ޢާއިލާގގައި ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ކިޔަވައިދީ މޮޅު ކުއްޖަކަށް ހަދަން މަސައްކަތްކުރުމުގައި އެއީ ނަމޫނާ ބައްޕައެކެވެ. ލިބޭ މުސާރައިން ދެކޮޅު ނުޖެއްސޭތީ އިތުރުގަޑީގައި މަސައްކަތްކުރުމުގެ އިތުރުން އިތުރު ތަންތަނުގައިވެސް މަސައްކަތްކުރިއެވެ.
ދަރިފުޅު ބޮޑުވެ ކިޔަވައި ނިމި ރަނގަޅު ވަޒީފާއެއް ލިބި ބޮޑު މުސާރަ ހިފައިގެން ގެއަށް އައިސް އެއިން ބައެއް މަންމަގެ އަތަށް ދިނެވެ. ބައްޕަ ތިމަންނާވެސް އެބައިނިން ކަމަށް ބުނުމުން ދަރިފުޅު އޭނާގެ ކްނަބޮޑުވުންތައް ހާމަކުރިއެވެ. އޭނާއަށް ވަޤުތުނުދޭކަމާއި ސްކޫލުގައި ބާއްވާ ބައްދަލުވުންތަކަށް ނުދާތީއެވެ. ބާޒާރުކުރަންވެސް ނުގެންދާތީއެވެ.
ދަރިފުޅުގެ ކަންބޮޑުވުންތައް ހާމަކުރުމުން މަންމަ ބުންޏެވެ. "ދަރިފުޅާއެވެ! ތިއަ ވިސްނެނީ ރަނގަޅަކަށް ނޫނެވެ. ސްކޫލަށާއި ޔުނިއަށް މަންމައަށް ފައިށާދެއްކުނީ ބައްޕަ ފައިސާ ދިނީމައެވެ. ބާޒާރަށް ގެންގޮސް އެއްޗެތި ގަނެދެވުނީވެސް ބައްޕަ ފައިސާދިނީމަށެވެ. އެފައިސާ ބައްޕަ ހޯދީ ވަރަށް ބުރަކޮށް ގިނަވަޤުތު މަސައްކަތްކޮށްގެންނެވެ. އެވަރުންވެސް ދެކޮޅު ނުޖެއްސޭތީ ނެގި ލޯނުތަކަށް ފައިށާދެއްކީވެސް ހަމަ ބައްޕައެވެ. ބައްޕަ އެހައި ބުރަކޮށް ގިނަ ވަޤުތު މަސައްކަތް ނުކުރިނަމަ ދަރިފުޅަކަށް ތިއަހިސާބަކަށް ނުދެވުނީހެވެ. ތިފަދަ ރަނގަޅު ވަޒީފާއެއްވެސް ނުލިބުނީހެވެ. ވީމާ ތިއަހިސާބަށް ދަރިފުޅުގެންދަން ބައްޕަވީ ޤުރްބާނީ މަންމައަށްވުރެ މާބޮޑެވެ. ވީމާ ބައްޕައަށް ތިއަފަދަ ބަސްތައް ނުބުނާށެވެ! އަވަހަށް މާފަށް އެދޭށެވެ!"
ވަރަށް ދެރަވެ ހުރެ ދަރިފުޅު މާފަށް އެދުމުން ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! ކުށްވެރިއަކީ ދަރިފުޅެއް ނޫނެވެ. ދަރިފުޅަށް އެނގުހިރި މިންވަރެވެ. އިންސާނުންނަށް އަބަދުވެސް ޤަބޫލުކުރެވޭނީ ލޮލަށް ފެންނަ ކަންކަމެވެ. އަބަދު ލޮލަށް ފެންނަނީ މަންމައެވެ. މަންމަ ކޮށްދޭ ކަންކަމެވެ. ބައްޕަކުރާ މަސައްކަތް ލޮލަކަށް ނުފެންނާނެއެވެ. ބައްޕައާއިމެދު ތިއަފަދަ ބަސްތައް ބުނެވެނީ އެހެންވެގެންނެވެ."
ބައްޕަގެ ވާހަކަ ނިމުމުން މުސާރައިން ދެންހުރި ބައްޕަގެ އަތަށް ދޭން އުޅުމުން ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! ބައްޕަގެ އަތަށް އެއްވެސް ފައިސާއެއް ދޭނެ ކަމެއް ނެތެވެ. ބައްޕަގެ މުސާރައަށް ލިބުނު ހުރިހާ ފައިސާއެއްވެސް ދިނީ މަންމަގެ އަތަށެވެ. މަންމައަށް ކުރިން ތިއަދިން ފައިސާއިން ގޭގެ ޚަރަދުތައް ކުރެވޭނެއެވެ. ދެން ތިއަހުރި ފައިސާއިން ބައެއް ރައްކާކޮށްފައި އަނެއްބައި ދަރިފުޅުގެ ބޭނުންތަކަށް ޚަރަދުކުރާށެވެ! ދަރިފުޅު އުފަލުގައި ހުރިއްޔާ ބައްޕަ އަބަދުވެސް ހުންނާނީ އުފަލުގައެވެ."
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގެ ކުރު ޚުލާޞާއެކެވެ. މިމައްސަލައަކީ ހަމަ އަޅުގަނޑޫމެންގެ ތެރޭގައިވެސް އޮންނަ މައްސަލައަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެނައީއެވެ. އަޅުގަނޑު އެދެނީ ކޮންމެ މަންމައަކީވެސް އެފަދަ މަންމައަކަށްބުމެވެ. ދަރިންނަށްޓަކައި ބައްޕަވާ ޤުރްބާނީ ދަރިންނަށް އަންގައިދޭ މަންމައަކަށްވުމަށެވެ. ދަރިންގެ ހިތުގައި މަންމައާއި ބައްޕައަށްވެސް ލޯބިއިތުރުވާނީ އެއިރުންނެވެ. އެކަނި ގޯލުޖަހަން އުޅެގެން ގިނަފަހަރު ބޯލަވަންނާނީ ބައިކޮޅަށެވެ.
- ނަޢީމް / މިއަދުނޫހުގެ ކިޔުންތެރިއެއް
ދަރިންގެ ހިތުގެ ލޯބި ބޭނުންވާނަމަ މައިން ސަމާލުކަންދޭންޖެހޭ އެންމެ ބޮޑު ކަންތައް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ