މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން އަވަސްކޮށްދިނުމަށް ގޮވައިލާ މެމްބަރު އާޒިމްގެ ގަރާރެއް

މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން އަވަސްކޮށްދިނުމަށް އެދި ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.
އެ ގަރާރުގައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފަސް އަހަރު ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، މާލޭގެ އެއްވެސް ރައްޔިތަކަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ފޯރުކޮށްދެވިފައިނުވާ ކަމަށެވެ.
މީގެ އިތުރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ތަކުރާރުކޮށް މެންބަރުން އެދެމުންދާ ކަމަށާއި އެހެންނަމަވެސް ސަރުކާރުން އެ މަސައްކަތް ކުރަމުންދަނީ ވަރަށް ލަސް އަދި އެއްވެސް މިސްރާބެއް ނެތި ކަމަށް ވެސް އެ ގަރާރުގައި ވަނީ ބުނެފައެވެ.
އާޒިމްގެ ގަރާރުގައި އިތުރަށް ބުނެފައިވަނީ "ބޯހިޔާވަހިކަމެއް ހޯދުމަށް ބޭނުންވާ ތަނަވަސްކަން ފަހިކޮށްދިނުމަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތްތަކެއް މިހާތަނަށްވެސް ކޮށްފައި ނުވާ ކަމަށެވެ. އަދި ސަރުކާރުގެ "ގެދޮރުވެރިން ޕްރޮގްރާމް"ގެ ދަށުން ހިންގާ 'ބިންވެރިޔާ' އަދި 'ގެދޮރުވެރިޔާ' ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާ ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށް ސަރުކާރުން އެކުލަވާލާފައިވާ "ގެދޮރުވެރިންގެ ކޮމިޓީން ކުރަމުން ގެންދާ މަސައްކަތަކީ ދެފުށް ފެންނަ އަދި ރައްޔިތުންނަށް އިތުުބާރު ހިފޭ ގޮތަކަށް ކުރެވޭ މަސައްކަތަކަށް ވާންޖެހޭ ކަމަށް ވެސް ވަނީ ބުނެފައެެވެ.
ގަރާރުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަލުވިކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.
ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް މިދިޔަ ޖޫން 26 ވަނަ ދުވަހު ސަރުކާރުން ހުޅުވާލާފައިވާއިރު، މިހާރު ނިންމާފައި ވަނީ ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދިނުމަށެވެ. އެ 5،000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާނީ 3،000 ގޯއްޗެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހަށް އެ މުއްދަތު ހަމަވި އިރު، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައެޅި 3000 ގޯއްޗަށް އެދި ޖުމްލަ 15،164 މީހުން ހުށަހަޅާފައިވެ އެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައެޅި 4000 ފުލެޓަށް އެދި 20،697 މީހުން ހުށަހަޅާފައިވެ އެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއެކު އެ ޕާޓީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އަންނަނީ ސަރުކާރާ ދެކޮޅު ގަރާރުތައް މަޖިލީހަށް ހުށަހަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ