިޔަ އަހަރު ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން 2024 ގައި ދައުލަތުގެ ބަޖެޓުން ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް 869 މިލިއަން ހަރަދުކުރި އެވެ. މިއީ 665 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ބަޖެޓުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރި ހަރަދު ބޮޑުތަނުން ދަށްވެފައި ވާއިރު، މިދިޔަ އަހަރުގެ ބަޖެޓަކީ "ބޯހިޔާވަހިކަމުގެ" ބަޖެޓު ކަމުގައި މުއިއްޒު އިއުލާނުކުރެއްވީ އޮކްޓޯބަރު 31، 2024 ގައި ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެއީ ސަރުކާރުން މަޖިލީހަށް ބަޖެޓު ހުށަހެޅުމު އެއް ދުވަސް ކުރި އެވެ.
"އެ ބަޖެޓަށް އަޅުގަނޑު ކިޔަނީ، އަދި ހަމަ ހަގީގަތުގަ ތަންފީޒުވެގެންދާއިރު ވާނީ ބޯހިޔާވަހިކަމުގެ ބަޖެޓަށް. ތިބޭފުޅުންނަށް އެންމެ މުހިންމީ ގެދޮރުވެރިކަން. ކިޔަވައިގެން މި ނުކުންނަނީ ވަޒީފާއެއް އަދާކުރަން. ގިނަ ބޭފުޅުން އުޅެން ޖެހެނީ، އުޅޭނެ ތަނެއް ނެތީމަ އެންމެން، އާއިލާ މީހުން އެއްވެލައިގެން ކުއްޔަށް ހިފައިގެން،" މުއިއްޒު އެ ދުވަހު ވިދާޅުވި އެވެ.
މިފަދައިން ނަން ދެއްވުމަށްފަހު މިދިޔަ އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނުހިންގުމުން އިދިކޮޅު ސިޔާސީ ލީޑަރުން ވެސް އެކަން ފާހަގަކޮށް މީގެ ކުރިން މުއިއްޒު އަށާއި ސަރުކާރަށް ފާޑުކިޔާފައިވެ އެވެ.
އެގޮތުން، ނޮވެމްބަރު މަހުގެ ފަހުކޮޅު ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވަނީ ބޯހިޔާވަހިކަމަށް ހާއްސަކުރިއިރު މި ބަޖެޓު "ހުސްވިއިރު" މުއިއްޒު އަށް އެންމެ ގާބުރިއެއް ނުބޭއްވުނު ކަމަށް ވިދާޅުވެފަ އެވެ.
"ބޯހިޔާވަހިކަމަކީ އެންމެ ހައްސާސް މައްސަލަ، ޒުވާނުންނަށް ވެސް އަދި އެހެން މީހުންނަށް ވެސް. އެހޭ ވަރަށް މި ވާހަކަ ދައްކާފަ ފޮނި ކަނޑާފައި އަޗާތެޅީ،"
"[އަޗާ]ތަޅާފަ މި ދެ ބިލިއަން ރުފިޔާ ވީނުވީއެއް ނޭނގެ. އިނގޭތޯ. ބަޖެޓުގައި ޖެހި މި ފައިސާ. އަދި ޕީއެސްއައިޕީގެ ތެރޭގައި މި ފައިސާ ހުރި." ނޮވެމްބަރު 20، ގައި ޔާމީން ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ތެރޭ ބަޖެޓުން ހަރަދު ނުކުރާ ސަބަބާ ގުޅިގެން ފިނޭންސް މިނިސްޓްރީގައި ތަކުރާރުކޮށް ސުވާލުކުރުމުން ބުނިހާ ވެސް އެއްޗަކީ ސަރުކާރުން ރޭވި ގޮތަށް ހައުސިން މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަދި މިހާރު ކުރިއަށް ދަނީ މަޝްރޫތައް ހިންގަން ލިބިފައިވާ ބިޑުތައް ދިރާސާކުރުމުގެ މަސައްކަތް ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދިނެވެ. ނަމަވެސް، އަހަރު ނިމިގެންދިޔައީ އެ މަޝްރޫއުތައް ނުފެށި އުޅެނިކޮށެވެ.
ބޯހިޔާވަހިކަމުގެ ބަޖެޓުން މިދިޔަ އަހަރު ހަރަދުކުރީ އެންމެ 11 ޕަސެންޓު ބޯހިޔާވަހިކަމުގެ ބަޖެޓުން މިދިޔަ އަހަރު ހަރަދުކުރީ އެންމެ 11 ޕަސެންޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ