ނޭޓޯގެ 200އެއްހާ މަގާމު އެމެރިކާއިން މަދުކުރަނީ

ނޭޓޯގެ މުހިންމު ކޮމާންޑް ސެންޓަރުތަކުގައި ތިބޭ އެމެރިކާގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް އެމެރިކާ ސަރުކާރުން ރާވަމުންދާ ކަމަށް ބޭރުގެ ނޫސްތަކުން ބުނެފި އެވެ.
މިއީ ނޭޓޯގެ އިއްތިހާދާ މެދު އެމެރިކާއިން ކުރިއަށް އޮތް ތަނުގައި ބާއްވާނެ ގުޅުމާ މެދު ޔޫރަޕްގެ ގައުމުތަކުގެ މެދުގައި އޮތް ކަންބޮޑުވުންތައް އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ.
މިކަމާ ގުޅުންހުރި އިތުބާރު ހުރި މަސްދަރުތަކުން ވޮޝިންޓަން ޕޯސްޓާއި ރޮއިޓާސްއަށް ބުނި ގޮތުގައި، ނޭޓޯގެ އަސްކަރީ އަދި ޖާސޫސީ އޮޕަރޭޝަންތައް ރާވައި ބަލަހައްޓާ ބައެއް އިދާރާތަކުން 200އެއްހާ މަގާމު އުނިކުރާނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މިހާރު ވަނީ ޔޫރަޕްގެ ބައެއް ގައުމުތަކަށް އަންގާފަ އެވެ.
މި ބަދަލުގެ އަސަރު ކުރާނެ އިދާރާތަކުގެ ތެރޭގައި އިނގިރޭސިވިލާތުގައި ހުންނަ ނޭޓޯގެ އިންޓެލިޖެންސް ފިއުޝަން ސެންޓަރާއި ބްރަސަލްސްގައި ހުންނަ އެލައިޑް ސްޕެޝަލް އޮޕަރޭޝަންސް ފޯސަސް ކޮމާންޑުގެ އިތުރުން، ކަނޑުގެ އޮޕަރޭޝަންތައް ބަލަހައްޓާ ޕޯޗުގަލްގައި ހުންނަ 'ސްޓްރައިކްފޯ ނޭޓޯ' ހިމެނެ އެވެ.
މި މަގާމުތައް މަދުކުރުމަށް ހަމަޖެހިފައިވަނީ މިހާރު ތިބި މުވައްޒަފުން ވަގުތުން އަނބުރާ ގެންގޮސްގެންނެއް ނޫނެވެ. އޭގެ ބަދަލުގައި، މިހާރު ތިބި މުވައްޒަފުންގެ މުއްދަތު ހަމަވެގެން ވަކިވުމުން، އެ މަގާމުތަކަށް އާ މީހުން އައްޔަން ނުކުރާ ގޮތަށެވެ. މިހާރު މި އިދާރާތަކުގައި އެމެރިކާގެ 400އެއްހާ މުވައްޒަފުން ތިބިއިރު، މި ނިންމުމުގެ ސަބަބުން އެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދުވެގެންދާނެ އެވެ.
ޔޫރަޕްގެ އެކި ސަރަހައްދުތަކުގައި އެމެރިކާގެ 80،000އެއްހާ ސިފައިން ތިބިއިރު، މިއީ ނިސްބަތުން ކުޑަ އަދަދެކެވެ. ނަމަވެސް، މި ބަދަލު މި ގެންނަނީ ނޭޓޯގެ އިއްތިހާދުގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ކަމުން، މިއީ ޔޫރަޕްގެ ގައުމުތަކުގެ ސަރުކާރުތަކަށް ލިބޭނެ އިތުރު ހާސްކަމެކެވެ.
މި ނިންމުމަކީ އެމެރިކާގެ އަސްކަރީ ވަސީލަތްތައް ހުޅަނގުގެ ބިތަށް ބަދަލުކުރުމަށް ޓްރަމްޕް ސަރުކާރުން ގެންގުޅޭ ސިޔާސަތާ އެއްގޮތް ނިންމުމެކެވެ. އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެންމެ ފަހުގެ ލިޔެކިޔުންތަކުގައި އެ ސަރަހައްދަށް އިތުރު ސަމާލުކަމެއް ދިނުމަށް ގޮވާލާފައިވާތީ، ކުރިއަށް އޮތް ތަނުގައި ޔޫރަޕަކީ އެމެރިކާގެ އެންމެ އިސްކަންދޭ ސަރަހައްދުތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
މިދިޔަ މަހުގެ ކުރީކޮޅު އެމެރިކާގެ އޮފިޝަލުން ޑިޕްލޮމެޓުންނަށް މައުލޫމާތު ދެއްވި ގޮތުގައި، އަންނަ އަހަރުގެ ނިޔަލަށް ނޭޓޯގެ އާންމު ދިފާއީ ގާބިލުކަމުގެ ބޮޑު ބައި ޔޫރަޕްގެ ގައުމުތަކުން އަމިއްލައަށް އުފުލުމަށް ވޮޝިންޓަނުން ބޭނުންވެ އެވެ. ނަމަވެސް މިއީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ޔޫރަޕްގެ ގިނަ އޮފިޝަލުން ދެކެވަޑައިގަންނަވަ އެވެ.
މީގެ އިތުރުން، ޑެންމާކުގެ ބައެއްގެ ގޮތުގައި އޮންނަ ގްރީންލޭންޑް ހޯދުމަށް ޓްރަމްޕް އަލުން މަސައްކަތް ފެއްޓެވުމާއި އެކަމުގައި ޑެންމާކުގެ ސިޔާދަތަށް ތާއީދުކުރާ ނޭޓޯގެ ބައެއް ގައުމުތަކާ ދެކޮޅަށް އަންނަ މަހުން ފެށިގެން ޓެރިފްތައް ކުރިމަތިކޮށްފާނެ ކަމުގެ އިންޒާރު ދެއްވުމުން، މަސްރަހުގެ ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފަ އެވެ.
ނޭޓޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މުވައްޒަފުންގެ އަދަދަށް ބަދަލު އައުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. އަދިވެސް ޔޫރަޕްގައި އެމެރިކާގެ ސިފައިން ތިބި އަދަދު ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ގިނަކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ނޭޓޯގެ ދިފާއީ ބާރު ވަރުގަދަކޮށް، ދުޝްމަނުން ހުއްޓުވުމުގެ ގާބިލުކަން ދެމެހެއްޓުމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކާ އެކު ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ