ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުދޭ މައްސަލަ ހައި ކޯޓަށް

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ހައްގުވާ ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ކޮންމެ ދެ އަހަރުން އެއް އަހަރު މުވައްޒަފުންނަށް ދޭންޖެހޭ މުސާރައިގެ ކުރިއެރުން 2018 ވަނަ އަހަރުން ފެށިގެން ނުދޭތީ އެ މައްސަލަ މުވައްޒަފުންތަކެއްގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި އެވެ.
ނަމަވެސް ޓްރައިބިއުނަލުން މިމަހު ނިންމީ އެ ފައިސާ މުވައްޒަފުންނަށް ހައްގު ވިޔަސް، ބަޖެޓް ހަމަޖެހިފައި ނެތުމުގެ ސަބަބުން އެ ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ. އެ މައްސަލަ އިސްތިއުނާފު ކުރަން މުވައްޒަފުންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދޭންޖެހޭ ގޮތަށް މުވައްޒަފުންގެ ގަވާއިދުގައި އޮތް ބައި ވެސް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އެ ގަވާއިދު އޭރު އޮތްގޮތުން މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު 70 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދެ އަހަރުން އެއް އަހަރު ދޭންޖެހެ އެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އޮނިގަނޑު އޮންނަ ގޮތުން ޖުޑީޝަލް އެލަވަންސާއި އިތުރު ގަޑީގެ ފައިސާ ވެސް ހިސާބު ކުރަނީ މުސާރައިގެ ނިސްބަތުންނެވެ. އެހެންވެ، މުސާރައިގެ ކުރިއެރުން ނުލިބޭތީ އެ އެލަވަންސްތަކަށް ވެސް ކުރިއެރުމެއް ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ