މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫނަށް ހުކުމް ކުރަން މިއަދު އޮތް އަޑުއެހުން ކެންސަލް

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާން)ގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ހިފުމުގެ ދައުވާތަކުގައި ބާކީ އޮތް ފަސް މައްސަލައިގައި ހުކުމް ކުރަން މިއަދު ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
ވީކިހިނެއް؟ - މައުމޫންގެ މައްޗަށް ހަތް ދައުވާއެއް ކުރެ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ އެމްޑީއަކަށް ހުރިއިރު، 2016 އާއި 2017 ދެމެދު ކޮށްފައިވާ ހަތް މުއާމަލާތަކުން ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް ޖުމްލަ 298،403.5 ޑޮލަރު (4.6 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ މައްސަލާގަ އެވެ.
އޭގެ ދެ ދައުވާއެއް ސާބިތުވެ، 12 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް މިދިޔަ ސެޕްޓެމްބަރު މަހު އިއްވާފައިވެ އެވެ.
ތަފްސީލް - ބާކީ އޮތް ފަސް ދައުވާ މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގަ އެވެ. ހުކުމް ކުރަން މިއަދު 11:30 އަޑުއެހުމެއް ތާވަލުކޮށްފައިވެ އެވެ. އެކަމަކު، އިދާރީ މައްސަލައަކާ ގުޅިގެން އެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށް ކޯޓުން ބުންޏެވެ.
މައުމޫން މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 10 ޑިސެމްބަރު 2013 އިން 16 ނޮވެމްބަރު 2018 އަށެވެ. މި މައްސަލާގައި މިހާރު ހިނގަމުންދާ ފަސް ދައުވާއަކީ: 
1 އޮގަސްޓް 2016ގައި: މައުމޫނާ ގުޅުން އޮންނަ މޮން އާކް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 49،949.50 ޑޮލަރު ޖަމާކޮށްފައިވާ މައްސަލަ
9 އޭޕްރީލް 2017ގައި: މައުމޫނާ ގުޅުން ހުރި އެހެން ކުންފުންޏެއް ކަމަށްވާ، އައި ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑްގެ އިސްލާމިކް ބޭންކް އެކައުންޓަކަށް 24،930 ޑޮލަރު ޖަމާކޮށްފައިވާ މައްސަލަ
15 މެއި 2017ގައި: މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 46،555 ޑޮލަރު ޖަމާކުރަން މަސައްކަތްކޮށްފައިވާ މައްސަލަ
23 އޮގަސްޓް 2017ގައި: މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 49،955 ޑޮލަރު ޖަމާކޮށްފައިވާ މައްސަލަ
8 އޮކްޓޯބަރު 2017ގައި: މައުމޫނުގެ އެއްބަފާ ބޭބެ ހަމީދުގެ ބީއެމްއެލް އެކައުންޓަކަށް 34،950 ޑޮލަރު ޖަމާކޮށްފައިވާ މައްސަަލަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ