އާސަންދައިގެ ކުރިން، އެ ޚިދުމަތް ދެއްވީ ގާސިމް: އަމީން

ނިޒާމެއްގެ ތެރެއިން ބޭސް ފަރުވާއަށް އެހީތެރިކަން ބޭނުންވާ މީހުންނަށް ދައުލަތުން އެހީވުމުގެ ކުރިން، އެ ޚިދުމަތް ދެއްވަމުން ގެންދެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މަހުޖަނު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ކަމަށް، ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ. ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް އެ ޕާޓީގެ ޓިކެޓު ލިބިވަޑައިގެން ގާސިމްގެ ކެމްޕޭނަށް ރޭ ރ. ދުވާފަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ނިޒާމެއްގެ ތެރެއިން ބޭސް ފަރުވާއަށް އެހީތެރިކަން ބޭނުންވާ މީހުންނަށް ދައުލަތުން އެހީވާން ފެށުމުގެ މާ ކުރިން ފެށިގެން ގާސިމް އަންނަނީ ހާލުގައި އުޅޭ އާއިލާތަކަށް އެހީވަމުން ކަމަށެވެ. އަދި، މިހާރު ވެސް އާސަންދައިގެ ނިޒާމު އޮންނަނީ އެންމެ ހަރުދަނާ ގޮތެއްގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. "ބޮޑު ކަމެއް ދިމާވާ ކޮންމެ ފަހަރެއްގައި، މީހުންގެ ސިކުނޑިއަށް ފުރަތަމަ އަންނަނީ، ވިސްނުމަށް އަންނަނީ ގާސިމްގެ ނަމޭ،" އަމީން ވިދާޅުވިއެވެ. "ރައްޔިތަކަށް ހާސް ކަމެއް ވެއްޖިއްޔާ، ފުރަތަމަ އަންނަނީ، ގާސިމްގެ ނަމޭ. އެހެންވީމާ ގާސިމް ވިދާޅުވަނީ ކީކޭ؟ ހާސް ކަނޑާލާ ހަމަޖެހޭނެ. އެއީ ހަގީގަތަކީ،" ޖޭޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް އަލިމަސް ކާނިވާގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފައިލް ފޮޓޯ: މުހައްމަދު ސާތިއު އަބްދުﷲ އޭނާ ވިދާޅުވީ، އާސަންދަ އުފެއްދުމުގެ މާ ކުރިން ގާސިމް ވަނީ އާސަންދަ އުފައްދަވާފައި ކަމަށެވެ. އެގޮތުން، ދިވެހިން އެންމެ ގިނައިން ބޭސް ފަރުވާއަށް ދާ ގައުމުތަކުގައި މުވައްޒަފުން ބައިތިއްބައިގެން ގާސިމް ވަނީ އޮފީސް ހިންގާފައި ކަމަށް އަމީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރު އާސަންދައިން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންގެ މުހިއްމު ގިނަ ޚަރަދުތަކެއް ކަވަރު ނުކޮށްދޭ ކަމަށެވެ. "މާ ކުރިން ފުލް ޕެކޭޖު ދެއްވަމުން ވަޑައިގެންނެވި ބޭފުޅަކު އެބަހުރި، މިއަދު މި ލިބޭ އާސަންދަ ފުރިހަމަ ކުރަން އެއަށްވުރެ މޮޅު މީހަކު ހުންނާނެތޯ؟ އެއަށްވުރެ ފުރިހަމައަށް އެކަން ކޮށްދެވޭނެ ބޭފުޅަކު ހުންނާނެތޯ؟ ނުހުންނާނެ، އޭނާއަށް [ގާސިމަށް] އެންމެ ރަނގަޅަށް އެ ތަޖުރިބާ ލިބިފައި ހުރީ،" އޭނާ ވިދާޅުވިއެވެ. އެހެންވެ، ގާސިމްގެ ވެރިކަމެއްގައި އާސަންދައިގެ ނިޒާމު ހަރުދަނާކޮށް، ދިމާވާ މައްސަލަތައް ހައްލު ކޮށްދެއްވާނެ ކަމަށް އަމީން ވިދާޅުވިއެވެ. ޖޭޕީގެ ފަރާތުން، 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު ވެސް ރިޔާސީ ރޭހަށް ނުކުންނެވި، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް ގެންދަވަނީ މި އަހަރުގެ އިންތިޚާބަށް ވެސް ކެމްޕޭން ކުރައްވަމުންނެވެ. ސަރުކާރު ކޯލިޝަންގައި އޮތް ޖޭޕީން ވަނީ، ވަކިން އިންތިޚާބުގައި ވާދަކުރަން ނިންމައި ގާސިމަށް ޓިކެޓު ވެސް އަރުވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ