ޕީސީއާރު ޓެސްޓިންގައި ޓެކްސްއަށް މަކަރު ހެދި ކަމަށް ތުހުމަތުކުރެވޭ 2 ޑޮކްޓަރަށް ދައުވާކޮށްފި

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ޕީސީއާރު ޓެސްޓުގެ ހިދުމަތް ދިނުމުގައި ޓެކްސްއަށް މަކަރު ހެދުމުގެ ތުހުމަތުކުރެވޭ ދެ ޑޮކްޓަރުންގެ މައްޗަށް އިއްޔެ ދައުވާ ކޮށްފި އެވެ.
ވީ ކިހިނެއް؟ - އޭރު ޕީސީއާރު ޓެސްޓިންގެ ހިދުމަތް ދިން ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތު ސޮލިއުޝަންސް ކުންފުންޏާއި އެ ތަނުގެ ދެ ޑިރެކްޓަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި  ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އިއްޔެ ބުންޏެވެ. 
އެއީ:
އައިލެންޑް ހެލްތު ސޮލިއުޝަންސް ކުންފުނީގެ ޑިރެކްޓަރު ޑރ. އަލީ އަބްދުﷲ ލަތީފު
 ޕައިނިއާ މޯލްޑިވްސްގެ ޑިރެކްޓަރު ޑރ. އިކްލީލް ޝަރީފް
ތަފްސީލް - ޕީޖީ އޮފީހުން މިއަދު ބުނީ، މި ދެ ކުންފުންޏާއި ދެ ޑޮކްޓަރުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި:
މި މައްސަލާގައި ދައުވާ ލިބޭ ކުންފުނިތަކުން މީރާއަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައިވާ އަދަދުތަކާއި ކުންފުނިތަކުގެ އަސްލު އާމްދަނީއަށް ބަލައި މީރާއިން ހިސާބުކޮށްފައިވާ އަދަދުތަކަށް ބަލާއިރު، މި ދެ ކުންފުނިން 20.2 މިލިއަން ރުފިޔާގެ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވެފައިވޭ
މި މައްސަލާގައި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ކުންފުނިތަކުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާ ހާލަތުގައި، ޓެކްސް ދެއްކުމުން އެއްކިބާވި އަދަދުގެ ދެ ގުނައަށްވާ 40.4 މިލިއަން ރުފިޔާއިން ކުންފުނިތައް ޖޫރިމަނާކުރުމުގެ އަދަބު ކަނޑައަޅައިދިނުމަށް ކޯޓުގައި އެދުމަށް މި އޮފީހުން ގަސްދުކުރަން
އައިލެންޑް ހެލްތު ސޮލިއުޝަންސް ކުންފުނީގެ މައްޗަށް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ 3 ދައުވާގެ އިތުރުން، ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާކޮށްފައިވެ އެވެ.
މި ކުންފުނީގެ ޑިރެކްޓަރު ލަތީފުގެ މައްޗަށް ކުރީ، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ 3 ދައުވާ އެވެ. ލަތީފަކީ އައިލެންޑް ހެލްތް ސޮލިއުޝަންސްގެ %50 ހިއްސާ އޮންނަ ކުންފުނި ހިންގުމުގައި އިސް ދައުރެއް އަދާކުރާ މީހެކެވެ.
ޕީޖީ އޮފީހުން ބުނީ، ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ ވެސް ލަތީފްގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމާއި ކޮވިޑް ދުވަސްވަރު މި ކުންފުނިތައް ހިންގުމުގައި ލަތީފް އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
ޕައިނިއާ މޯލްޑިވްސްގެ މައްޗަށް ކުރީ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ 2 ދައުވާ އެވެ.
މި ކުންފުނީގެ ޑިރެކްޓަރު އިކްލީލްގެ މައްޗަށް ކުރީ، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ 3 ދައުވާ އެވެ. އިކްލީލަކީ އައިލެންޑް ހެލްތް ސޮލިއުޝަންސް އާއި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެޖޯރިޓީ ހިއްސާދާރެވެ.
މީގެ އިތުރުން، އަލީ ފަޔާޒް، ބޯވެލި/އދ. މާމިގިލި މައްޗަށް، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ 5 ދައުވާ ކުރި އެވެ. އަލީ ފަޔާޒަކީ މި ދެ ކުންފުނީގެ ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތެވެ. 
ޕީޖީ އޮފީހުން ބުނީ، މި މައްސަލާގައި ވަކިވަކި މީހުންގެ މައްޗަށް ދައުވާކޮށްފައިވާނީ ދައުވާ ލިބޭ ކުންފުނިތަކުގައި އެ މީހުން އަދާކުރާ ދައުރަށް ބަލާފަ ކަމަށެވެ. ވަކިވަކި މީހުންގެ މައްޗަށް ކުށް ސާބިތުވާ ހާލަތުގައި ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށް ކޯޓުގައި އެދެން ގަސްދުކުރާ ކަމަށް އެ އޮފީހުން ބުންޏެވެ.
އެނގުން މުހިންމު - މީރާއިން ބުނި ގޮތުގައި، ކޮވިޑްގެ ދުވަސްވަރު ޕީސީއާރު ޓެސްޓިންގެ ހިދުމަތް ދިނުމުގައި އެންމެ އިސްކޮށް އެ ދެ ކުންފުނިން ހަރަކާތްތެރިވި ނަމަވެސް، އެ ތަންތަނުން މީރާއަށް ހުށަހެޅި އިންކަމް ޓެކްސްގެ ބަޔާނުގައި، ޓެކްސް ނެގޭ އާމްދަނީ ހިމަނާފައިވަނީ ވަރަށް ބޮޑަށް ދަށްކޮށްގެންނެވެ.
އެގޮތުން:
އައިލެންޑް ހެލްތު ސޮލިއުޝަންސް އިން ހުށަހެޅި ބަޔާންތަކުގައި 31.9 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ ހިމަނާފައެއް ނުވޭ
ޕައިނިއާ މޯލްޑިވްސްއިން ހުށަހެޅި ބަޔާންތަކުގައި 102.7 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ ހިމަނާފައެއް ނުވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ