ވުޖޫދުގައި ނެތް ފުލެޓާއި ގޯއްޗަށް ހުޅުވާލުމަކީ އިންތިޚާބަށް ޖައްސާ ސްކޭމެއް: ދީދީ

ވުޖޫދުގައި ނުވެސް ނެތް ފުލެޓުތަކަކާއި ގޯތިތަކަކަށް ހުޅުވާލި ފުރުސަތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ހިންގާ ސްކޭމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރުން ވަނީ 15،000 ގޯއްޗާއި 7،900 ފުލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ، ސަރުކާރަށް މިވީ ދެ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެއްވެސް ފުލެޓެއްގެ ބިންގާ އެޅިފައިނުވާ ކަމަށެވެ. އަދި، އެއްވެސް އެ ފަދަ މަޝްރޫއަކަށް ފައިސާ ލިބޭނެކަމުގެ ނިޝާނެއް ވެސް ފެންނަން ނެތް ކަމަށް ވިދާޅުވެ، އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. "މިހާރު ނުކުމެ އަނެއްކާ އިންތިޚާބަކާ ދިމާކޮށް މިގޮތަށް ކަންތައް ކުރީމާ، މިއީ ހަމަ ސީދާ އިންތިޚާބަށް ނުފޫޒު ފޯރުވަންކަން ހުރިހާ ރައްޔިތުންނަށް ވެސް އެނގޭ،" އޭނާ ވިދާޅުވިއެވެ. އަހުމަދު ދީދީ ވިދާޅުވީ، މިދިޔަ އެމްޑީޕީ ސަރުކާރުގައި ގޯތި ދޫކުރަން ހުޅުވާލުމުން 'ކަނޑުން' ގޯތި ދެނީ އިންތިޚާބަށް ކަޑަޖަހާ އުސޫލުން ކަމަށް ޕީއެންސީން ތުހުމަތުކުރިއިރު، އޭރުގެ ހާލަތު ތަފާތެވެ. އޭނާ ވިދާޅުވީ، އޭރު މަޝްރޫއުތައް ކުރިއަށްދާތަން ފެނުނު ކަމަށެވެ. އަދި، މަޝްރޫއުތަކަށް ފައިސާ ވެސް ހަމަޖެހިފައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. "ވުޖޫދުގައި ނެތް ތަނެއްގައި މިގޮތަށް އާބާދުކުރަން ގޯތި ދޭނަމޭ ކިޔާފައި ދައްކާ ދަޅައަކީ އަޅުގަނޑު ދެކޭ ގޮތުގައި ހަމަ ރައްޔިތުން ގުނބޯ ހައްދަން ވެގެން ކައުންސިލް އިންތިޚާބާ ދިމާކޮށް ޖައްސާ ސްކޭމެއް ހަމަ،" އޭނާ ތުހުމަތުކުރެއްވިއެވެ. މިދިޔަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައި އިޝްތިހާރުކުރިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އަހަރު ނިމުނުއިރު އެ ބަޖެޓުގެ 89 ޕަސެންޓް ވީނުވީ ތަނެއް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ. "ރާއްޖޭގެ އެއްވެސް ރަށެއްގައި އަދި ހައުސިން ޕްރޮޖެކްޓެއް މި ސަރުކާރުން އައިސް ބިންގާ އަޅައިގެން ކުރިއަށްދާތަނެއް އަޅުގަނޑަކަށް ނުއެއް ފެނޭ. އެމްޑީޕީ ސަރުކާރުގައި އަޅާފައި ހުރި ބައެއް ކަންތައްތައް އެބަ ކުރިއަށްގެންދޭ،" ދީދީ ވިދާޅުވިއެވެ. "ދައްކާ ވާހަކައަކާއި އަމަލަކާ އެއްވެސް ވަރަކަށް ދިމައެއްނުވޭ،" https://sun.mv/216827 އޭނާ ވިދާޅުވީ، ސަރުކާރަށް މިވީ ދެ އަހަރަށްވުރެ ދިގު މުއްދަތުގައި ބިންގާ ނޭޅޭ ފުލެޓެއް ނިންމާ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ވެސް ރައްޔިތުންނަށް ފޯރުކޮށްނުދެވޭނެ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އެމްޑީޕީ ސަރުކާރުގައި ފުލެޓާއި ގޯތީގެ ލިސްޓް ހެދިއިރު ފުލެޓުތަކާއި ބިންތައް ނުނިމެއެވެ. އޭރު ދޫކުރި ބައެއް ގޯތިތައް ހުރި ބިންތައް އަދިވެސް ހިއްކާ ނުނިމެއެވެ. އެކަމަކު، މި ސަރުކާރުން ވެސް ވަނީ އެދެން ހުޅުވާލީ މިހާރު ޔަގީންވެފައިވާ ފުލެޓާއި ގޯއްޗަށް ކަމަށް ބުނެފައެވެ. އެ ގޮތުން، 7،900 ފުލެޓަކީ ވެސް މިހާރު ފައިސާ ހަމަޖެހި، މަސައްކަތް ފަށަންވެފައި ހުރި ތަންތަން ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި، ރަސްމާލެ ވެސް ބާރު ސްޕީޑުގައި ހިއްކާ، ދައުރު ނިމުމުގެ ކުރިން ޝަރުތުހަމަވާ އެންމެންނަށް ގޯއްޗާއި ފުލެޓު ދޫކުރެވޭނެ ކަމަށް ސަރުކާރުން ބުންޏެވެ. މި ސަރުކާރުން ވަނީ މާލޭ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ކުރިމަތިލާން ހުޅުވާލާފައެވެ. މި ގޮތުން، ގޯއްޗަށް އެދުމުގެ ފުރުސަތު ދީފައިވަނީ އަންނަ މާރިޗު ހަތަރެއްގެ 23:59 އަށް ކަމަށްވާއިރު، ފުލެޓަށް އެދި އެޕްލައިކުރެވެނީ އަންނަ އޭޕްރީލް 17ގެ 23:59 އަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދައުރުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ވައުދުވެވަޑައިގެންފައިވެއެވެ. އަދި، އެ މަނިކުފާނުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެކުލަވާލި އުސޫލުގައި، ކުރީ ސަރުކާރުގެ އުސޫލާ ތަފާތު ބައެއް ކަންކަން ހިމަނާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ