ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއަކަށް ވެސް ހުރީ ފައިސާ ހަމަޖެހިފައި: މުއްތޮލިބު

މި ސަރުކާރުން އިއުލާނުކޮށްފައިވާ 'ބޯހިޔާވަހިކަން އެންމެންނަށް' ސްކީމުގެ ދަށުން ދޫކުރާ 7،900 ފްލެޓަކީ ވުޖޫދުގައި ނެތް އެއްޗެހި ކަމަށް ނުބުނެވޭނެ ކަމަށާއި މި ހުރިހާ ޕްރޮޖެކްޓަކަށް ވެސް ފައިސާ ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ހުރިހާ ފްލެޓުތަކަކީ ޕްރޮޖެކްޓު ފޯމިޔުލޭޓުކުރެވި، ފައިސާ ހަމަޖެހިފައި ހުރި ޕްރޮޖެކްޓުތަކެއް ކަމަށެވެ.
ތަފްސީލް - މިދިޔަ އާދިއްތަ ދުވަހު ހުޅުވާލި ފުރުސަތުގެ ދަށުން ދޫކުރާ ފްލެޓުތަކުގައި އިންޑިއާ އާއި ޗައިނާގެ އިތުރުން ސައުދީގެ އެހީގައި އަޅާ ފްލެޓުތައް ހިމެނެ އެވެ. މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށާފައިވާ 3،300 ފްލެޓު ވެސް މީގެ ތެރޭ ހިމެނޭކަމަށް މުއްތޮލިބު ރޭ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ:
އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގުޅިފަޅުގައި 4،000 ހައުސިން ޔުނިޓު އަޅާނެ؛ އުއްމީދަކީ މި އަހަރުގެ މެދުތެރޭ އަމަލީ މަސައްކަތް ފެށުން
ސައުދީގެ އެހީގައި 400 ހައުސިން ޔުނިޓު އަޅާނެ
ޗައިނާގެ އިންޓްރެސްޓް ފްރީ ލޯނެއްގެ ދަށުން 500 ޔުނިޓު އަޅާނެ
"މި 7،900 ޔުނިޓަކީ މިހާރު ވެސް ޔަގީންވެފައި ހުރި އަދަދަށް ވުރެ ވެސް މަދު އަދަދެއް. އަޅުގަނޑުމެން އިއުލާނުކޮށްފައި ހުރި ފްލެޓުތަކަކީ ވުޖޫދުގައި ނެތް އެއްޗެކޭ ނުދެންނެވޭނެ،" މުއްތޮލިބު ވިދާޅުވި އެވެ.
"މިއިން ކޮންމެ އެއްޗަކީ ޕްރޮޖެކްޓުތައް ފޯމިޔުލޭޓު ކުރެވިގެން، މަސައްކަތް ކުރެވި ފައިސާ ހަމަޖެހިފައި ހުރި ޕްރޮޖެކްޓުތަކެއް. އެކި ގައުމުތަކުގެ އެހީގައި ހިނގާ މަޝްރޫއުތަކެއް ވެއްޖެއްޔާ ޕްރޮސެސްތަކެއް ހުންނާނެ."
މި ސަރުކާރު ވެގެންދާނީ 2008 ވަނަ އަހަަރުގެ ފަހުން ސަރުކާރަކުން ފަށާ ހައުސިން ޕްރޮޖެކްޓެއް ނިންމައި ރައްޔިތުންނަށް އެ ތަނުގައި ދިރިއުޅެން ފުރުސަތު ދޭ ފުރަތަމަ ސަރުކާރަށް ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.
އެނގުން މުހިއްމު - މި ސަރުކާރުން ހުޅުވާލާފައިވާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު 17 އޭޕްރީލްގެ ނިޔަލަށް އޮންނާނެ އެވެ.
ފްލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ޖުމްލަ 7،900 ފްލެޓު ދޫކުރާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
މާލޭ ރަށްވެހިން - 4،000 ފްލެޓު
މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ މީހުން - 1،500 ފްލެޓު
18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިން - 100 ފްލެޓު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް - 100 ފްލެޓު
އަލަތު ކައިވެނި ކުރާ ފަރާތްތައް/ޒުވާން އާއިލާތައް - 250 ފްލެޓު
މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުން - 50 ފްލެޓު
މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން - 200 ފްލެޓު
މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝަރީ ދާއިރާގެ މުވައްޒަފުން - 100 ފްލެޓު
މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފްތަރުގައި ހިމެނޭ މީހުން - 100 ފްލެޓު
މައިމުޅަވުމުގެ ސަބަބުން ގޯތި މިލްކުުކުރުމުން މަހުރޫމުވެފައިވާ މީހުން - 50 ފްލެޓު
ވެށިފަހި އަދި ހިޔާ މަޝްރޫއުން ފްލެޓު ލިބޭނެ ކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓު ނުލިބޭ މީހުން - 500 ފްލެޓު
ދިރިއުޅޭނެ ބޯހިޔާވަހިމަމެއް ނެތި މާލޭގައި އުޅޭ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހައުސިން މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމެންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ފަރާތްތައް - 50 ފްލެޓު
ފުލުހުން - 100 ފްލެޓު
ސިފައިން - 100 ފްލެޓު 
ސިވިލް ސާވިސް - 200 ފްލެޓު
ކަރެކްޝަނަލް ސާވިސް - 100 ފްލެޓު
އެކި އިދާރާތަކާއި މުއައްސަސާތަކަށް ހާއްސަ 400 ފްލެޓު؛ މީގެ ތެރޭގައި ރައީސް އޮފީސް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ، މީރާ، އެލްޖީއޭ، ޖޭއެސްސީ، ފޮރިން ސާވިސް، އޭޖީ އޮފީސް، އީސީ، ސީއެސްސީ، އެޗްއާރުސީއެމް، އޭސީސީ، ޕީޖީ އޮފީސް، އޮޑިޓް އޮފީސް، އެމްއެމްއޭ، ޕެންޝަން އޮފީސް، އެންއައިސީ، މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން، އެފްޕީއޭ، އާބިޓްރޭޝަން ސެންޓަރު، ޗިލްޑްރަންސް އޮމްބަޑްޕާސަންގެ އޮފީސް، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފީސް، ސީއެމްޑީއޭ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަދި ޓެކްސް އެޕީލް ޓްރައިބިއުނަލް ހިމެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ