ޢިބްރަތްތެރި ވާހަކަ: މާރަނގަޅު އަންހެނަކު ފެނިގެން ވަފާތެރި އަނބިމީހާ ވަރިކޮށް މަގުމަތިކުރި ފިރިއަކު ބަނގުރޫޓުވެ ވަޒީފާ ހޯދަން އެއަނބިމީހާގެ ގާތަށް ދާންޖެހުނު ގޮތުގެ ވާހަކަ-

އަހުރެންނަކީވެސް މައިންބަފައިންގެ ނުޤަބޫލުގައި ކައިވެނިކުރި އަންހެނަކީމެވެ. ކައިވެނިކޮށް ގެއިން ނުކުމެގެން ދިއައީ މައިންބަފައިން ކުރި އާދޭހުގައި ކޮޅުފައިން ޖަހައިފައެވެ. ތަނަވަސް ބައިވެރިޔާއާއިއެކު އުފަލުގައި ޢުމުރު ހޭދަކުރުމުގެ ބޭނުމުގައެވެ.  
ކައިވެންޏަށް 3 ވަނަ މަހުގައި އަންހެނަކު ގޮވައިގެން ގެއަށް އައިސް ބުނީ އަހުރެން ވަރިކުރީ ކަމަށާއި ގެއިން ނުކުމެގެން ދިއުމަށެވެ. ކުށަކީ ކޮބައިތޯ ސުވާލުކުރުމުން ބުނީ އެއްވެސް ކުށެއް އޮވެގެން ނޫންކަމަށާއި ހުރިހާ ގޮތަކުންވެސް މާރަނގަޅު އަންހެނަކު ލިބުމުން ބައިވެރިޔާ ބަދަލުކޮށްލީ ކަމަށެވެ.  
އަހުރެން އެނބުރި މައިންބަފައިންގެ ގާތަށް ދިއަޔަސް އެމީހުން އަހުރެން ބަލައިނުގަންނާނެކަމަށާއި ދާނެ ތަނެއް ނެތްކަމަށް ބުނުމުން ބުނީ އެއީ އޭނާގެ މައްސަލައެއް ނޫން ކަމަށެވެ. ގެއިން ނުކުމެގެން ދިއުން ނޫން ގޮތެއް ނެތްކަމަށްވެސް ބުންޏެވެ.  
ކުރެވޭނެ އިތުރުކމެއް ނެތުމުން ދަބަހަކަށް ހެދުންކޮޅު އަޅައިގެން ގެއިން ނުތީމެވެ. އެއީ ރޭގަނޑުގެ 11 ޖަހާ އެހައިކަންހާއިރެވެ. ދަބަސް ދަމަމުން ވަކި މިސްރާބެއް ނެތި ހިނގަންފެށީމެވެ. ހިނގަމުން ގޮސް މާލެހިޔާ ފްލެޓްތަކުގެ ކަންމައްޗަށް ދެވުނުތަނާ ވަރުބަލިވެގެން ފާރުގައި ލެގިލައިގެން މަޑުކޮށްލީމެވެ.  
އެހެން ހުއްޓައި ކާރެއް އައިސް މަޑުކޮށްލާފައި ނަމުން ގޮވާލުމުން ބަލައިލިއިރު ސްކޫލްއިރުގެ އެކުވެރިއެކެވެ. އަހުރެންގެ ކޮލުގައި ހުރި ކަރުނަ ތިކިތައް ފެނުމުން ކާރުން ފައިބައި ސުވާލުކުރަންފެށުމުން ޖެހުނު ޙާލު ކިޔައިދިނީމެވެ.  
އޭނާ ދަޢުވަތުދިނީ އޭނާއާއިއެކު އޭނާގެގެއަށް ދިއުމަށެވެ. ބުނީ ގޭގައި އުޅޭނީ އޭނާގެ އިތުރުން މަންމައާއި ބައްޕަ އެކަނިކަމަށެވެ. އަދި އަހުރެންނަށް ރަނގަޅު ގޮތެއް ފެންނަންދެން ހުންނާނެ ކޮޓަރިއެއް ދިނުމުގެ އިތުރުން ބޭނުންވާ ކަންކަންވެސް ކޮށްދޭނެ ކަމަށެވެ.  
އޭނާގެ ހުށަހެޅުން ޤަބޫލުކުރީމެވެ. އެއީ އެހެން އެއްވެސް ގޮތެއް ނެތީމައެވެ. އެގެއަށް ގޮސް އެގޭގައި އުޅެން ފެށީމެވެ. އޭނާއަކީވެސް އަމިއްލަ މަސައްކަތްކުރާ މީހެކެވެ. އެކަމަކު އަހުރެންނަށް ވަޒީފާއެއް ހޯދައިދިނީ އެހެން ތަނަކުންނެވެ. ވަޒީފާގައި އުޅެ އަހުރެންނަށްވެސް ތަނަވަސްކަން ލިބުމުން އޭނާ ބުންޏެވެ.  
"މިހައިތަނަށް މިވާހަކަ ނުދައްކައި މިހުރީ ނިކަމެތި ޙާލުގައި ހުއްޓައި ލޯބި ހުށަހެޅުމަކީ އަޅުވެތިކުރުވުން ކަމަށްވެދާނެތީއެވެ. މިއަދު ތިބާއަށް ރަނގަޅު މުސާރައެއް ލިބެއެވެ. ބޭނުންނަމަ  ތަނެއް ކުއްޔަށް ހިފައިގެންވެސް އުޅެވިދާނެއެވެ. ވީމާ މިއަދު ބުނެލަން ބޭނުންވަނީ ތިބާއާއި ކައިވެނިކުރަން ބޭނުންކަމަށެވެ. އަދި މަންމައާއި ބައްޕަވެސް ތިބީ އެކަމަށް ރުހިގެން ކަމަށެވެ."  
އެހެން ބުނުމުން އިތުރަކަށް ނުވެސް ވިސްނަމެވެ. އަވަހަށް ޤަބޫލުކުރީއެވެ. އެންމެ ބޮޑަށް ނިކަމެތިވި ދުވަހު އެހީތެރިވެދިނީތީއެވެ. ޤަދަރުކުރީތީއެވެ. އުޚުތެއްފަދައިން ގޭގައި ގެންގުޅުމުގެ އިތުރުން ވަޒީފާއެއްވެސް ހޯދައިދީ ދިރިއުޅެވޭނެ މަގު ދައްކައިދިނީތީއެވެ.  
ކައިވެންޏަށްފަހު ވަޒީފާއިން ވަކިވީމެވެ. ފިރިމީހާއާއިއެކުގައި މަސައްކަތްކުރަންފެށީމެވެ. ފިރިމީހާ ޙަވާލުކުރީ ކުންފުނީގެ އެޗްއާރު ޑިޕާޓްމަންޓްގެ މަސައްކަތެވެ. އެއީ ބައެއް މުވައްޒިފުން ހޯދަން އިންޓަރވިޔުކުރި ދުވަހެކެވެ. ވަޒީފާއަކަށް އެދިގެން އިންޓަރވިޔުކުރަންޖެހުނު އެކަކީ ކުރީގެ ފިރިމީހާއެވެ. އޭނާއާއި ވާހަކަދެއްކީ މޫނުއަޅައިގެން އިނދެއެވެ. އަޑުވެސް ބަދަލުކޮށްގެންނެވެ.  
ބުނީ ކުރިން އަމިއްލަ ވިޔަފާރިކުރި ކަމަށާއި ގުޅެވުނު އަންހެއްގެ ސަބަބުން ބަނގުރޫޓުވެ ދަރަނިވެރިވެގެން ގެދޮރުވެސް ވިއްކައިލީ ކަމަށެވެ. ޖަވާބުގައި ބުނީމެވެ. "ވަޒީފާއެއް ލިބި އަތްމަތި ތަނަވަސްވީމާ ދެންވެސް ވާނީ ހަމައެހެން ނޫންހެއްޔެވެ؟"  
އެހެން ބުނާއިރަށް އޭނާ އަހުރެންގެ އަޑުދެނެގެންފިއެވެ. ނަމުން ކިޔައި ވާހަކަދައްކަން ފެށުމުން ބުނީމެވެ. "ކުށެއް ނެތި އަނބިން ނިކަމެތިކުރާ މީހުންނަށް އެކަމުގެ ޝަޒާ ދުނިޔޭގައިވެސް ދައްކަވާކަން މިހިރަ ފެންނަނީއެވެ. މިއީ އަހުރެންގެ ފިރިމީހާގެ ކުންފުންޏެކެވެ. އެދިފައި އޮތް ވަޒީފާއެއް ނުދޭނަމެވެ. ނަމަވެސް ރަށެއްގައި ހިންގާ މަޝްރޫއަކުން ވަޒީފާއެއް ދީފާނަމެވެ. ހުންނާނެ ތަނާއި ކެއުން ލިބޭނެއެވެ. އުޅެވޭވަރުގެ މުސާރައެއްވެސް ލިބޭނެއެވެ."  
އޭނާ އެކަން ޤަބޫލުކުރުމުން ވަޒީފާދީ ރަށަކަށް ފޮނުވައިލީމެވެ. އެކަންކުރީ ފިރިމީހާގެ އިޒުނަވެސް ހޯދައިގެންނެވެ. މައި އޮފީހުން ވަޒީފާ ނުދިނީ ވަޒީފާދީފިނަމަ ލޯބީގެ ކުޅިގަނޑު ކުޅެން ފަށައިފާނެތީއެވެ.  
އަޅުގަނޑުގެ ދެވަނަ ކައިވެންޏަށް މިހާރު 12 އަހަރެވެ. ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ. ބުނެލަން ބޭނުންވަނީ ކުށެއް ނެތި އަނބިމީހާ ވަރިކޮށް ނިކަމެތިކޮށްލާ ގިނަ މީހުންނަށް ޖެހެނީ މިފަދަ ޙާލެކެވެ. ދުނިޔޭގައިވެސް އެކަމަށް ހިތާމަކުރަންޖެހެއެވެ. އެހެންކަމާއިއެކުވެސް އެކަން ވިސްނެނީ ވަރަށް މަދު މީހަކަށެވެ.
 
- މަޒީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ